އެމްބިއުލާންސް ލަސްވުމުގެ ސަބަބުން ފަރުވާ ދިނުން ލަސްވެގެން ނިޔާވި ކުޑަކުއްޖާ ފާޠިމަތު މިޝްކާ މުޙައްމަދުގެ މަރުގެ މައްސަލާގައި ހެލްތު މިނިސްޓްރީގެ އިހުމާލު އެބައޮތްކަމުގައި ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު އަޙްމަދު ނަސީމަ ވިދާޅުވީ މިޝްކާ ނިޔާވުމުގައި ހެލްތު މިނިސްޓްރީއާއި އެމިނިސްޓްރީގެ ދަށުން ހިންގަމުންދާ މުއައްސަސާތަކުގެ އިހުމާލު އޮތްކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ. އެހެންކަމުން މިކަމުގައި އިހުމާލުވީ މުއައްސަސާތަކުގެ ކޮންކޮން ބައެއްކަން ދެނެގަތުމަށް މިހާރު ތަހްގީގެއް ފަށާފައިވާކަމަށެވެ. އެޙާދިސާއާ ގުޅޭގޮތުން ތަފްސީލުކޮށް ވާހަކަފުޅުދައްކަވަން އެނގިވަޑައިގަންނަވާނީވެސް އަދި އިހުމާލުވީ ކޮންކޮން ބައެއްކަން ވިދާޅުވެވޭނީވެސް މި ތަހްގީގު ނިމުމުންކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
ޢުމުރުން 10 އަހަރުގެ މިޝްކާގެ ޙާލު ބޮޑުވެ އެމްބިއުލަންސްއަށް ގުޅުމުން އެމްބިއުލާންސް ފޮނުވުމުގައި ލަސްވި މައްސަލަ މިހާރުދަނީ ތަހްޤީޤުކުރަމުންނެވެ. މިމައްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭ އެންމެންނަޑް ފިޔަވަޅު އަޅާނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވިއެވެ.
މިނިސްޓަރ އަޙްމަދު ނަސީމް މިރޭ ވިދާޅުވީ މިފަދަ އިތުރު ޙާދިސާއެއް ނުހިނގާނެހެން ކަންކަން އިންތިޒާމުކޮށް އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެކަމަށެވެ. އަދި އަބަދުވެސް މަސައްކަތްކުރައްވަނީ ކަންކަން އިތުރަށް ރަނގަޅުކުރުމަށްކަމަށާ، ހިނގައި މިދިޔަ ކަމަކީ ވަރަށް ދެރަ އެހާމެ ހިތާމަވެރި ޙާދިސާއެއްކަމަށެވެ.
އެމްބިއުލާންސް އައުން ލަސްވެގެން ފަރުވާ ނުދެވި ނިޔާވި މިޝްކާގެ މަރުގެ ޙާދިސާއާ ގުޅިގެން ބައެއް އުސޫލުތަކަށް ވަނީ މިހާރު ބަދަލު ގެނެސްފައެވެ. ކޯވިޑަށް ޕޮޒިޓިވްވެފައިވާ މިޝްކާ ރޭ ކުއްލިއަކަށް ހާލުބޮޑުވެގެން އެމްބިއުލެންސަށް ގުޅީ ރޭ 9:00 ޖެހިއިރު ކަމަށް ޢާއިލާއިން ހާމަކުރެއެވެ. އެހެންނަމަވެސް އެމްބިއުލެންސް އައީ އޭގެ 2 ގަޑިއިރެއްހާއިރު ފަހުންނެވެ. އެމްބިއުލާންސް ލަސްވެގެން އެޗްޕީއޭއާއި އައިޖީއެމްއެޗަށްވެސް ޢާއިލާއިން ގުޅިއެވެ. މިޝްކާ ނިޔާވީ ރޭ މެންދަމު 12:10 ގައި، އައިޖީއެމްއެޗް އިމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށެވެ.