ސަރުކާރުގެ ގިނަ މުއައްސަސާތަކެއް ހުންނަ ވެލާނާގޭގައި ހުންނަ އެޑިޔުކޭޝަން މިނިސްޓްރީގެ އޮފީހެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި އަލިފާން ރޯވީ ވެލާނާގޭ އަށްވަނަ ފަންގިފިލާގައި ހުރި އެޑިޔުކޭޝަން މިނިސްޓްރީގެ އޮފީހެއްގެ ތެރޭގައެވެ. އަލިފާން ރޯވީ އެ އޮފީހުގައި ހުރި ކަރުދާސް ތަކެއްގައި ކަމަށްވެއެވެ. ނަމަވެސް އެއީ ކޮންކަހަލަ ކަރުދާސްތަކެއް ކަމެއް އަދި ސާފެއް ނުވެއެވެ. އަލިފާން ރޯވި ކަރުދާސްތަކާ ބެހޭ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީން އަދި ވަކި އެއްޗެއް ނުބުނެއެވެ.
އެމްއެންޑީއެފުން ބުނީ އެޑިޔުކޭޝަން މިނިސްޓްރީގެ އޮފީހުގައި ހުރި ކަރުދާސް ތަކުގައި ރޯވި އަލިފާން ގަނޑު ނިއްވާލުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ބޭފުޅަކަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްގެން ހޮސްޕިޓަލުން ފަރުވާ ހޯދަންވެސް ޖެހުނު ކަމަށެވެ.
ނަމަވެސް ގިނަ އަދަދެއްގެ ސަރުކާރު މިނިސްޓްރީ ތަކާއި ބަޔެއް އެހެން މުއައްސަސާތައްވެސް ހުންނަ އިމާރާތުގެ އަށްވަނަ ފަންގިފިލާގައި ރޯވި އަލިފާންގަނޑު ފެތުރިގެން ނުދަނީސް އެމްއެންޑީއެފުން ވަނީ އަލިފާން ގަނޑު ކޮންޓްރޯލްކޮށް ނިއްވާލާފައެވެ.