ޤުދްސުގައި އަލުން ކޮންސިއުލޭޓް ހުޅުވަން އެމެރިކާއިން ނިންމައިފި

އެމެރިކާގެ ސެކްރެޓަރީ އެޮފް ސްޓޭޓް އެންޓޮނީ ބްލިންކެން (ވ) ފަލަސްޠީނުގެ ރައީސު މަޙްމޫދު ޢައްބާސާ ރާމަﷲ ގައި ބައްދަލުކުރައްވަނީ

ޤުދްސުގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް އަލުން ހުޅުވަން ރައީސު ޖޯ ބައިޑަންގެ ސަރުކާރުން ނިންމާފައިވާކަން އެމެރިކާއިން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ، އިއްޔެ ހުޅަނގު އައްސޭރީގެ ރާމަﷲއަށް ވަޑައިގެން ފަލަސްޠީނުގެ ރައީސު މަޙްމޫދު ޢައްބާސާ ބައްދަލުކުރެއްވުމަށް ފަހު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) އެންޓޮނީ ބްލިންކެންއެވެ. ޤުދްސުގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަކީ ފަލަސްޠީނު ސަރުކާރަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންގެ ދައުރު އަދާކުރާ ތަނެެވެ. މި ކޮންސިއުލޭޓް ބަންދުކުރީ ކުރީގެ ރައީސު ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ފަލަސްޠީނާ ގުޅުން ކަނޑައިލުމަށްފަހުގައެވެ.

ރައީސު ޢައްބާސާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވަމުން ބްލިންކެން ވިދާޅުވީ  ބައިޑަން ސަރުކާރުގެ ދިގުމުއްދަތުގެ އަމާޒަކީ "ދެ ދައުލަތުގެ ހައްލު (ފަލަސްޠީނުގެ ބިމުގައި އިސްރާއީލާއި ފަަލަސްޠީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުުމުގެ ހައްލު) ހަގީގަތަކަށް ހެދުމަށް ކުރާ މަސައްކަތް ކުރިއަށް ގެންދިއުން" ކަމުގައެވެ.

"އަހަރުމެެން މިހާރުވެސް ގަބޫލުކުރަނީ ޔަހޫދީ ޑިމޮކްރެޓިކް ދައުލަތެއްގެ ގޮތުގައި އިސްރާއީލުގެ ކުރިމަގު ކަށަވަރުކޮށް، ފަލަސްޠީނު މީހުންނަށް ހައްގުވާ ދައުލަތް އެމީހުންނަށް ހޯދައިދިނުމަށް އޮތް ހަމައެކަނި މަގު ކަމުގައި." ބްލިންކެން އިތުރަށް ވިދާޅުވިއެވެ.   

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެެމެރިކާއިން ވަނީ ޣައްޒާއަށް ކުއްލި އެހީގެ ގޮތުގައި 3.2 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައެވެ. އަދި ފަލަސްޠީނަށް އެހީވާ ބައިނަލްއަގުވާމީ ޖަމާއަތްތަކަށް 32 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައެވެ. އަދި އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި ފަލަސްޠީނަށް ދޭ އަވަސް އެހީގެ ގޮތުގައި 75 މިލިއަން ޑޮލަރު ދިނުމުގެ މައްސަލަ ބައިޑަންގެ ސަރުކާރުން ވަރަށް އަވަހަށް ކޮންގްރެސްއަށް ހުށަހަޅާނެއެވެ.

ފަލަސްޠީނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ބްލިންކެން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ "ފަަލަސްޠީނު ރައްޔިތުންނަށް ދޭ އަވަސް އެހީގެ ގޮތުގައި 360 މިލިއަން ޑޮލަރު ދިނުމަށް އެމެރިކާ ސަރުކާރުން ގަސްތުކުރާ" ކަމުގައެވެ.   

ޤުދްސުގައި އެމެރިކާގެ ކޮންސިއުލޭޓް ހުޅުވާ ވާހަކަ ސެކްރެޓަރީ އޮފް ސްޓޭޓް ބްލިންކެން ހާމަކުރެއްވުމާއެކު އިސްރާއީލުން ވަނީ އެކަމާ ދެކޮޅުހަދާފައެވެ. ވޮޝިންޓަނުގައި ހުންނަ އިސްރާއީލުގެ ސަފީރު ބުނި ގޮތުގައި ފަލަސްޠީނު މީހުންނާ މުއާމަލާތްކުރާ ތަނެއް "އިސްރާއީލުގެ ސިޔާދަތު ހިނގާ ބިމެއްގައި" (އިސްރާއީލުން ދެކެނީ މުޅި ޤުދްސަކީ އެމީހުންގެ ބިމެއް ކަމަށް) ހުރުމަކީ އިސްރާއީލު ދެކޮޅުހަދާ ކަމެކެވެ.

އެމެރިކާގައި ކޮންމެ ސަރުކާރެއް އޮތަސް އެ ސަރުކާރެއްގެ މައިގަނޑު ސިޔާސަތަކީ އިސްރާއީލު ހިމާޔަތްކުރުން ކަމުގައި ވިޔަސް، ފަލަސްޠީނު މީހުންނާ މެދު ގެންގުޅޭ ސިޔާސަތު ކޮންމެ ސަރުކާރެއްގައި ވެސް ކޮންމެވެސް ވަރަކަށް ތަފާތުވެއެެވެ. ނިމިދިޔަ ޓްރަމްޕް ސަރުކާރުގައި ފަލަސްޠީނާ ގުޅުން ކަނޑާލައި އެމެރިކާ މުޅިން އިސްރާއީލު ކޮޅަށް ޖެހުނު ނަމަވެސް، ރައީސު ބައިޑަންގެ ސަރުކާރުން މަސައްކަތްކުރަނީ ފަލަސްޠީނާ ގުޅުން ބާއްވާ ސިޔާސަތެއް ކުރިއަށް ގެންދިއުމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.