ކޮވިޑް ފެސިލިޓީއެއްގައި ބަލިމީހެއްގެ ގައިގާ ތަޅައި އަނިޔާކުރަނީ!

ރާއްޖޭގެ ކޮވިޑް ފެސިލިޓީއެއްގައި ބަލިމީހަކަށް ތަޅައި އަނިޔާކުރާ މަންޒަފު ފެންނަ ވީޑިއޯއެއް ޢާއްމުވެއްޖެއެވެ.

ފުރުޤާން މުޙައްމަދު ކިޔާ މީހަކު ފޭސްބުކްގައި ޢާއްމުކުރި މިވީޑިއޯއާއެކު ލިޔެފައިވަނީ "މި ވީޑިއޯ އަކީ ދާދި ދެންމެ އަޅުގަނޑަށް ލިބިފައިވާ ވީޑައޯ ކޮޅެކެވެ. މިއީ ތޯ ތިޔަ ބޭފުޅުން ކޮވިޑު ފެސިލިޓީގައި ބަަލި މީހުންނާއި ދޭތެރޭ ކަންތައް ކުރުމައް ހަމަ ޖެހިފައި އޮންނަ ގޮތަކީ؟" މިހެންނެވެ. މިޙާރު އެތައްބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި މިވީޑިއޯ ޝެއަރކުރަމުންނެވެ.

އަދި މިމައްސަލަ ބަލައި ވަގުތުން ފިޔަވަޅު އެޅުމަށް ފުލުހުންނަށާއި ސަރުކާރަށް އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ. މިއީ ހުޅުމާލެ ކޮވިޑް ފެސިލިޓީގެ (އޭ) ބްލޮކްގެ އެނދު ނަމްބަރު 13ގައި އޮތް ބަލިމީހަކަށް އަނިޔާކުރާ މަންޒަރުކަމަށް ސޯޝަލް މީޑިއާގައި މީހަކު ލިޔެފައިވެއެވެ.

މިކަމާ ގުޅިގެން އެތައްބަޔަކު ނުރުހުން ފާޅުކުރަން ފެށުމުން ރައީސް އޮފީހުގެ ތަރުޖަމާނުވަނީ ޓްވީޓެއް ކުރައްވާފައެވެ. އެޓްވިޓުގައިވަނީ މިމައްސަލަ މިހާރު ފުލުހުން ބަލައި ތަޙްޤީޤުކުރަމުންދާކަމަށެވެ.

މިފަދަ ވީޑިއޯއެއް މިޢާއްމުވީ ސަރުކާރުން ހިންގަމުންދާ ކޮވިޑް ފެސިލިޓީތަކުގައި ބަލިމީހުންނަށް އަޅާނުލައި އިހުމާލުވާކަމުގެ އެތައް ތުހުމަތެއް ފެންމަތިވެފައިވަނިކޮށެވެ. އަދި ޙާލު ބޮޑުވެގެން ފެސިލިޓީތަކަށް ގެންދާ އެތައްމީހަކު މަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ބަލިމީހަކަށް އަނިޔާކުރި ވީޑިއޯ ޢާއްމުވި ހުޅުމާލެ މެޑިކަލް ފެސިލިޓީން މިދިޔަ ހޯމަ ދުވަހުވަނީ 11 މީހުން މަރުވެފައެވެ.

 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.