ބާރުގަދަ ޠޫފާން ޔާސް އިންޑިޔާއަށް އަރައިފި

ޠޫފާން ޔާސްގެ ސަބަބުން އޮޑީޝާގައި ފެންބޮޑުވެފައި

ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ބާރުގަދަ ޠޫފާން ޔާސް އިރު އުތުރު އިންޑިޔާގެ އޮޑީޝާ ސްޓޭޓަށް އަރައިފިއެވެ. ޠޫފާން އަރާފައިވަނީ މިއަދު ހެނދުނު 9:15 ގައި (ރާއްޖޭ ގަޑިން ހެނދުނު 8:45 ގައި) އެ ސްޓޭޓުގެ ދަރްމާ ބަނދަރާއި ކައިރިއަށެވެ.

އޮޑީޝާގެ ސްޕެޝަލް ރިލީފް ކޮމިޝަނަަރ ޕީކޭ ޖެނާ ވިދާޅުވި ގޮތުގައި ގަޑިއަކު 155 ކިލޯމީޓަރުގެ ބާރުމިނުގައި ޖެހޭ ވަޔާއެކު ދަތުރުކުރަަމުންދާ ޠޫފާން ދެން އަރާނެކަމަށް ބެލެވެނީ އޮޑީޝާގެ ބާލާސޯރް އަދި ބަދްރަކް ޑިސްޓްރިކްޓަށެވެ.

އިންޑިޔާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ލަފާކުރާ ގޮތުގައި ޠޫފާން އައްސޭރިފަށުގެ ރަށްތަކަށް އެރުން ދެ ގަޑިއެއްހާ އިރަށް ކުރިއަށް ދާނެއެވެ. އެހެންކަމުން އައްސޭރިފަށުގެ ގިނަ އަވަށްތަކަކަށް ޠޫފާނުގެ ވަޔާއި ވިއްސާރައިގެ އަސަރު ވަަރަށް ބޮޑަށް ކުރާނެއެވެ.

ޠޫފާން ޔާސް އެރުމުގެ ކުރިން އޮޑީޝާ ސަރުކާރުން ވަނީ އައްސޭރި ފަށުގެ 10 ޑިސްޓްރިކްޓަކާ އިތުރު ބައެއް ޑިސްޓްރިކްޓުން ފަސް ލައްކައަށް ވުރެ ގިނަ މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. އެހެންކަމުން ޠޫފާނުގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑުތަން ދަށްވާނެކަމަށް ލަފާކުރެވެއެވެ. އެހެންނަމަވެސް، ދަނޑުބިންތަކަށާއި، ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެއެވެ.

ޔާސްގެ އަސަރު ދެން އެންމެ ބޮޑަށް ކުރަމުންދާ ވެސްޓް ބެންގޯލްގައި އައްސޭރިފަށުގެ އަަވަށްތަކުން 1.5 މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާ ކަމަށް ޗީފް މިނިސްޓަރު މަމަތާ ބެނަރްޖީ ވިދާޅުވިއެވެ. ޠޫފާނުގައި ވެހޭ ބޯ ވާރޭގެ ސަބަބުން ވެސްޓް ބެންގޯލްގެ އައްސޭރިފަށުގެ ތިރި ހިސާބުތަކުގައި ފެންބޮޑުވެ، ބޮޑު ބައެއް ވަނީ ފެނު އަޑީގައެވެ. ބިހާރުގެ އައްސޭރި ފަށަށް އެރި ބޮޑެތި ރާޅުތައް ބޮޑެތި ގަސްތަކުގެ މަތިން އެރިކަމަށް މަންޒަރު ދުށް މީހުން ބުނެފައި ވާއިރު، އައްސޭރިފަށުގެ ބައެއް ހިސާބުތައް އޮތި 2 މީޓަރު ފެނު އަޑީގައެވެ.

އެންމެ ފަހުން ލިބުނ ޚަބަރުތައް ބުނާ ގޮތުގައި އޮޑީޝާގެ ކެއުންޖާރް ޑިސްޓްރިކްޓްގައި ވެއްޓުނު ގަހެއްގެ ދަށުގައި ވެގެން އުުމުރުން 50 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ.

އިރުއުތުރު ސްޓޭޓެއް ކަމުގައިވާ ޖާރްކަންޑްގައި ވެސް ކުއްލި ހާލަތު އިއުލާންކޮށްފައިވާ އިރު އެ ސްޓޭޓަށް ޠޫފާން އަރާނެކަމަށް ލަފާކުރެވެނީ މިރޭގެ މެންދަމުގެ ވަގުތެއްގައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އޮޑީޝާގެ ބޫބަނޭޝްވަރު، ވެސްޓް ބެންގޯލްގެ ކޮލްކަތާ އަދި ބިހާރްގެ ޕަޓްނާ އެއާޕޯޓަށް ކުރާ ގިނަ ވައިގެ ދަތުރުތަކެއް ވަނީ ކެންސަލްކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.