އެމެރިކާ އާއި އިންޑިޔާ ބޭނުން ވިޔަސް ނަޝީދުގެ ނަން ވޯޓު ކަރުދާހަކު ނޯންނާނެ- ނިހާން

އެމެރިކާ އާއި އިންޑިޔާ މިހާރު ކުރަމުންދާ މަޝްވަރާ ތަކަށް ފަހު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ކުރީގެ ރައީސް މުޙަންމަދު ނަޝީދަށް ލިބިވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް އެއީ ވާނެކަމެއް ނޫން ކަމަށް ވެރިކަންކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިޔާ އާއި އެމެރިކާ ކިތަންމެ ބޭނުން ވިޔަސް ރިޔާސީ އިންތިޚާބުގައި ނަޝީދުގެ ނަން ވޯޓު ކަރުދާހުގައި ނޯންނާނެކަން "އިރާދަކުރެއްވިއްޔާ ޔަގީން" ކަމަށެވެ. ނިހާން މި ޓްވީޓް ކުރެއްވީ ނަޝީދު ލަންޑަނުގައި ހުންވައިގެން ރާއްޖޭގެ މީޑިޔާއަކަށް ދެއްވި އިންޓަވިއުގައި އެމެރިކާ އާއި އިންޑިޔާގެ މަޝްވަރާއަށް ފަހު އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ފަހި ވެގެންދާނެ ކަމަށް ވިދާޅުވުމުންނެވެ.

ނަޝީދު ވިދާޅުވެފައި ވަނީ އިދިކޮޅު އިއްތިހާދުން އެއްކެންޑިޑޭޓަކު ނެރުން ބުއްދިވެރި ކަމަށާއި "އިއްތިހާދަށް ދާނީ އެމްޑީޕީގެ ޕްރައިމަރީން ނިންމާ މީހާ" ކަމަށެވެ.  އަދި ރިޔާސީ އިންތިޚާބު އިންސާފުވެރި އިންތިޚާބަކަށް ވާނީވެސް އެމަނިކުފާނަށް ކުރިމަތި ލެއްވޭނެ ގޮތް ވުމުން ކަމަށްވެސް ވިދާޅުފައިވެއެވެ. އަދި ނަޝީދަށް ކުރިމަތި ލެވޭނެ ގޮތް ނުހަދައި ރިޔާސީ އިންތިޚާބަކަށް ދާނަމަ އިންސާފުވެރި އިންތިޚާބަކަށްދާން އުދަނގޫވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އިދިކޮޅުން އެއްކެންޑިޑޭޓު ނެރުން ކަމަށް ވިޔަސް ނުވަތަ ޕާޓީ ތަކުން ކެންޑިޑޭޓުން ތަކެއް ނެރުން ކަމަށްވިޔަސް މައްސަލައެއް ނެތެވެ. އެއިން ކޮންމެ ގޮތަކުންވެސް ރައީސް ޔާމީން ބަލި ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

"ދެ ގޮތުން ވެސް ބަލިކުރެވޭނެ، އަޅުގަނޑު ދެކޭ ގޮތުގައި ވަކިވަކިން ކުރިމަތިލިއަސް ދެން އަންނާނީ ދެވަނަ ބުރަކަށް، އެހެންވީމަ އޭރު އޮންނާނީ އަޅުގަނޑުމެންނަށް އެކީގައި ތިބެވޭނެ ގޮތް ވެއްޖިއްޔާ އެކީގައި އޮންނާނީ، ގިނަ ބުރުތަކަކަށް ގެންދިއުމަށް ވުރެ އެއް ފަހަރުން މިކަން ނިންމޭނެ،" ނަޝީދު ވިދާޅުފައި ވެއެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.