ކޯވިޑް-19އަށް ހައްލުހޯދުމަށް ހުރިހާ ޤައުމަކުން ގުޅިގެން މަސައްކަތް ކުރުމަށް ހެލްތު މިނިސްޓަރު ގޮވާލައްވައިފި

ދުނިޔެއަށް މިހާރު ދިމާވެފައިވާ ކޮވިޑް-19ގެ ނުރައްކަލުން ދުނިޔެ ސަލާމަތްކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ މެމްބަރު ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖޭގެ ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ގޮވާލައްވައިފިއެވެ.

މިނިސްޓަރު ނަސީމް މިގޮތަށް ގޮވާލެއްވީ ވާރލްޑް ހެލްތު އެސެމްބްލީގެ 74 ވަނަ ބައްދަލުވުމުގައި ވާރޗުއަލްކޮށް ބައިވެރިވެވަޑައިގެން މިރޭ ތަޤްރީރުކުރައްވަމުންނެވެ.

މިނިސްޓަރުގެ ތަޤްރީރުގައި ދިވެހިރާއްޖޭގެ ނާޒުކު ހާލަތު ބަޔާންކޮށްދެއްވައި ރާއްޖެއިން މިހާތަނަށް ކޯވިޑް-19ގެ ކަންކަމުގައި އަޅަމުން ގެންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވައި ޑަބްލިޔު.އެޗް.އޯގެ ހުރިހާ މެމްބަރު ޤައުމުތަކުން ގުޅިގެން ކޯވިޑް-19އަށް ހައްލުހޯދުމަށް މަސައްކަތް ކުރުމަށް މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމް އެދިވަޑައިގެންނެވިއެވެ.

އަދި ހަމަ އެއާއިއެކު ދިވެހިރާއްޖޭއަކީ ނިސްބަތުން ޞިއްޙީދައިރާއަށް ގިނަގުނަ ހޭދަ ކުރަމުން އަންނަ ޤައުމަކަށް ވީނަމަވެސް، ރާއްޖޭގެ ރަށްތައް ބެހިފައި އޮންނަ ގޮތުން ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ތަފާތުކަމަށް ވިދާޅުވިއެވެ. އަދި ހަމައެހެންމެ، ތަރައްޤީ ވެފައިވާ ޤައުމުތަކާއި ވަޞީލަތްތައް މުއްސަނދި ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށް ޞިއްޙީ އާލާތްތަކާއި ވަޞީލަތްތައް ފޯރުކޮށް ދިނުމުގައި، ރާއްޖޭގެ އާބާދީއަށް ބަލައި ތަފާތުކުރެވިގެން ނުވާނެކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިނިސްޓަރ ނަސީމް ވިދާޅުވީ، ކޮރޯނާ ވައިރަސް މީހުންނާއި ޤައުމުތަކުގެ ތަފާތު ނުދަންނަކަމާއި، މިކަމުން އަރައިގަނެވޭނީ ހަމައެކަނި ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންބަދަހިކޮށް އެއްޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދީގެންކަމުގައެވެ. އަދި ދިވެހިރާއްޖެއަށް ކޯވިޑް-19 ގެ 3 ވަނަ ރާޅާއި ކުރިމަތިލާން ޖެހިފައިވާކަމާއި، މި ހާލަތުގައިވެސް އެއްވެސް ތަފާތުކުރުމެއްނެތި ރާއްޖޭގެ ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ ރާއްޖެއިން ބޭރު ޤައުމުތަކުގެ މީހުންނަށް ހިލޭ ވެކްސިން ދެމުން ގެންދާކަމަށް މިނިސްޓަރ ނަސީމްގެ ތަޤުރީރުގައި ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޑަބްލިޔު.އެޗް.އޯ އިން ކޯވިޑް-19ގެ ކަންކަމުގައި މެމްބަރު ޤައުމުތަކަށް ފޯރުކޮށްދެއްވާ ފަންނީ ލަފަޔާއި އިރުޝާދު ބަލައިގަނެ އެކަމަށް ޝުކުރުއަދާކުރައްވާކަމުގައެވެ. އަދި މިވަގުތަކީ އެންމެން އެކަކު އަނެކަކުގެ އެހީތެރިކަމަށް ބޭނުންވެފައިވާ ވަގުތުކަމުން، ދޭދޭ ޤައުމުތަކުގެ މެދުގައި ހުރި ހަމަނުޖެހުންތައް އެއްފަރާތްކޮށް އެކުވެރި މާހަޢުލެއްގައި މަސައްކަތް ކުރުން މުހިއްމުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.