މާލެ ސަރަހައްދުގައި، ހުއްދަ ނެތި އެއްވެސް ވަގުތަކު ބޭރުގައި އުޅުން މަނާކޮށްފި

މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ޙާލަތު އިންތިހާއަށް ގޯސްވެފައިވާތީ އަނެއްކާވެސް ކާފިއުގެ ވަގުތު އިތުރުކޮށް ޚާއްސަ ހުއްދައެއްނެތި އެއްވެސް ވަގުތަކު މާލެ ސަރަޙައްދުގައި ބޭރަށް ނުކުމެ އުޅުމަކީ މަނާކަމެއްކަމުގައި ހަމަޖައްސަވައިފިއެވެ.

ޙާލަތު ކޮންޓްރޯލް ކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން އަންނަ ބުދަދުވަހުން ފެށިގެން ޒަރޫރީ ކަމަކު ނޫނީ ކާފިއުގެ ވަގުތު ބޭރަށް ނުކުތުމަކީ މަނާކަމެކެވެ. ޒަރޫރީކަމެއްގައިވެސް ނުކުމެވޭނީ އެކަމަށް ޚާއްސަ ހުއްސައަކާއެކުއެވެ.

ގޭބިސީތަކަށް ބޭނުންވާ މުހިންމުތަކެތި ގަތުމާއި އެނޫންވެސް ކޮންމެހެން ކުރަންޖެހޭ ކަންކަމުގައި ބޭރަށް ނުކުމެވޭނީ ކާފިއު ނޫންވަގުތަކުގައި ޚާއްސަ ހުއްދައަކާއެކުއެވެ. މިހާރު ހަމަޖެހިފައިވާ ކާފިއު ވަގުތަކީ ހަވީރު 4:00އިން ފެށިގެން ހެނދުނު 8:00އަށެވެ.

މާލެ ސަރަޙައްދުގައި ކާފިއު ނޯންނަ ވަގުތުކަމަށްވާ ހެނދުނު 8:00އިން ފެށިގެން ހަވީރު 4:00އަށް ކޮންމެ ގޭބިސީއަކުން 2 މީހަކަށް ފުލުހުންގެ ޚާއްސަ ހުއްދައަކާއެކު ބޭރަށް ނިކުމެވޭނެއެވެ. ފުލުހުން މި ހުއްދަ ދޫކުރާނީ ދެ ދަންފަޅިއަށް ބަހާލައިގެންނެވެ. އެއީ ހެނދުނު 8 އިން މެންދުރު 12 އެއް ޕާމިޓް އަދި މެންދުރު 12 އިން ހަވީރު 4 އަކަށް ދެވަަނަ ޕާމިޓެވެ. މި ޕާމިޓް ދޫކުރުމުގައި ބަލާނީ އެގޭބީސީއެއްގެ ކަރަންޓް މީޓަރަށްކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

މިބަދަލުތަކާއެކު ވިޔަފާރިކުރާ ތަންތަނުން ޑެލިވަރީގެ ޚިދުމަތް ދެވޭނެކަމަށް މިހާރު ކަނޑައަޅާފައިވަނީ ހެނދުނު 6:00އިން ފެށިގެން މެންދަމު 12:00އާ ހަމައަށެވެ. ކާފިއު ގަޑީގައި އެއްވެސް ތަނަކުން ޓެކް އަވޭގެ ޚިދުމަތް ދިނުމާއި ކެފޭ ރެސްޓޯރަންޓްތަކާއި ފިހަރާތައް ހުޅުވައިގެން ޚިދުމަތްދިނުމަކީ މަނާކަމެކެވެ. އެފަދަތަންތަނުން އުސޫލުތަކާ ޚިލާފަށް ވިޔަފާރިކޮށްފިނަމަ، އެންމެ މަދުވެގެން 5،000 ރުފިޔާއިން ޖޫރިމަނާކުރާނެކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ބޭރަށް ނުކުރުމަށް ހުއްދަކޮށްފައިވާ ވަގުތުތަކުގައި ނުކުންނަށް ބޭނުންވާ ފާސް ހޯދުމަށް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް މިހާރުވެސް އެދެވޭނެކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.