މެދުތެރޭ އެފްރިކާގައި އޮންނަ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރް ކޮންގޯ / ކޮންގޯ) ގެ އިރުމަތީގައި ހުންނަ ބޮޑު އަލިފާން ފަރުބަދައެެއް ގޮަވަން ފެށުމާއެކު އެ ފަރުބަދައިގެ ކައިރީގައި އޮންނަ ގޯމާ އަވަށުން މީހުން ހުސްކުރުމުގެ މަސައްކަތް ކޮންގޯގެ ސަރުކާރުން ފަށައިފިއެވެ.
މައުންޓް ނިޔިރަގޮންގޯ ފަރުބަދަ ގޮވުމުގެ ސަބަބުން ހިލަ ވިރިގެން ދެމެނުންދާ ދިޔަ ހިލައިގެ ކޯރު އިއްޔެގެ ވަގުތެއްގައި ވަނީ ގޯމާގެ އެއާޕޯޓާއަށް ހަމައަށް ފޯރާފައެވެ. އެތައް ހާސް ބަަޔަކު ދަނީ އެބަޔަކަށް އުފުލުނު އެެއްޗެއް އުފުލައިގެން ފައިމަގުގައި ގޯމާއިން ނުކުންނަމުންނެވެ. ގިނަ ބަޔަކު ދަތުރުކުރަމުން ދަނީ އަވަށްޓެރި ރުވަންޑާގެ ސަރައްދީ ރޮނގާ ދިމާއަށެވެ.
"ގޯމާ ސިޓިގެ މީހުން އެރަށުން ބޭލުމުގެ ޕްލޭން އޮތީ ތައްޔާރުކޮށްފައި." ކޮމިއުނިކޭޝަންސް މިނިސްޓަރު ޕެޓްރިކް މުޔާޔާ ކުރެއްވި ޓުވީޓެއްގައި ވެއެވެ. "ސަރުކާރުން ދަނީ މިތަންވަޅު އަޅަންޖެހޭ އަވަސް ފިޔަވަޅުތަކާ މެދު މަޝްވަރާކުރަމުން."
2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގޯމާއަކީ އިރުމަތީ ކޮންގޯގައި އޮންނަ އެންމެ ބޮޑު ރަށެވެ. ހޮނިހިރު ދުވަހުގެ ރޭ މުޅި ރަށް އަލިކޮށްފައި އޮތީ ނިޔިރަގޮންގޯ ފަރުބަދައިން މައްޗަށް އަރާ އަލިފާނުންނެވެ. ބައެއް ޚަބަރުތައް ބުނާގޮތުގައި ރަށުގެ ބޮޑު ބަޔަކުން އޮތީ ކަރަންޓު ކަނޑައިގެން ގޮސްފައެވެ.
ނިޔިރަގޮންގޯ އަލިފާން ފަރުބަދަ އެންމެ ފަހުން ގޮވާފައި ވަނީ 2002 ވަނަ އަަހަރުއެވެ. އެ ފަހަރު 250 މީހުން މަރުވެ 1 ލައްކަ 20 މީހުންގެ ގެދޮރު ގެއްލިފައި ވެއެވެ. އެ ފަރުބަދައަކީ ދުނިޔޭގެ އެންމެ ހަރަކާތްތެރި އަދި އެންމެ ނުރައްކާ އެއް އަލިފާން ފަރުބަދައެވެ.
ރުވަންޑާގެ އެމަޖެންސީ މެނޭޖްމަންޓް މިނިސްޓްރީން ރޭ ބުނި ގޮތުގައި މިހާތަނަށް ކޮންގޯގެ 3500 އަށްވުރެ ގިނަ މީހުން ވަނީ ސަރައްދީ ރޮނގު ހުރަސްކޮށް ރުވަންޑާއަށް ވަދެފައެެވެ.
"ޕްރޮވިންސުގެ ސިވިލް ޕްރޮޓެކްޝަން އޮފިސަރާއި، ފުލުހުންނާއި، ސިފައިންގެ އިރުޝާދުތަކަށް ތަބާވެ، މަޑުމައިތިރިކަމާއެކު ތިބުމަށް އަހަރެން ރައްޔިތުންނަށް އިލްތިމާސްކުރަން." ގޯމާ އޮންނަ ޕްރޮވިންސު، ނޯތު ކިވޫ ޕްރޮވިންސުގެ އަސްކަރީ ގަވަރުނަރު ކޮންސްޓަންޓް އިންޑީމާ ވިދާޅުވިއެވެ.
ކޮންގޯ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ގޯމާއިން އުތުރަށް ދަތުރުކުރާ ހައިވޭއެއް ވަނީ ފަރުބަަދައިން ފައިބައިގެން އަންނަ ދިޔާ ހިލައިގެ ސަަބަބުން ބަންދުވެފައެވެ.
އަލިފާން ފަރުބަދަ ފުރަތަމަ ގޮަވަން ފެށިއިރު، ދިޔާ ހިލައިގެ ކޯރު ދެމިގަތީ ރުވަންޑާގެ ސަރަަހައްދީ ރޮނގާ ދިމާއަށެވެ. އެހެންނަމަވެސް، ފަރުބަދައިގެ އަނެއް ފަރާތުން ތަންތަންގަނޑު ކަނޑައިގެން ފައިބަން ފެށުމާއެކު ދެކުުނުގައި އޮންނަ ގޯމާއާ ދިމާއަށް ދިޔާ ހިލައިގެ ކޯރު ދެމެން ފެށީއެވެ.