ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތި ލެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ތޭރަ އަހަރުގެ ޖަލު ޙުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "މިހާރު" އަށް ލަންޑަނުގައި ހުންނަވައި ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ނަމަވެސް އެމްޑީޕީން ރިޔާސީ ކެންޑިޑޭޓަކު ނެރޭނީ ޕްރައިމަރީއެއް ބާއްވައިގެން ކަމަށެވެ. އަދި އެމްޑީޕީގެ އާންމު މެމްބަރުން ކައިރީ އަހައިފިނަމަ ބުނާނެ ނަމަކީވެސް ނަޝީދުގެ ނަން ކަމަށް ވިދާޅުވެފައި ވެއެވެ.
އިންތިޚާބުގައި އެމަނިކުފާނަށް ވާދަކުރެވޭނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންނެވި ސަބަބެއް ކަމަށް ނަޝީދު ވިދާޅުވެފައި ވަނީ އެމެރިކާ އާއި އިންޑިޔާ މިހާރު ފަށާފައިވާ ރާއްޖޭގެ ސިޔާސީ ކަންކަމާބެހޭ މަޝްވަރާ ތަކެވެ. ނަޝީދު ވިދާޅުވެފައި ވަނީ އެމެރިކާ އާއި އިންޑިޔާގެ މަޝްވަރާތަކުގެ ނަތީޖާ އަންނައިރު އިންތިޚާބުގައި އެމަނިކުފާނަށްވެސް ވާދަކުރުމުގެ މަގު އޮންނާނީ ފަހިވެފައި ކަމަށެވެ.
ނަޝީދު ވިދާޅުވެފައި ވަނީ އިދިކޮޅު އިއްތިހާދުން އެއްކެންޑިޑޭޓަކު ނެރުން ބުއްދިވެރި ކަމަށާއި "އިއްތިހާދަށް ދާނީ އެމްޑީޕީގެ ޕްރައިމަރީން ނިންމާ މީހާ" ކަމަށެވެ. އަދި ރިޔާސީ އިންތިޚާބު އިންސާފުވެރި އިންތިޚާބަކަށް ވާނީވެސް އެމަނިކުފާނަށް ކުރިމަތި ލެއްވޭނެ ގޮތް ވުމުން ކަމަށްވެސް ވިދާޅުފައިވެއެވެ. އަދި ނަޝީދަށް ކުރިމަތި ލެވޭނެ ގޮތް ނުހަދައި ރިޔާސީ އިންތިޚާބަކަށް ދާނަމަ އިންސާފުވެރި އިންތިޚާބަކަށްދާން އުދަނގޫވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ލަންޑަނުގައި "މިހާރު" އޮންލައިނަށް ދެއްވި އިންޓަވިއުގައި ނަޝީދު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބުގައި އިދިކޮޅުން އެއްކެންޑިޑޭޓު ނެރުން ކަމަށް ވިޔަސް ނުވަތަ ޕާޓީ ތަކުން ކެންޑިޑޭޓުން ތަކެއް ނެރުން ކަމަށްވިޔަސް މައްސަލައެއް ނެތެވެ. އެއިން ކޮންމެ ގޮތަކުންވެސް ރައީސް ޔާމީން ބަލި ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
"ދެ ގޮތުން ވެސް ބަލިކުރެވޭނެ، އަޅުގަނޑު ދެކޭ ގޮތުގައި ވަކިވަކިން ކުރިމަތިލިއަސް ދެން އަންނާނީ ދެވަނަ ބުރަކަށް، އެހެންވީމަ އޭރު އޮންނާނީ އަޅުގަނޑުމެންނަށް އެކީގައި ތިބެވޭނެ ގޮތް ވެއްޖިއްޔާ އެކީގައި އޮންނާނީ، ގިނަ ބުރުތަކަކަށް ގެންދިއުމަށް ވުރެ އެއް ފަހަރުން މިކަން ނިންމޭނެ،" ނަޝީދު ވިދާޅުފައި ވެއެވެ.