ޢީދު ހަދިޔާ: ބަދަލު ހިފުންް

އިރު އޮއްސެނީއެވެ. ދޫނިތައް އެ ސޮރުމެންގެ ހާލިތަކަށް އެނބުރި އަންނާން ފަށައިފިއެވެ. އަވަށުގެ ހަނި މަގުތައް އޮތީ ފަޅު ވެފައެވެ. މަގުމަތީން ފެންނަނީ ހަމައެކަނި އަޝްރަފެވެ. އޭނާ ބަރުހެލި ފިޔަވަޅުތަކެއް އަޅަމުން ހިނގަމުން ދަނީއެވެ. އޭނާ ލައިގެން ހުރީ ވަރަށް ބޮޑު ކޯޓެކެވެ. ބޮލުގައި ތޮތްޕެއް އޮތެވެ. ލޮލުގައި އޮތީ ކަޅު އަވި އައިނެކެވެ. ހަމަ ހިމޭން މަގު މަތީގައި އޭނާ ހިނގަމުން ދާއިރު ފިޔަވަޅުގެ އަޑުން ޢަޖާއިބެއް ފަދަ މިއުޒިކެއް އުފައްދައެވެ.

އަޝްރަފް އޭނާގެ އަވަށަށް އެނބުރި އެ އައީ ގާތްގަނޑަކަށް ބާރަ ވަރަކަށް އަހަރު ފަހުންނެވެ. އެ މުއްދަތުގެ ތެތޭގައި އަވަށުގެ ހުރިހައި އެއްޗެއް މިހާރު ވަނީ ބަދަލު ވެފައެވެ. އޭނާ ހިނގަމުން އެ ދާ ކަހަލަ ހަނި މަގު ތަކަކީ މީހުން ހިނގުމުގެ ސަބަބުން އުފެދިފައިވާ މަގު ތަކެކެވެ. އެހެން ނަމަވެސް މިހާރު އޭގެ ތެރެއިން ބައެއް މަގު ވަނީ ފެންވަރު ރަނގަޅު މަގު ތަކަކަށް ބަދަލު ވެފައެވެ. އޭނާ ދިޔަ އިރު ކުދި ކުދި ގަސްތަކެއްގެ ގޮތުގައި ހުރި ގަސްތައް މިހާރު ވަނީ ވިލާތަކާ ހަމައަށް އުފުލިފައެވެ. އަވަށުގައި ހުހަށް އޮތް ބިންތަކުގައި މީހުން ވަނީ ގެ އަޅައިފައެވެ. މީގެ ކުރީން ދަނޑު ހައްދާފައި އޮތް ބިންތަކުގައި މިހާރު ގިނައިން ހުރީ މީހުން ދިރިއުޅޭ ގެއެވެ.

ކުއްލިއަކަށް އަޝްރަފްގެ ހިތަށް ވަނީ ކޮން ޚިޔާލެއް ކަމެއް ނޭނގެއެވެ. އޭނާ ހަލުވި ފިޔަވަޅުތަކެއް އަޅަމުން ގެޔާ ދިމާއަށް ހިނގައިގެންފިއެވެ. ދިޔަ މަގުމަތީގައި ވެވަކާ އަރައި ހަމަ ވުމާއެކު ކުއްލިއަކަށް އޭނާގެ ފައިތިލަ ބިންމަތީގައި ތަތްލީ ކަހަލައެވެ. އޭނާ ވެވުގެ ކައިރީގައި، ގަހެއްގެ ހިޔަލުގައި، ވިނަގަނޑުގެ މަތީގައި އިށީނދެއްޖެއެވެ. އަދި ހުއި ކޮޅެއް ނަގައިގެން ބިންމަތީގައި ކޮންމެވެސް އެއްޗެކޭ ލިޔެވޭތޯ މަސައްކަތް ކުރާން ފަށައިފިއެވެ. އެހެން އިނދެފައި މާޒީގެ ހަނދާންތަކުގެ ތެރެއަށް އޭނާ ގެއްލިގެން ދިޔައީ ކޮން އިރަކު ކަމެއް ނޭނގުނެވެ.

އެއީ އެ ވެވެއްގެ ކައިރީގައި އޭނާ ކުޅެން އުޅުނު ވެވެވެ. އޭނާ އަކީ އޭނާގެ މައިން ބަފައިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. ވުމާއެކު އޭނާގެ އުފަލަށްޓަކައި އެ މީހުން ކޮށް ނުދޭ އެއްވެސް ކަމެއް ނޯވެ އެވެ. ޒޭބާ އަކީ އޭނާޔާ އެއް އުމުރުގެ ކުއްޖެކެވެ. އެއް އަވަށުގެ ދެ ކުދިން ކަމަށް ވާތީ ދެ ކުދީން ކިޔަވަން އުޅެނީ އެކީގައެވެ. އަދި ކުޅެން އުޅެނީ ވެސް އެކީގައެވެ. ވުމާއެކު ދެ ކުދިންގެ މެދުގައި އުފެދިފައި ވަނީ ވަރަށް ގާތް ރަޙްމަތްތެރި ކަމެކެވެ. ދެ ކުދިން ކޮންމެ ދުވަހަކު ހަވީރު އެ ވެވުގެ ކައިރިއަށް ކުޅެން އާދެއެވެ.

އެއް ދުވަހަކު ކުއްލިއަކަށް އަޝްރަފުގެ ބައްޕަ އަށް ވާ ބަލި ޖެހި، ތެދުވެ ނޫޅެވޭ ވަރު ވެއްޖެއެވެ. އެތައް ބަޔަކު ލައްވައި ބޭސް ކުރުވުމާ އެކުވެސް ފަސޭހަ ވާ ގޮތެއް ނުވިއެވެ. އެންމެ ފަހުން ގޮސް އެ ބަލީގައި މަރު ވީއެވެ. އޭނާގެ ބައްޕަ މަރު ވުމުގެ ސަބަބުން އަޝްރަފަށް ވަރަށް ހިތި އަސަރު ތަކެއް ކުރިއެވެ. އެ ދުވަހުގެ ފަހުން ގިނަ ވަގުތު އޭނާ ހުންނަނީ ހިމޭނުންނެވެ. އޭނާގެ މި ބަދަލުގެ ސަބަބުން އެންމެ ބޮޑަށް ހިތާމަ ކުރަނީ އޭނާގެ މަންމައެވެ. މަންމަ މަސައްކަތް ކުރަނީ އުފަލުން ހުރެވޭތޯއެވެ. އަދި އަޝްރަފްގެ ހިތް ހަމަ ޖައްސައި ދެވޭތޯވެސް މަންމަ ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ.

ދުވަސްތައް ފާއިތު ވަމުން އޮވެގެން ދެއެވެ. އަޝްރަފް ދަނީ ބޮޑު ވަމުންނެވެ. ޒޭބާ އާއި އޭނާޔާ ދެމެދު އޮތް ގުޅުން މަޑު މަޑުން ގޮސް ލޯތްބަށް ބަދަލު ވެއްޖެއެވެ. މިހާރު ކަންތައްތައް ގޮސްފައިވާ ހިސާބުން ދެ މީހުން ވަކީން އެންމެ ސިކުންތަކުވެސް އުޅުމަކީ ދަތި ކަމަކަށް ވެއްޖެއެވެ.

ޒޭބާ އަކީ ވަރަށް ރީތި ކުއްޖެކެވެ. އޭނާ ފެންނަ ކޮންމެ މީހަކު އޭނާޔާ ހެދި މޮޔަ ވާހައި އަސަރު ގަދަ ކުއްޖެކެވެ. އަޝްރަފްގެ މަންމަ ޒޭބާޔާ ވަރަށް ރުހެއެވެ. އަޝްރަފާއި ޒޭބާގެ ކާވެނި ކޮށް ދިނުމަކީ މަންމަގެ އެދުމެކެވެ.

އެއް ދުވަހަކު އަޝްރަފް ވެވުގެ ކައިރީގައި ޒޭބާގެ އިންތިޒާރުގައި ހުއްޓައި، ޒޭބާ ރޮމުން ރޮމުން އަންނަތަން ފެނިއްޖެއެވެ. އޭނާ ކައިރިއަށް އައީމާ އަޝްރަފް އަހައިލިއެވެ.

"ކިހިނެއްވީ-؟ ރޮނީ ކީއްވެގެން-؟"

"އަޝްރަފް- އެ އުޅޭ ޔައުޤޫބް ދަންނަމެއްނު-؟ އޭނާ މިއަދު އަހަރެންގެ އަތުގައި ހިފީ- އޭނާ އުޅުނީ ގަދަ ކަމުން އަހަރެންގެ... އަހަރެން މި އައީ އޭނާގެ އަތުން ވީއްލިގަނެގެން-" ޒޭބާ ރޮމުން ރޮމުން ބުނެލިއެވެ.

އެ ވާހަތައް އިވުމާއެކު އަޝްރަފްގެ ގާތަށް ވަރަށް ބޮޑަށް ރުޅި އަތުވެއްޖެ އެވެ. "އަހަރެންނާ އެކު ހިނގާ-"

މިހެން ބުނެފައި އަޝްރަފް ޒޭބާގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ. ދިޔަ މަގު މަތީގައި ޔައުޤޫބާ ބައްދަލު ވެއްޖެއެވެ. ޔައުޤޫބަކީ އަޝްރަފްގެ އެންމެ ގާތް އެކުވެރިޔާ، ޙަނީފް ގެ ކޮއްކޮއެވެ. އެކަމަކު އެ ވަގުތަކު އަޝްރަފުގެ ހަނދާނުން ވަނީ އެ ކަން ކެހިގެން ގޮސްފައެވެ. އޭނާ ކުއްލިއަކަށް ޔައުޤޫބާ ޙަމަލާ ދީފިއެވެ. އަޝްރަފްގެ ރުޅިގަނޑު މައިތިރިވީ ޔައުޤޫބް މަރުވީ ފަހުންނެވެ.

ރުޅިގަނޑު މައިތިރި ވީމާ ކުރެވުނު ކަންތަކާ މެދު ފިކުރު ބޮޑުވެ، ބިރު ގެންފިއެވެ. ޒޭބާ އެއް ފަރާތުގައި ހިމޭނުން ބަލަން ހުރީއެވެ. އެ ހިސާބަށް ކަންތައް ދިޔަ އިރު ކޮންމެވެސް މީހަކު ފުލުހުންނަށް ޚަބަރު ކޮށްފިއެވެ. ފުލުހުން އައިސް އަޝްރަފް ހައްޔަރު ކޮށްގެން ގެންގޮސްފިއެވެ. މި ޚަބަރު ލިބުމާ އެކު އަޝްރަފްގެ މަންމަގެ ހިތް ހުއްޓިއްޖެއެވެ. ހަސްފަތާލަށް ގެންދިޔަ މަގު މަތީގައި އޭނާ މަރު ވީއެވެ.

ޔައުޤޫބަކީ މުޅި އަވަށަށް މަޝްހޫރު ވަކަރުގޭދަރިއެކެވެ. ގިނަ ވަގުތު އުޅެނީ ކޮންމެވެސް ކަހަލަ މަސްތުވާ އެއްޗެއްގެ ބޭނުން ކޮށްގެންނެވެ. މަގުމަތީގައި ހުރެގެން، ހިނގާފައި ދާހައި އަންހެން ކުއްޖަކާ ފޮށުމަކީ އޭނާގެ އާދަ އެކެވެ. އަވަށުގެ އެންމެން ތިބެނީ އޭނާޔާ ހެދި ނުފޮރުއްޕާން ވެފައެވެ. ބައެއް މީހުން އޭނާ މަރުވީމާ އުފާ ފާޅުކޮށްވެސް އުޅުނެވެ.

"ޢިއްޒަތްތެރި ފަނޑިޔާރު- ޔައުޤޫބު މަރައިލީ އަޝްރަފްކަން ކިތަންމެ ރަނގަޅަކަށް ވެސް ސާބިތުވޭ- އެހެންވީމާ އަޅުގަނޑު އެދެނީ އޭނާއަށް ޤާނޫނުގައި އޮތް އެންމެ ހަރުކަށި އަދަބެއް ދެއްވުން- އޭނާޔާ އެންމެ އެކަށީގެންވާ ކަމަށް އަޅުގަނޑަށް ފެންނަ އަދަބަކީ ދަން ޖައްސައި މެރުން-" ދައުލަތުގެ ވަކީލު ކޯޓުގައި ވާހަކަ ދައްކަމުން ބުންޏެވެ.

"ނޫން- ޢިއްޒަތްތެރި ފަނޑިޔާރު- އަޝްރަފަކީ ހަމައެކަނި އަޅުގަނޑުގެ ރަޙްމަތްތެރިއެއް ނޫން- އެއީ އަޅުގަނޑުގެ އަޚެއް- އަޅުގަނޑުގެ ކޮއްކޮ ޔައުޤޫބަކީ ވަރަށް ވިޔާ ނުދާ މީހެއް- ކޮންމެވެސް މީހެއްގެ އަތުން އޭނާ މަރު ވުމަކީ ނުވެ ނުދާނޭ ކަމެއް- އޭނާ އަށް އެވީ ވާންވީ ގޮތް- އޭނާ މަރުވެ ދިޔައީ- ދެން ހުރީ އަޝްރަފް- އަޝްރަފްވެސް މަރު ވުމަކީ އަޅުގަނޑު އެދޭ ގޮތެއް ނޫން-" ދައުލަތުގެ ވަކީލުގެ ވާހަކަ އިވިފައި ޙަނީފް އަސަރުން ފުރިފައިވާ ރާގަކަށް ބުންޏެވެ.

ދެ ފަރާތުގެ ވާހަކަ ވަރަށް ރަނގަޅަށް އަޑު އެއްސެވުމަށް ފަހު ފަނޑިޔާރު ޙުކުމް އިއްވެވީ އަޝްރަފް އުމުރަށް ޖަލަށް ލާށެވެ.

"ޙަނީފް- އަހަރެން ސަލާމަތް ކުރަން މަސައްކަތް ކުރީ ކީއް ކުރަން-؟ އަހަރެން މިއީ ޙަނީފްގެ ކޮއްކޮ މަރައިލީ މީހާ- އެކަމަކު..."

"ތިޔަހެން ނުބުނޭ- އަޝްރަފް ވެސް ތިޔައީ އަހަރެންގެ އަޚެއް-" ޙަނީފް އޭނާގެ ވާހަކަ މެދު ކަނޑައިލިއެވެ.

"ޙަނީފް ތިޔައީ ވަރަށް ރަނގަޅު ރަޙްމަތްތެރިއެއް- ތިޔަ ކަހަލަ ރަޙްމަތްތެރިން ލިބޭނީ ނަސީބުވެރިންނަށް-" މިހެން ބުނެފައި އަޝްރަފް އޭނާގެ ގައިގައި އޮޅު ލައިގަތެވެ.

ޖަލަށް ލީތާ ކުރީ ކޮޅު ޙަނީފް އޭނާޔާ ބައްދަލު ކުރަން ވަރަށް ގިނައިން އާދެއެވެ. އެކަމަކު ފަހަކަށް އައިސް އޭނާ އެއް ގޮތަކަށްވެސް ނާދެއެވެ.

ޒޭބާގެ ގޭ މީހުން އޭނާ އަޝްރަފާ ބައްދަލު ކުރުން މުޅީން މަނާ ކުރީއެވެ.

ޖަލުގައި އޭނާގެ އުޅުން ރަނގަޅު ކަމުން ސަރުކާރުން އޭނާގެ އަދަބުގެ މުއްދަތު ހަމަ ނުވަނީސް މަޢާފް ކޮށް، ދޫ ކޮށްލީއެވެ. މިއަދަކީ އޭނާ ޖަލުން މިނިވަންވީ ދުވަހެވެ.

އަޝްރަފް ވެވުގެ ކައިރީގައި އިނދެގެން މާޒީގެ ހަނދާންތައް ކުރަމުން ދަނިކޮށް ސިއްސައިގެން ދިޔައީ މީހަކު އޭނާގެ ކޮނޑުގައި ޖަހައިލީމައެވެ. އޭނާ އިސް އުފުލައި ބަލައިލިއެވެ. ކުރިމަތީގައި ހުރީ އޭނާގެ އެކުވެރި ޙަނީފެވެ.

"ޙަނީފް-؟" އަޝްރަފްގެ ލޮލުން ކުއްލިއަކަށް ކަރުނަ އަތުވެއްޖެއެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ.

"އާނ- އަހަރެން މަސައްކަތުން އަވަދިވެގެން ގެއަށް ދިޔަ މަގުމަތީގައި ވެވުގެ ކައިރީގައި މީހަކު ހުއްޓާ ފެނުނީމާ ބަލައިލާން އައީ- އަޝްރަފް ކަން އެނގުނީ ކައިރިއަށް އާދެވުނީމާ-" ޙަނީފް ޖަވާބު ދިނެވެ.

"ސަރުކާރުން އަހަރެންގެ ކުށަށް މަޢާފް ދެއްވީ- އަވަހަށް ސަލާމަތްވީ އެހެން ވެގެން- ޙަނީފް އަހަރެންނާ ބައްދަލު ކުރާން ޖަލަށް އައުން ހުއްޓައިލީ ކީއް ވެގެން-؟" އަޝްރަފް އަހައިލިއެވެ.

"މަސައްކަތް ބުރަ ކަމުން ފަހަކަށް އައިސް އެއް ގޮތަކަށްވެސް ވަގުތެއް ނުވަނީ- ތިޔަ ހުރިހައި ވާހަކައެއް ދައްކާނީ ގެއަށް ގޮސް- އަވަހަށް ގެއަށް ދަމާ ހިނގާ-"

އަޝްރަފް ތެދުވެއްޖެއެވެ.

"ޒޭބާގެ ހާލު ކިހިނެއް-؟" އަޝްރަފް ގެއާ ދިމާއަށް ދަމުން އަހައިލިއެވެ.

"ގެއަށް ހިނގާ- ހުރިހައި ވާހަކައެއް ކިޔައި ދޭނަން- އަޝްރަފްގެ ފަހަރިއާ ވެސް ބައްދަލު ކޮށްލަން ވާނެއެއްނު-؟"

"އަހާނ- ކާވެނިވެސް ކުރީތަ-؟" އަޝްރަފް ހީނލިއެވެ.

ދެ މީހުން ވާހަކަ ދައްކަމުން ޙަނީފްގެ ގެއަށް އަތުވެއްޖެއެވެ. އޭނާގެ ގޭގެ ދޮރާށީގެ ކައިރީގައި ވަކި ކޮޓަރިއެއް ހަދާފައި ހުރެއެވެ. އެއީ ގެއަށް އަންނަ މެހްމާނުންނަށްޓަކައި ހަދާފައި ހުންނަ ކޮޓަރިއެކެވެ. އޭނާ އަޝްރަފް ގެންގޮސް ވެއްދީ އެ ކޮޓަރި އަށެވެ.

"މި ތާނގައި ކުޑަ އިރުކޮޅަކު މަޑު ކޮށްލާ- އަހަރެން ގޮސް ސައި ހަދަން ބުނެފައި އަންނާނަން-" މިހެން ބުނެފައި އޭނާ އެ ކޮޓަރިން ނުކުމެގެން ގޮސް ގެއަށް ވަދެއްޖެއެވެ.

ކުޑަ އިރުކޮޅެއް ފަހުން އެނބުރި އައިސް އަޝްރަފާ ވާހަކަ ދައްކާން ފަށައިފިއެވެ. މާ ގިނަ އިރެއް ނުވެ ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. އެ ވަގުތު ޙަނީފް ބުނެލިއެވެ.

"އަޝްރަފް- މިހިރީ އަޝްރަފްގެ ފަހަރި- އަހަރެންގެ އަނބިމީހާ-"

އަޝްރަފް ދޮރާ ދިމާއަށް ބަލައިލިއެވެ. އެ ވަގުތު އޭނާގެ ފައި ދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ. އޭނާގެ ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ. ކުރިމަތީގައި ޙަނީފްގެ އަނތްބެއްގެ ގޮތުގައި އެހެރީ އޭނާގެ ޒޭބާއެވެ. އެހެރަ ރީތި ކުއްޖާއަށް ޖެހިފައިވާ ނިކަމެތި ހާލު ފެނިފައި އަޝްރަފަށް ވަރަށް އަސަރު ކުރިއެވެ. އޭނާ އުޅެނީ ވަރަށް ބޮޑު ހިތާމައެއްގައިކަން ދެނެގަންނާކަށް އަޝްރަފަކަށް އުނދަގުލެއް ނުވިއެވެ.

ޒޭބާ އަށް އަޝްރަފަކީ ކާކުކަން އެނގިއްޖެއެވެ. "އަޝްްރަފް- އަޝްރަފް މަރު..."

އެ ވަގުތު ކޮޓަރި ތެރެއަށް ވެރިވެގެން ދިޔައީ ޙަނީފްގެ ފަތަޙައިގެ ހުނުމުގެ އަޑެވެ.

(ނިމުނީ)

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.