ނަޝީދަށް ޙަމަލާދިނުގެ އަޑީގައިތިބި މީހުން އިންޞާފުގެ ކުރިމައްޗަށް ގެނެވޭނެ - ރައީސް

މިދިޔަ ބުރާސްފަތިދުވަހުގެރޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ޙަމަލާގެ އަޑީގައި ތިބި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނެވޭނެކަމަށާ، ޤާނޫނު އެމީހުންނާ އަރާ ހަމަކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވީ މިއަހަރުގެ ފިޠުރު އީދުދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. އެމަނިކުފާނު ވިދާޅުވީ މިފަހަރުގެ ފިޠުރު ޢީދު އަޅުގަނޑުމެންނާ ބައްދަލުކުރިއިރު މުޅި ޤައުމު މިވަނީ ކުއްލި ސިހުމެއްގެ ތެރޭގައިކަމަށެވެ. އާދެ، މިމަހުގެ 6 ވަނަ ދުވަހުގެ ރޭ އިރާކޮޅު، ރައީސް މުޙައްމަދު ނަޝީދަށް ސީދާ އަމާޒުކޮށް، މާލޭގައި ދިން ބޮމުގެ ނުރައްކާތެރި ޙަމަލާއަކީ، އަޅުގަނޑުމެންގެ ހިތްތަކަށް ބިރުވެރިކަމާއި، ނުތަނަވަސްކަން ނިހާޔަތަށް ވެރިކުރުވި ޓެރަރިސްޓް ޙަމަލާއެއްކަމަށް ރައީސް ވިދާޅުވިއެވެ.

"ރައީސް މުޙައްމަދު ނަޝީދަށް ދިން، އެ ޙަމަލާއަކީ، އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ޢަމަލެއް ނޫން. އެއްވެސް މީހެއްގެ ފުރާނަ ދުއްވައިލުމަށް ޙަމަލާއެއް ދިނުމަކީ، ކުޑަވެސް އިންސާނިއްޔަތުކަމެއް ހުރި މީހަކު ކުރާނެ ކަމެއް ނޫން. އެޒާތުގެ ޢަމަލުތަކުން، އެބަޔަކު ބޭނުންވާ އެއްވެސް މަޤްޞަދެއް، މާތް ﷲގެ އިރާދަފުޅުން މި ފަސްގަނޑުގައި ޙާޞިލެއް ނުވާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ޙަމަލާދިން މީހުންނަށް އަމާޒުކުރައްވައި ރައީސް ވިދާޅުވީ ޤާނޫނުތައް އެފަދަ މީހުން ވަށައިލާނެކަމަށާ، ޢަދުލު އިންޞާފު އެމީހުންނާ އަރައި ހަމަކުރާނެކަމަށެވެ. އެ ޙަމަލާ ދިނުމުގައި ބައިވެރިވި ކަމަށް، މިހާތަނަށް ފާހަގަކުރެވުނު ތިން މީހަކު، މިހާރު އެތިބީ، ޤާނޫނުގެ ބާރުގެ ދަށަށް ގެނެވިފައިކަމަށާ، އެހެންނަމަވެސް މިއީ މި ތިން މީހުންނާ ހަމައިން ނިމޭނެ ކަމެއް ކަމަކަށް ދެކެވަޑައިނުގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިފަދަ ދަށު ދަރަޖައިގެ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން، އަޅުގަނޑުމެންގެ އިޖްތިމާޢީ ގުޅުންތަކަށް ވެސް ވަރަށް ބޮޑަށް އަސަރު ކުރާކަމަށާ، މުޖްތަމަޢުގެ ހަމަޖެހުމާއި އުފާވެރިކަން ގެއްލިގެންދާކަމަށާ، ޢީދު ފާހަގަކުރުމަށް، އިސްލާމް ދީނުގައި ކަނޑައަޅުއްވާފައި ހުރި ކަންކަމަށް ބަލާއިރު މުޅިންވެސް ފެންނަނީ، އެއް މުސްލިމަކު އަނެއް މުސްލިމަކަށް، އަދި އެއް އިންސާނަކު އަނެއް އިންސާނަކަށް، އޯގާތެރިވުމާއި އެހީތެރިވުމާއި، ހިތްހެޔޮކަން ފާޅުކުރުމާއި، އުފާވެރިކަމާއެކު ބައްދަލުކުރުމަށް މަގުފަހިކޮށްދޭ ކަންކަންކަން ރައީސް ފާހަގަކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.