ފަޅިމޫނު - 92

(10 މެއި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ދެން ފެނުނީ އެހެން ތަސްވީރެކެވެ. އެއީ ފަރުޒާނާގެ ސޫރައެވެ. އެކަމަކު ފެންނަނީ ފުސްކޮށެވެ. ނުފެންނަތާ މާ ގިނަ ދުވަސްވީމާ ހަނދާނުގައި ހަރުލާފައި ހުރީ ފުސް ތަސްވީރަކަށް ވާތީ ފެންނަ ގޮތެއް ކަމުގައި ވެދާނެއެވެ. އޭނާއަށް ފެންނަ އެއްވެސް އެއްޗެއް މިހާރު މުޅީން ފުރިހަމައެއް ނޫނެވެ. ފަރުޒާނާގެ ސިފަ ފެންނަނީ ފަޅި ސޫރައެއްގެ ގޮތުގައެއް ނޫނެވެ. އެކަމަކު މުޅިއަކުން ސާފެއް ނޫނެވެ.

ފިނިފެންމަލުގެ މަތީން އޭނާއަށް ހަނދާންވީ އެ ވަގުތުއެވެ. ސިކުނޑިއަށް ވެރިވެގަތީ ފިނިފެންމަލުގެ ފިޔައެވެ. މަލުގެ ރީތިކަމާއި އޭނާޔާ ވަނީ އަޒަލުއްސުރެ ގުޅިފައި ކަހަލައެވެ. އޭނާގެ ހިތްހަމަނުޖެހުމާއި ކަންބޮޑުވުން މުޅީން ނެތިގެން ހިނގައްޖެއެވެ. އެޔާއެކު މަޑުމަޑުން ރާގަކަށް ތުނބުން ފުމެމުން ގޮސް ނާޒިމް އާބާދުގައި ހުންނަ ރުޚްސާނާގެ ގޭ ދޮށަށް ކާރު މަޑުކޮށްފިއެވެ.

ފަރީދު އަޙްމަދުގެ ދެމަފިރިން ކާރުން ފައިބައިފިއެވެ. އޭނާވެސް ފައިބައި ދަރިފުޅު އުރައިލުމަށް ފަހު މޫނުގައި ބޮސް ދިނެވެ.

ފަރީދު އަޙްމަދު ބުނެލިއެވެ. "ހިނގާ އެތެރެއަށް. ދާންވާނީ މިރޭ ކައިގެން."

އޭނާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ. "މިރެއަކު ނުކާނަން. މާދަމައިން ފެށިގެން ތިންއިރު ކާން އަންނާނަން."

ދެން އޭނާ އެނބުރިލީ މައިދައިތައާ ދިމާއަށެވެ. ދަރިފުޅު މައިދައިތަގެ އަތަށް ދިނުމަށް ފަހު ބުންޏެވެ. "މަންމާ. އަހަންނަކީ ވަރަށް ވިޔާނުދާ މީހަކީން. މިއަދު ކަންތައް ކުރެވުނީކީ ރަނގަޅަކަށް ނޫން. މާފުކުރޭ."

މައިދައިތަ ހައިރާން ވެފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. އަދި ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. "މާފުކޮށްފިން. ﷲ ވެސް އަފޫ ކުރައްވާނެ. ދަރިފުޅަކީ ވަރަށް ރަނގަޅު ކުއްޖެއް."

އޭނާ އަނެއްކާވެސް ދަރިފުޅަށް ދޮނެއް ދޭން ގުދުވެލިއެވެ. އެވަގުތު މައިދައިތަ އޭނާގެ ބޮލުގައި ފިރުމައިލާފައި ދުޢާ ކުރާން ފަށައިފިއެވެ. އޭނާ ގޮސް ކާރަށް އެރި އިރުވެސް ތުން ތެޅުވުން ހުއްޓައެއް ނުލައެވެ. އިރުއިރުކޮޅާ އޭނާ ދިޔަ ދިމާއަށް ފުމެވެސްލައެވެ.

ފަރީދު އަޙްމަދު ބުންޏެވެ. "ދެން ހުއްޓައިލާ. ތަންގަނޑު މީހުން ޖަމާވެދާނެ."

މައިދައިތަ ފުން ނޭވައެއް ލިއެވެ. "މި ސޮރު މި އުޅޭ ގޮތެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނު. އެއް ފަހަރު ކާރުން ބައިލާނެ. އަނެއް ފަހަރު ލަވަކިޔަމުން ހެމުން ކާރު ދުއްވަން ފަށްޓާނެ. ބައެއް ފަހަރު ކަޅި އަޅާނެ. އަނެއް ފަހަރު ފެންނާނީ ކުރިމަތީގައި އިހުތިރާމާއެކު ގުދުވެގެން އޮންނަތަން. ބައެއް ފަހަރު ކަލޭ ކަލޭ ކިޔައިގެން ވާހަކަ ދައްކާނެ. ދެން ގޮވައިލަނީ މަންމާއޭ ކިޔާފައި. ކޮންމެވެސް ކަހަލަ ނުލަފާ ހަންޑިއެއްގެ އަސަރު ކޮށްފައި ހުރީކަން ޔަގީން."

"ތިޔައީ ތެދެއް." ފަރީދު އަޙްމަދު އޭނާގެ އަންހެނުންގެ ފައިތިލައިން ފެށިގެން މޫނާ ހަމައަށް ފުންކޮށް ބަލައިލިއެވެ. "އަހަރެންގެ ތަޖުރިބާވެސް ބުނަނީ ހަމަ ތިޔަހެން. އެތެރެއަށް ހިނގާ."

ދެމީހުން އެކީގައި ގޮސް ގޭތެރެއަށް ވަދެއްޖެއެވެ.

ބާދްޝާ އެންމެ ފުރަތަމަ ދިޔައީ މީހަކު ގޮވައިގެން ކަރީމްއާބާދަށެވެ. އޭގެ ފަހުން ދިޔައީ ސަދަރަށެވެ. މިއަދު ކާރު ދުއްވާކަށް އޭނާ ބޭނުމެއް ނުވެއެވެ. އަނެއްކޮޅުން ފަރުޒާނާ ދެކެ ރުޅި އަންނަނީއެވެ. އޭނާ ކަނޑައަޅައިގެން ހުރީ ސަދަރުން އޭނާގެ ގެޔާ ދިމާއަށް ދާ މީހަކާ ދިމާވެއްޖެއްޔާ އެމީހަކު ގެންގޮސް ދީފައި ގެއަށް ދާށެވެ. އެކަމަކު އެތަނުން ރައްޓެހި ޑުރައިވަރަކާ ދިމާވެއްޖެއެވެ. އޭނާގެ ނަމަކީ ނިސާރެވެ.

"ކޮބާ އަނބިގޮއްޔެ ފުރުވައިލީތަ؟"

"އާނ. އެހެންވީމާ މި ހުންނަނީ ވަރަށް ބޮޑަށް ފޫހި ވެފައި. އެއްވެސް ކަމެއް ކުރާ ހިތެއް ނުވޭ."

"އަހަންނާ އެކީގައި ހިނގާ. ހިތް ޖެހިދާނެ."

ދެމީހުން އެކީގައި ގޮސް ރާޚާނާއެއްގައި އިށީނދެއްޖެއެވެ. ނިސާރު ދެ ތަށި ތައްޔާރު ކުރުމަށް ފަހު އޭނާއަށް އެއް ތަށި ދީފިއެވެ.

އޭނާ ބުނެލިއެވެ. "އޭތް. ކަލޭގެ އަނބިމީހާ ގެއިން ނުކުމެގެން ދިޔަ ވާހަކަ އަޑުއެހިން."

"ތިޔަ ވާހަކަ ބާއްވާފައި އަހަރެންގެ ސުވާލަކަށް ޖަވާބު ދީބަލަ. އަންހެނުންނަކީ މިއީ ކޮން ކަހަލަ ބައެއްތަ؟ ކަލޭ އެމީހުން ސިފަކުރަނީ ކިހިނެއް؟"

ބާދްޝާ ކުޑަކޮށް ވިސްނައިލާފައި ބުންޏެވެ. "އަންހެނަކު ލިބިއްޖެއްޔާ އޭނާ އަހަރެންގެ ފަހަތުން ދުވާގޮތް ހަދަނީ. ނުލިބިއްޖެއްޔާ އަހަރެން އޭނާގެ ފަހަތުން ދުވަނީ."

"ތިޔަ ދެއްކީ ފިރިހެނުންގެ ވާހަކައެއްނު؟ އަހަރެން މި އެހީ އަންހެނުންގެ ވާހަކަ."

"އަހަންނަށް މުޅި އުމުރުގައިވެސް ފެނުނީ ދެ އަންހެނުން. އެކަކަު ލިބޭ ގޮތެއް ނުވި. އަނެކަކު ލިބިއްޖެ."

ވޭޓަރު ފުޅިއެއް ގެނެސް މޭޒުމަތީގައި ބަހައްޓައިފިއެވެ. އިރުކޮޅަކު އެހެން ބޯން ތިބެފައި ނިސާރު އަނެއްކާވެސް ސުވާލު ކޮށްލިއެވެ. "އަންހެނުންނަށް އިތުބާރު ކުރުމަކީ ކުރާވަރުގެ ކަމެއްތަ؟"

ބާދްޝާ ތަށި ހުސްކޮށްލުމަށް ފަހު ބުންޏެވެ. "ކަށަވަރެއްނު. އަހަރެންގެ އަނބިމީހާއަކީ ވިސްނުންތެރި ވަފާތެރި މީހެއް. އަހަރެން ލޯމަރައިލާފައި އޭނާއަށް އިތުބާރު ކުރަން."

"އަހަރެމެންގެ މޮޔަކަމަކީ ތިޔައީ. އަހަރެމެން ތިބެނީ ލޯ މަރައިލައިގެން އިތުބާރުކޮށްގެން. އެންމެ ފަހުން ވަނީ ކިހިނެއްކަން އެނގޭތަ؟"

"ކިހިނެއް ވަނީ؟"

"އަހަރެމެންގެ ލޯ ހުޅުވެނީ."

ބާދްޝާއަށް ކުއްލިއަކަށް އިހުސާސް ކުރެވުނީ ނިސާރު ރުޚްސާނާއާ ދެކޮޅަށް ވާހަކަ ދެއްކީ ކަމުގައެވެ. އެހެންވީމާ ކުޑަކޮށް ނުރުހިފައި އަހައިލިއެވެ. "ތިޔަ ކިޔަނީ ކީކޭ؟"

ނިސާރު ވަރަށް ދެރަ ވެފައި އިސް ދަށަށް ޖަހައިލިއެވެ. "ބާދްޝާ. ކަލެއަށް އިވުނީ ހަމަ ރަނގަޅަށް. އަހަރެންގެ އަނބިމީހާ ކޮންމެވެސް ތަނަކަށް ހިނގައްޖެ."

"ތިޔައިގައި އޮންނާނީ ކަލޭގެ ކުށްކަން އަހަންނަށް ޔަގީން."

"ނޫނޭ. އަހަރެން އޭނާއަށް ރަނގަޅަށް ކާންބޯން ދެން. އަންނައުނު ހޯދައިދެން. އޭނާ ބޭނުން ކޮންމެ ކަމެއް ކޮށްދެން. އެކަމަކު ރީތި އަންހެނުންނަކީ ވަރަށް އެހެން ކަހަލަ ބައެއް. ހަމައެކަނި ފިރިމީހާގެ ތާރީފަކުން އެމީހުންނަކަށް ނުއެއް ފުދޭ. އެހެން މީހުންގެ ތާރީފުވެސް ބޭނުންވޭ. ފާޑެއްގެ ގޮލަޔަކު އައިސް ތާރީފުކޮށްގަތްގަތީނުން އޭނާ އަތުއަޅުވާލައިގެން ހިނގައްޖެ."

"އަހަރެންގެ ރުޚްސާނާ ތިޔަ ކަހަލަ މީހަކަށް ނުވީތީ ﷲ އަށް ހަމްދުކުރަން."

ނިސާރު އެތިފޮދެއް ބޮއިލުމަށް ފަހު ބުންޏެވެ. "އަހަރެން މި ދައްކަނީ ރީތި އަންހެނުންގެ ވާހަކަ."

ބާދްޝާ ކުއްލިއަކަށް މޭޒުމައްޗަށް ތަށި ޖެހުމަށް ފަހު ބުންޏެވެ. "އަހަރެންގެ ރުޚްސާނާ ހުތުރީތަ؟ އަހަރެން ކަލޭގެ ދަތްކޮޅު ދުއްވައިލާނަން."

"އެވާހަކަ ބާއްވާ. ދެމީހުން އަރައިރުން ވަނީ ކީއްކުރަން؟"

"އަހަރެންގެ އަނބިމީހާގެ އަގު ވައްޓައިލީމާވެސް ދޫކޮށްލާންވީތަ؟ އެ ވާހަކަ ބާއްވަންވީ ކީއްވެގެން؟ ކަލޭ އަހަންނަށް ބޯންދޭތީތަ؟"

މިހެން ބުނެފައި ޖީބުން ދިހަ ރުފިޔާގެ ފަސް ނޫޓު ނަގައި މޭޒުމަތީގައި ބާއްވައިފިއެވެ. "މިއޮތީ ކަލޭގެ އަތުން ހިނގި ޚަރަދު. ދެން ނިކަން އަހަރެންގެ ރުޚްސާނާއާ ބެހޭ ގޮތުން އެކަހަލަ ވާހަކައެއް ދައްކަބަލަ."

ބާދްޝާއަށް ހުރީ މުށްކެވިފައެވެ. އޭނާ އެހެރީ ތަޅައިފޮޅައިގަންނާން ތައްޔާރަށެވެ. ނިސާރު ބާދްޝާއާ ދިމާއަށް ބަލައިލާފައި ނިތްކުރީގައި އަތް ޖައްސައި ސެލިއުޓު ނަގައިފިއެވެ. "ވެރިޔާ. އަހަންނަށް މާފުކުރޭ. ބުނެވުނީއަކީ ބުނަން އުޅުނު އެއްޗެއް ނޫން."

"ކަލޭ ބުނަން އުޅުނީ ކީކޭ؟"

"އެއީ... އެއީ... އަހަރެން ބުނަން އުޅުނީ އަހަރެންގެ ފަހަރިއަކީ ވަރަށް ރީތި މީހެކޭ. އެކަމަކު ހުރީ މޫނުގެ އެއްފަޅިއެއްނު؟ ފުރައިގެން އެ ދިޔައީ އަނެއް ފަޅި ރީތިކުރާކަށްނު؟"

"ތިޔަ ބުނަނީ އަހަރެންގެ ރުޚްސާނާ މުޅީން ރީތިވެގެން އައިސް ކަލޭގެ އަންހެނުންހެން އަހަންނަށް ބޭވަފާތެރިވާނެއޭތަ؟ ދުނިޔޭގެ ހުރިހައި ރީތި އަންހެނުންނަކީ ބޭވަފާތެރިންތަ؟"

"ކިހައި ވަރުގަދަ ކަމެއް؟ މިހާރު މި ޖެހުނީ ކޮންފަދަ މަޅިއެއްގައި؟ ބާދްޝާ. ކަލޭ އަނބިމީހާ ދެކެ ނުލާހިކު ބޮޑަށް ލޯބިވޭ. އެ ލޯތްބަށްޓަކައި އަހަންނަށް މާފުކުރޭ. އަރައިރުންވުން ހުއްޓައިލާ. އެހެން ވާހަކައެއް ދައްކަމާ ހިނގާ."

ބާދްޝާ އަނެއްކާވެސް ކޯވަރެއް ބޮއިލިއެވެ. "އެހެން ވާހަކައެއް ނުދައްކާނަން. ރުޚްސާނާ އަހަންނާ ދުރަށް ދިޔައީމާ ކަލޭ ތިޔަ އުޅެނީ އަހަރެން މަގުފުރައްދަން."

ނިސާރު ތަށްޓާ ދިމާއަށް ބަލަހައްޓައިގެން އިނދެފައި ކުއްލިއަކަށް ބުނެފިއެވެ. "އޭތް... އަހަރެން މި އިންނަނީ ހަނދާންނެތިފައޭ. މިއަދު އަހަންނާ އަންހެން ޑަކްޓަރަކާ ދިމާވި. އޭނާޔާއެކީގައި ދިޔަ އަނެއް އަންހެންމީހާއަށް އޭނާ ކީއަޑު އިވުނީ ފަރުޒާނާއޭ."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.