ނަޝީދަށް ޙަމަލާދިން އައިއީޑީ ގޮއްވާލި މީހާގެ ވަނަވަރު ޢާއްމުކޮށްފި

ބުރާސްފަތި ދުވަހުގެރޭ އިރާކޮޅު  ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައިގެން ރައީސް މުޙައްމަދު  ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ގޮއްވާލި އައިއީޑީ ގޮއްވި މީހާގެ ވަނަވަރު ފުލުހުން ހާމަކުރައްވައިފިއެވެ.

އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދު (25އ)އެވެ. އޭނާ ހައްޔަރުކުރީ ރޭ މެންދަމުން ފެށިގެން ހެނދުނާ ހަމައަށް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ އޭނާ އަތުލައިގަތީ ޢާއްމު ފަރާތަކުން ދިން މަޢުލޫމާތެއްގެ އެހީގައި ހުޅުމާލޭގައި އޭނާ ދިރިއުޅޭ ފްލެޓުންކަމަށެވެ. އައިއީޑީ ގޮއްވާލުމަށްފަހު ފިލައިގެން ގޮސް އޭނާވަނީ ސިފަ އޮޅުވާލުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން ބޮލާއި ތުނބުޅި ތުނުކޮށް ކޮށާފައިވެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންވަނީ އޭނާ ރިމޯޓަކުން އައިއީޑީ ގޮއްވާލި މަންޒަރު ފެންނަ ސީސީޓީވީ ވީޑިއޯ ޢާއްމުކޮށްފައެވެ.

އައިއީޑީ ގޮއްވާލުމަށްފަހު ދުވެފައި މާލޭގެ އެކިތަންތަނުގައި އޭނާ ޙަރަކާތްތެރިވެފައިވެއެވެ. އަދި މިޢަމަލު ހިންގުމުގައި އޭނާއާ ބައިވެރިވި ބައެއް މީހުންނާ ބައްދަލުކޮށްފައިވެއެވެ. އޭނާ މާލޭގައި އުޅުނުގޮތް ދައްކުވައިދޭ ޗާޓެއްވެސް ފުލުހުންވަނީ ޢާއްމުކޮށްފައެވެ.

ރައީސް ނަޝީދަށް ޙަމަލާދިނުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި އިތުރު ދެމީހަކުވެސް ފުލުހުން ވަނީ މީގެކުރިން ހައްޔަރުކޮށްފައެވެ. އެއީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދެވެ. މިތިން މީހުންގެ ބަންދަށްވެސް ކްރިމިނަލްކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.