ރޮކެޓުގެ ބައިތައް ވެއްޓުނީ ދިވެހިރާއްޖެ ކައިރިއަށް: ޗައިނާ

އެޕްރީލް 29 ގައި ހައިނާންގެ ވެންޗަންގް ސްޕޭސް ލޯންޗް ސެންޓަރުން ލޯންގް މާޗް 5ބީ ރޮކެޓް އުދުއްސާލަނީ. މިރޮކްޓުގައި ޖައްވަށް ގެންދިޔައީ ޗައިނާގެ ޖައްވީ ސްޓޭޝަން ޓިއާންހޭގެ ފުރަތަމަ ބައި

ޗައިނާއިން ޖައްވަށް އުދުއްސާލި ރޮކެޓުގެ ބައިތައް ދުނިޔެއަށް ވެއްޓުނު އިރު އޭގެ ބައިތައް ވެއްޓުނީ ދިވެހިރާއްޖޭގެ ހުޅަނގުން ކަނޑަކަށް ކަމަށް ޗައިނާއިން ބުނެފިއެވެ. އެ ގައުމުން ބުނި ގޮތުގައި ދުނިޔޭގެ ޖައްވުގެ ތެރެއަށް ވަނުމާއެކު އޭގެ ބޮޑު ބައެއް ވަނީ ކުދިކުދިވެ އަނދައިގެން ގޮސްފައެެވެ.

ޗައިނާ މޭންޑް ސްޕޭސް އިންޖިނިއަރިންގ އޮފީހުން ބުނި ގޮތުގައި ރޮކެޓުގެ ބައިތައް ވެއްޓިފައި ވަނީ މިއަދު ހެނދުނު ޗައިނާ ގަޑިން 10:24 (ރާއްޖޭ ގަޑިން ހެނދުނު 8:24) ގައި ވެއްޓިފައި ވަނީ ޠޫލު (ލޮންޖިޓިއުޑް) 72.47 ދަރަޖަ (ޑިގްރީ) އިރާއި ޢަރުޟު (ލެޓިޓިއުޑް) 2.65 ދަރަޖަ (ޑިގްރީ) އުތުރާއި ގުޅުނު ހިސާބަށެވެ. އެއީ ދ. ކުޑަ ހުވަދޫގެ ހުޅަނގުން 40 ވަރަކަށް ކިލޯ މީޓަރު ދުރެވެ.

ޗައިނާގެ ލޯންގް މާޗް 5ބީ ރޮކެޓް އެޕްރީލް މަހުގެ 29 ވަނަ ދުވަހު އުދުއްސާލީއްސުރެ، އޭގެ ބައިތައް ވެއްޓޭނެ ތަނަކާ މެދު ދުނިޔޭގެ ކަންކޮޅުތަކުގެ މީހުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެެވެ. މިއީ 2020 ވަނަ އަހަރު މޭމަހު ރޮކެޓެއް އުދުއްސާލި ފަހުން މީގެ ރޮކެޓެއް އުދުއްސާލި ފުރަތަމަ ފަހަރެވެ. އެ ފަހަރު ރޮކެޓްގެ ބައިތައް ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ އައިވަރީ ކޯސްޓަށް ވެއްޓި ބައެއް އިމާރާތްތަކަށް ގެއްލުން ވެފައި ވެއެެވެ. އެހެންނަމަވެސް، އެެއްވެސް މީހަކަށް އަނިޔާ ނުވެއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ދުނިޔޭގެ ބޮޑު ބަޔަކު ކަނޑު ކަމަށް ވާތީ ޖައްވުން ވެއްޓޭ މިފަދަ ތަކެތި އެއްގަމަށް ވެއްޓުމަކީ ވަރަށް ދުރުކަމެކެވެ. އަދި ވެއްޓޭ ބައިތަކުން ބަޔަކަށް އަނިޔާވުމަކީ ވެސް  ދުރުކަމެކެވެ.

އެމެރިކާގެ ނާސާގެ 'ސްޕޭސް ލެބް' ގެ ބައިތައް 1979 ވަނަ އަހަރު އޮސްޓްރޭލިޔާއަށް ވެއްޓުނު ފަހުން ޖައްވަށް ފޮނުވާ ރޮކެޓް ފަދަ ތަކެތި ޑިޒައިން ކުރަނީ ކޮންޓްރޯލް ކޮށްގެން ބިމަށް ތިރިކުރެވޭ ގޮތަށެވެ. އެެހެންނަމަވެސް، ޗައިނާގެ ލޯންގް މާޗް ރޮކެޓް ޑިޒައިން ކޮށްފައި ވަނީ އެފަދަ ގޮތަކަށް ނޫނެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.