ކާބުލްގެ ހުޅަނގުގައި ޝީޢާ މީހުން ގިނަ އަވަށެއް ކަމުގައިވާ ދަޝްތޭ ބަރްޗީގެ މަދަރުސާއެެއްގެ ކުރިމަތީގައި ބާރުގަދަ ބޮމެއް ގޮއްވާލައިިފިއެވެ. އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ޠާރިޤް އާރްޔާން ވިދާޅުވި ގޮތުގައި ކާރު ބޮމެއް ބޭނުންކޮށްގެން ދިން މިހަމަލާގައި 55 މީހުން މަރުވެ 150 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައި ވެއެވެ. ނަން ހާމަ ނުކުރަން އެދި ވަޑައިގަތް އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި ސައްޔިދުއް ޝުހަަދާ މަދަރުސާއިން ދަރިވަރުން ނުކުތް ވަގުތު ބޮން ގޮވުމުގެ ސަބަބުން، މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެން ދަރިވަރުންނެވެ.
މިހާތަނަށް އެެއްވެސް ޖަމާއަތަކުން މި ހަމަލާގެ ޒިއްމާ އުފުލާފައި ނުވެއެވެ.
އަފްޣާނިސްތާނުގެ ރައީސު އަޝްރަފު ޣަނީ ތުހުމަތުކުރެއްވި ގޮތުގައި މި ހަމަލާގެ ފަހަތުގައި ވަނީ ޠާލިބާން ޖަމާއަތެވެ. އެހެންނަމަވެސް، އެ ޖަމާއަތުން އެކަން ދޮގުކޮށް މިހަމަލާ ކުށްވެރިކޮށްފައެވެ. އެ ޖަމާއަތުން ބުނި ގޮތުގައި ހަަމަލާގެ ފަަހަތުގައި ވަނީ އަފްޣާން ސިއްރުފުލުހުންގެ ނިވަލުގައި ފޮރުވިގެން ތިބެ މަސައްކަތްކުރާ އިސްލާމިކް ސްޓޭޓް (އައިސިސް) ޖަމާއަތުގެ މެންބަރުންނެވެ.
މަދަރުސާ ހުރި ޝީޢާ މީހުން ގިނަ އަވަށަކީ މާޒީގައި އައިސިސްގެ ގިނަ ހަމަލާތަކެއްގެ އަމާޒަކަށް ވެފައިވާ އަވަށެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
ހަމަލާ ދީފައި ވަނީ އިއްޔެ ހަވީރު 5:30 (ރާއްޖޭ ގަޑިން ހަވީރު 6:00) ހާއިރުއެވެ. އެ ވަގުތަކީ އެތައް ސަތޭކަ ދަރިވަރުންނެއް ކިލާސްތައް ނިންމާލައި ގެއަށް ދާން ނުކުތް ވަގުތެވެ. އެ މަދަރުސާއަކީ ތިން ދަންފަޅިއަށް ކިޔަވައިދޭ، ދެ ޖިންސުގެ ދަރިވަރުން ކިޔަވަންދާ މަދަރުސާއަކަށް ވާއިރު، ދެވަނަ ދަންފަޅީގައި ކިޔަވަނީ އަންހެން ދަރިވަރުންނެވެ.
މަންޒަރު ދުށް މީހަކު ބޭރުގެ ޚަބަރު ފަތުރާ ވަސީަލަތްތަކަށް ކިޔައިދިން ގޮތުގައި ގޮވާފައި ވަނީ އެއް ގޮވުމެއް ނޫނެވެ. ޖެހިޖެހިގެން ތިން ގޮވުން ގޮވާފައި ވެއެވެ.
ފާއިތުވި އަހަރުގެ މޭ މަހުގެ ތެރޭގައި ހަތިޔާރު އެޅި ބަޔަކު ވަނީ ދަޝްތޭ ބަރްޗީ އަވަށުގެ ހޮސްޕިޓަލަކަށް ވަދެ ދިން ބަޑީގެ ހަމަލާގައި 25 މީހުން މަރާލާފައެވެ. އޭގެ ތެރޭގައި ވިހައިގެން ތިބި 16 މައިންވެސް ހިމެނެއެވެ. އަދި ހަމަ އެ އަަހަރު އޮކްޓޯބަރު މަހު އެ އަވަށުގެ ޓިއުޝަން ސެންޓަރަކަށް ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި 18 މީހުން މަރުވެެފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ ދަރިވަރުންނެވެ.