ރައީސް ނަޝީދަށް ޙަމަލާދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި  2 މީހުންގެ ވަނަވަރު ޢާއްމުކޮށްފި

ރައީސް ނަޝީދަށް ޙަމަލާދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި  2 މީހުންގެ ވަނަވަރު ޢާއްމުކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނަވަރު ޢާއްމުކޮށްފައިވާ ދެމީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދެވެ. މީތެރެއިން ތަހްމީނު އަޙްމަދަކީ ރައީސް ނަޝީދު އަވަހާރަކޮށްލަން ގޮއްވާލި ބޮން ހަރުކޮށްފައިވާ ސައިކަލުގެ ވެރިފަރާތެވެ.

މިދެމީހުންނަކީ ކުރިންވެސް ކުށުގެ ރެކޯޑު އޮންނަ ދެމީހުންކަމަށް ފުލުހުން ވިދާޅުވިއެވެ. މިދެމީހުންގެ އިތުރުން މިމައްސަލައާ ހޯދަމުންދާ މައި އަދި އެންމެ މުހިންމު މީހާ ފެންނަ ސީސީޓީވީ ފުޓޭޖެއްވެސް ފުލުހުންވަނީ ޢާއްމުކޮށްފައެވެ. މިމީހުންނާމެދު ޖިނާޢީ ދަޢުވާކުރެވޭވަރުގެ ހެކި އެބަހުރިކަމަށް ޕްރޮސެކިއުޓަރ ޖެނަރަލާއެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވިއެވެ. މިއަދުގެ ބައްދަލުވުމުގައި ފުލުހުންވަނީ ނީލޯފަރު ގޯޅިން ރައިސް ނަޝީދު ހިންގަވާފައި ވަޑައިގަންނަވަނިކޮށް ބޮން ގޮވާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު ޢާއްމުކޮށްފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުވަނީ، ރައީސް ނަޝީދަށް ޙަމަލާދިން ސަރަޙައްދުން ޝައްކުކުރެވޭ 4 މީހެއް ފާހަގަކުރެވިފައިވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އޭގެ އިތުރަށްވެސް މީހުން ހައްޔަރުކުރަން ޖެހިދާނެކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވި މައްސަލާގައި ހޯދަން ޢިއުލާންކޮށްފައިވާ މީހާ

މިހަމަލާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް، ފޮޓޯއެއް، ވިޑިއޯއެއް ލިބިފައި ވާނަމަ އޮންލައިންކޮށް ފުލުހުންނަށް އެކަން ހުށައެޅެމުގެ ފުރުސަތުވެސް ފުލުހުން މިވަނީ ހުޅުވާލާފައެވެ.  ފުލުހުންގެ ޚާއްސަލަ ލިންކު https://u.police.mv/evidence އަށް މަޢުލޫމާތު ހުށައެޅުމަށް ފުލުހުން އެދިވޑައިގަންނަވައެވެ. އަދި  ހޮޓްލައިން 9704000 އަށް ވެސް މިމަޢުލޫމާތު ހުށައެޅޭނެކަމަށް ފުލުުން ވިދާޅުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.