ސައުދީ އަރަބިއްޔާގެ އެންމެ މަޝްހޫރު އަދި އެންމެ ބާރު ގަދަ އެއް ބިލިއަނަރު ކަމަށް ބެލެވިފައިވާ ސައުދީ ޝާހީ އާއިލާއަށްވެސް ނިސްބަތްވެވަޑައިގަންނަވާ ވަލީދު ބިން ތޮތާލް ހައްޔަރު ކޮށްފިއެވެ.
ބަޔެއް މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ވަލީދު ހައްޔަރު ކޮށްފައި ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި ސައުދީ ސަރުކާރުންނެވެ. ނަމަވެސް އެއީ ކޮން ކަމަކާބެހޭ ކޮރަޕްޝަނުގެ އަމަލެއްކަމެއް ޔަގީނެއް ނުވެއެވެ. ވަލީދު ހައްޔަރުކުރިކަން ސައުދީ އަރަބިއްޔާގެ ބަޔެއް މީޑިޔާ އެޖެންސީ ތަކުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
ވަލީދު ބިން ތޮލާލްއަކީ ސައުދީ އަރަބިއްޔާގައި މުއްސަނދި ކަމުގެ ގޮތުން އެންމެ ކުރީ ސަފުގައި އުޅުއްވާ ފަރާތުގެ އިތުރުން އަރަބިންގެ ތެރޭގައިވެސް ހުންނެވި އެންމެ މުއްސަނދި އެއްބޭފުޅާއެވެ. އަދި އަރަބިންގެ އިތުރުން ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މުއްސަނދި ކަމުގެ ގޮތުން ވަލީދަކީ ވަރަށް މަޝްހޫރު ބޭފުޅެކެވެ. ޕްރިންސް ވަލީދު ރާއްޖެ ވެސް ވަޑައިގަންނަވާފައެވެ. ޕްރިންސް ވަލީދަކީ ދުނިޔޭގެ އެކިއެކި ކަންކޮޅު ތަކުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކާއި ޙާލުގައި ޖެހިފައިވާ އެތައް ބަޔަކަށް އެހީތެރިކަން ދެއްވާ ދީލަތި ބޭފުޅެއްގެ ގޮތުގައިވެސް މަޝްހޫރު ބޭފުޅެކެވެ.
ޕްރިންސް ވަލީދު ހައްޔަރު ކޮށްފައިވާ ކަމަށް ގިނަ މީޑިޔާ ރިޕޯޓުތައް ބުނާއިރު ވަލީދުގެ ޙިއްސާ ދުނިޔޭގެ ވަރަށްގިނަ ކުންފުނި ތަކުގައި އޮވެއެވެ. ސައުދީ ޝާހީ އާއިލާގެ ބާރުތަކަށް އައި ބަދަލުތަކާއެކު އެގައުމުގެ ދާޚިލީ ބަޔެއް ކަންކަމަށް އަންނަމުންދާ ބަދަލު ތަކުގެ ތެރޭގައި ސައުދީ ޝާހީ އާއިލާއަށް ނިސްބަތްވާ ޕްރިންސުންތަކެއް ހައްޔަރު ކުރަމުންދާ ވާހަކައަކީ ދުވަސްކޮޅެއް ކުރިން މީޑިޔާއަށް ތިލަވެފައިވާ ވާހަކަ ތަކެކެވެ.