ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޙަމަލާއަކީ ރާއްޖޭގެ ޑިމޮކްރަސީއާއި އިޤްތިޞާދަށްވެސް ދިން ހަމަލާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިރޭ ޤައުމާ މުޚާޠަބުކުރައްވައި ދެއްވި ކުރު ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ރައީސް ނަޝީދަށް ދިން ޙަމަލާގެ މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް މިހާރު ސަރުކާރުން ފަށްޓަވާފައިވާކަމަށެވެ. އެގޮތުން ދިވެހި ސިފައިންނާއި ފުލުހުން ކުރިއަށްގެންދާ ތަހްޤީޤުގައި ބޭރުގެ އެހީތެރިކަން ހޯއްދަވަން ނިންމަވާފައިވާކަމަށާ، އެގޮތުން އަންނަ ހޮނިހިރުދުވަހު މި ތަޙްޤީޤުގައި ބައިވެރިވުމަށް އޮސްޓްރޭލިއަން ފެޑަރަލް ޕޮލިސް ރާއްޖެ އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ޙަމަލާ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ އިތުރު އޮޕަރޭޝަނެއް ކުރަން ޖެހިފައިވާކަން އޭޑީކޭ ހޮސްޕިޓަލުން އެމަނުކާފަށް މަޢުލޫމާތު ލިބިވަޑައިގެންފައިވާކަމަށެވެ.