ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިގެން މިރޭ ދިން ނުރައްކާތެރި ޙަމަލާ ތަޙްޤީޤުކުރުމަށް ރާއްޖެއިން ބޭރުގެ އެހީ ހޯދުމަށް ނިންމަވާފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ މިކަން ތަހްޤީޤުކުރަން ނިންމާފައިވަނީ ބޭރުގެ އެހީތެރިކަމާއެކު ދިވެހި ސިފައިންނާއި ފުލުހުންނާއި ދައުލަތުގެ މުއައްސަސާތައް ގުޅިގެންކަމަށެވެ.
މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ރައީސް ނަޝީދަށް ޙަމަލާދިން ސަރަޙައްދަށް ވަޑައިގެން ސީން ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުންނެވެ. މިނިސްޓަރ އިމްރާން ވިދާޅުވީ މިކަމަކީ ލުއި ކަމެއްގެ ގޮތުގައި ސަރުކާރުން ނުނަގާނެ ކަމަށާ، ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މިކަމުގެ ފުރިހަމަ ތަހުޤީޤެއް ކުރާނެކަމަށެވެ. އަދި މި އަނިޔާވެރި ޢަމަލު ހިންގިބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިރޭ ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ މި ޙަމަލާއާ ގުޅިގެން މިހާރު ފަށާފައިވާ ތަޙްޤީޤަށް ފުލުހުންގެ އިންޓަލިޖެންސަށް މިހާރުވެސް މުހިންމު މަޢުލޫމާތުތަކެއް ލިބިފައިވާކަމަށެވެ. މަޢުލޫމާތުތައް ބަލައި ތަހްޤީޤުކޮށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅުއްވާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މިރޭ އިރާކޮޅު ރައީސް ނަޝީދުގެ ގެކޮޅު ގ.ކެނެރީގެ ހުންނަ ލައޮނީފަރު ހިނގުމާއި މަޖީދީމަގު ގުޅުނު ކަންމަތީގައި އެއްޗެއްގޮއްވާލީ، ރައީސް ނަޝީދު ތަނަކަށް ވަޑައިގަންނަވަން ކާރުކޮޅަށް އަރާވަޑައިގަންނަވަން ވަޑައިގެންނެވި ވަގުތާ ދިމާކޮށެވެ. މިޙަމަލާގައި ރައީސް ނަޝީދު ޒަޚަމްވެ އޭޑީކޭގައި އަންނަނީ ފަރުވާ ހޯއްދަވަމުންނެވެ. އެމަނިކުފާނުގެ ޙާލުކޮޅުގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.