އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު: 13/2008) އަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ 19 އެޕްރީލް 2021 ވި ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި އިޞްލާހުގައި އެ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި "ކޮރަޕްޝަން" ކަމަށް ބުނެފައިއެވަނީ، ކޮރަޕްޝަންގެ ކުށާއި، ކޮރަޕްޝަންގެ ކުށެއް ކުރުމަށްޓަކައި ހިންގާ އެންމެހައި ޢަމަލުތައް ހިމެނޭގޮތުން ކަމަށް ހިމަނާފައިވެއެވެ. އަދި ހަމަ އެ މާއްދާގެ (ށ) ގައި، މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، "ކޮރަޕްޝަންގެ ކުށް" ކަމަށް ބުނެފައިއެވަނީ، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 510، 513، 515، 516، 517 އަދި 518 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކުށްކުށާއި، އެނޫންވެސް ޤާނޫނެއްގައި ކޮރަޕްޝަންގެ ކުށް ކަމުގައި ކަނޑައަޅާފައިވާ ކޮންމެ ކުށަކަށް ކަމަށް ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤްކުރެއްވުމާއި ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.