ކެބިނެޓަށް ބައެއް ބަދަލު ގެންނަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކެބިނެޓާއި ބައެއް ވުޒާރާތަކަށް ބަދަލު ގެންވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި ފިޝަރީޒް މިނިސްޓަރުކަމަށް ޑރ ހުސައިން ރަޝީދު އައްޔަންކުރައްވައި އެންވަޔަރަމެންޓް މިނިސްޓްރީއަށް އާމިނަތު ޝައުނާ ވަނީ އައްޔަންކުރައްވާފައެވެ. ޑރ ހުސައިން ރަޝީދު މިހާތަނަށް ހުންނެވީ  މިނިސްޓަރ އޮފް އެންވަޔަރަންމަންޓްގެ މަގާމުގައެވެ. އެއީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެކެވެ. އަދި ޝައުނާއަކީ  ރައީސް އޮފީހުުގެ ޕޮލިސީ ސެކްރެޓަރީއެވެ. އެ މަޤާމަކީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަޤާމެކެވެ. ޝައުނާ ވަޒީރުކަމަށް ޢައްޔަންކުރެއްވުމާއެކު ސަރުކާރުންވަނީ މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ އުވާލައްވައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ނަން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ނަމަށް މިއަދު ބަދަލުކުރައްވާފައެވެ.

ފިޝަރީޒް މިނިސްޓަރުކަމުގެ މަޤާމު މިއަދާހަމައަށް ފުރުއްވި ޒަހާ ވަޙީދު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމުގައި ހުންނެވި ޒަހާ ވަޙީދު އެ މަޤާމުން މިއަދު އިސްތިޢުފާދެއްވައި، އެކަމަނާގެ އިސްތިޢުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރު ކަމުގެ މަޤާމުގައި ހުންނަވައިގެން ޒަހާ ވަޙީދު ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކަށް ޝުކުރުއަދާކުރައްވާފައިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.