މި ކާއިނާތުގައި ހިމަނައި ކޮޅުން ނުލާހައި ގިނަ ނިޒާމްތައް އެބަ ހިނގައެވެ. އަޅުގަނޑުމެންނަށް އިހުސާސް ނުކުރެވުނު ކަމުގައި ވިޔަސް މި ހުރިހައި ނިޒާމެއް ކޮންޓްރޯލް ކުރައްވަނީ ﷲ އެވެ. މިސާލަކަށް އަޅުގަނޑުމެން ނިދާފައި ތިބޭއިރު ވެސް އަދި ފޮތް ކިޔާ އިރުވެސް ނުވަތަ ހިނގާ އިރުވެސް އަޅުގަނޑުމެން މި ތިބެނީ ﷲ ގެ ކޮންޓްރޯލުގެ ދަށުގައެވެ. ﷲ މި ކާއިނާތާއި މި ކާއިނާތުގައި ލައްވާފައިވާ ގިނަގުނަ ތަކެތި ހައްދަވާފައި ވަނީ އެކަލާނގެ ކުޅަދުންވަންތަކަން އަޅުގަނޑުމެންނަށް ދެއްކެވުމަށްޓަކައެވެ. ކާއިނާތު ހައްދަވައި ހިންގަވާ ސަބަބު އަންގަވައި ދެއްވުމުގެ ގޮތުން ކީރިތި ޤުރްއާންގައި ﷲ އަންގަވާފައި ވަނީ މި ފަދައިންނެވެ. "މާތް ﷲ އީ ހަތް އުޑާއި ބިމުގެ ވެސް އެހާ ވަރު އުފެއްދެވި ކަލާނގެއެވެ. އެކަލާނގެ އަމުރުފުޅު (ނުވަތަ ވަޙީ) އެތަންތާނގެ ދެމެދުގައި ބާވައިލައްވައި ހިންގަވަތެވެ. އެއީ މާތް ﷲ އީ ހުރިހައި ކަމަކަށް ކުޅަދުންވަންތަ ކަލާނގެ ކަމާއި މާތް ﷲ އީ އެކަލާނގެ ޢިލްމުފުޅުން ހުރިހައި ކަމެއް ދެނެވޮޑިގެންވާ ކަލާނގެކަން ތިޔަބައިމީހުން ދެނެގަތުމަށްޓަކައެވެ." (ސޫރަތުއްޠަލާޤް: 12) ކާއިނާތުގެ ނިޒާމުގައި އަޅުގަނޑުމެންނަށް ހިތަށް ވެސް ނުގެނެވޭ ފަދަ އެތައް އެއްޗެއް ﷲ ވަނީ ލައްވައިފަ އެވެ. އެއިން އެއްޗަކާ މެދު ނުވަތަ ކަމަކާ މެދު ވިސްނުން ހިންގާކަށްވެސް އަޅުގަނޑުމެންނަކަށް ނޭނގޭނެ އެވެ.
މިސާލަކަށް ކާއިނާތަކީ ވަރަށް ތަނަވަސް ފުޅާ އަދި ބޮޑު ތަނެއްކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގެއެވެ. އެކަމަކު އެ ތަނަވަސްކަމަކީ ނުވަތަ އެ ބޮޑު މިނަކީ ކޮބައިކަމާމެދު ވިސްނަން ފެށީމާ އަޅުގަނޑުމެންގެ ވިސްނުން ދަތުރުކޮށްފައި ދަނީ ފަސޭހައިން ބޮލަށް ވަންނަ ކަހަލަ ކަންތައްތަކެއްގެ ތެރެއަކަށް ނޫނެވެ. އިރުގެ ވަށަ މިނަކީ ދުނިޔޭގެ ވަށަ މިނަށް ވުރެ 103 ބައި ބޮޑު ވަށަމިނެކެވެ. މި މިސާލު ތަންކޮޅެއް އާދައިގެ ގޮތަކަށް ގެންނަމާތޯއެވެ؟ ދުނިޔެއަކީ ފަސް އޮށެއް ކަމަށް ބައްލަވާށެވެ. އެހެން ކަމަށް ވާ ނަމަ އިރުގެ ބޮޑު މިނުގައި ފުޓްބޯޅައެއްގެ ދެ ގުނަ ހުންނާނެއެވެ. މީގައި އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ދުނިޔެއާއި އިރާ ދެމެދު ހުންނަ ދުރުމިނެވެ. މި ދުރުމިން ބަލައިލުމުގެ ގޮތުން މިސާލެއް ޖަހާ ނަމަ ކުރިން ދެންނެވުނު ފަސް އޮށް ބާއްވަން ޖެހެނީ ފުޓުބޯޅައިގެ ދެގުނަ ހުންނަ ވަރުގެ ބޯޅަ އަކާ 280 މީޓަރު (920 ފޫޓު) ދުރުގަ އެވެ. އަޅުގަނޑުމެންނަށް ކާއިނާތުން މި ފެންނަ ތަރިތައް ބަހައްޓަން ޖެހެނީ (ފަސްއޮށާ) އެތައް ހާސް ކިލޯމީޓަރެއްގެ ދުރުމިނުގައެވެ.
މި މިސާލަށް ބައްލަވައިލެއްވީމާ ސޯލާ ސިސްޓަމްގެ ބޮޑުކަމާއި ތަނަވަސްކަން ހިތްޕުޅަށް ގެންނެވޭނެއެވެ. އެކަމަކު ސޯލާ ސިސްޓަމް އެ ނިޒާމެއްގައި ހިމެނޭ މިލްކީވޭ ގެލަކްސީ ނުވަތަ މަޑިކިލަނބަށް ބަލައިލާއިރު ސޯލާ ސިސްޓަމް ފެންނާނީ ވަރަށް ކުޑަކުޑަ އެއްޗެއްގެ ގޮތުގައެވެ. އެހެނީ މިލްކީވޭ ގެލަކްސީގައި އިރު ފަދަ ގާތަގަނޑަކަށް 250 ތަރި ހިމެނެއެވެ. މީގެ ތެރެއިން ގިނަ ތަރިއަކީ އިރަށް ވުރެ އެތައް ގުނައެއް ބޮޑު ތަރިއެވެ.
އަޅުގަނޑުމެންނަށް މި ފެންނަ އިރު ހިމެނިފައި ވަނީ މި ދެންނެވުނު ގެލަކްސީގައެވެ. މި ކަމުގައިވެސް އެންމެ ފާހަގަ ކުރެވޭ ކަމަކީ މުޅި ޖައްވަށް ބަލާ އިރު މިލްކީވޭ ގެލަކްސީގެ ކުޑަ ކަމެވެ. އެހެނީ ޖައްވުގައި މި ނޫނަސް އެތައް ގެލަކްސީއެއް ހިމެނެއެވެ. ބައެއް އަންދާސާ ކުރުންތަކުން ދައްކާ ގޮތުގައި ޖައްވުގައި 300 ބިލިއަން ގެލަކްސީ ހިމެނެއެވެ.
މި ދެންނެވުނު ކުޑަކުޑަ މިސާލުންވެސް ކާއިނާތު ހެއްދެވުމުގައި ﷲ އަށް ލިބިވޮޑިގެންވާ ކުޅަދުންވަންތަކަމާއި އެހެން އެއްވެސް ބާރަކުން އެކަމެއް ނުކުރެވޭނޭކަން އެނގެއެވެ. އަދި އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވާކަން ވެސް ވަރަށް ރަނގަޅަށް އެނގެއެވެ. މި ކަންކަމާމެދު ވިސްނުން ހިންގަން އަޅުގަނޑުމެންނަށް އަންގަވަނީ މި ފަދައިންނެވެ.
"ހެއްދެވުމުގައި ގަދަފަދަކަން ބޮޑީ ނުވަތަ އުނދަގޫކަން ބޮޑީ ތިޔަބައިމީހުންހޭ ނުވަތަ އުޑުހޭ؟ އެކަލާނގެ (ﷲ) އެ އުޑު ބިނާ ކުރެއްވިއެވެ. އެކަލާނގެ އެ އުޑުގެ އުސްމިން އުފުއްލެވިއެވެ. އަދި އެ އުޑު ހަމަ ކުރެއްވިއެވެ." (ސޫރަތުއްނާޒިޢާތު: 27، 28)