ކޮވިޑް-19 : "މިއީ އައު ރާޅެއް، މިހާރުވެސް ދަރމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ފުރިއްޖެ"

މިހާރު ރާއްޖޭގައި ފެތުރެމުން މިދަނީ ކޮވިޑް-19ގެ އިތުރު ރާޅެއްކަމަށާ، ބަލިމީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެ، ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ފުރިފައިވާކަމަށް، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ.މުޙައްމަދު ޢަލީ ވިދާޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ މިހާރު ފުރިފައިވާކަމަށާ، އެތަނުގައި 9 މީހަކު އެޑްމިޓްކޮށް، 6 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަކަމަށެވެ. މީގެއިތުރުން މާބަނޑު މީހެއްގެ ޙާލަތު ވަރަށް ސީރިއަސްވެ ވެންޓިލޭޓަރަށް ލާންޖެހޭ ޙާލަތުގައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޑރ.މުޙައްމަދު ޢަލީ ވިދާޅުވީ ކޮވިޑް-19ގެ ޙާލަތު ގޯސްވެ ބައެއް ބަލިމީހުންނަށް ނިއުމޯނިއާ ޖެހުމުގެ މައްސަލަ ބޮޑުވެފައިވާކަމަށެވެ. މިޙާލަތުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމަށްތަކައި އޮކްސިޖަން ފޯރުކޮށްދިނުމަށްތަކައި ބަލިމީހާ ބަންޑުން ޖަހައިގެންވެސް މިހާރު ފަރުވާދޭކަމަށާ، އެއީ އުއްޑުން އޮންނައިރު އޮކްސިޖަން ވަންނަ މިންވަރު މަދުވާނެތީ ޢަމަލުކުރާ ގޮތެއްކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. އެއީ މިފަދަ ޙާލަތްތަކުގައި ދުނިޔޭގައިވެސް ފަރުވާ ދިނުމަށް ޢަމަލުކުރާގޮތްކަން ފާހަގަކުރައްވައި ޑޮކްޓަރ ވިދާޅުވީ މިޙާލަތުގައި ބަލިމީހުންނަށް ފަރުވާ ދިނުމަށް ކުރަންޖެހޭ މަސައްކަތަކީ ބުރަ އުނދަގޫ މަސައްކަތަކަށްވާތީ، ޙާލުބޮޑުވާ ބަލިމީހުން އިންތިހާއަށް އިތުރުވުމަކީ ނުރައްކަލެއްކަމަށެވެ. މިހާރު މިވަނީ ރާއްޖޭގައި ހުރި ވާސީލަތްތަކާއި ސިއްޙީ ޚިދުމަތްތެރިންނަށް ނުތަކާވަރަށް ޙާލަތު ގޯސްވެދާނެކަމުގެ ބިރު ބޮޑުވެފައިކަމަށެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.