ކެބިނެޓަށް ބަދަލު ގެނައުމާމެދު އަދިވެސް ދަނީ މަޝްވަރާ ކުރައްވަމުން - ތަރުޖަމާނު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެމަނިކުފާނުގެ ކެބިނެޓަށް ބަދަލު ގެނައުމާއިމެދު އަދިވެސް ގެންދަނީ ސަރުކާރު ކޯލިޝަނުގެ ޕާޓީތަކާ މަޝްވަރާ ކުރައްވަމުންކަމަށާ، އަދި މުޅިން ވަކިގޮތެއް ނުނިމޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް މިކަމާ ގުޅޭގޮތުން ވާހަކަފުޅުދެއްކެވީ  ނޫސްވެރިންގެ  ސުވާލުތަކަށް ޖާވާބުދެއްވުމުގެގޮތުންނެވެ.  މަބްރޫކް ވިދާޅުވީ ސަރުކާރުގެ ހިންގެވުމަށް ބައެއް ބަދަލު ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ގުޅިގެންކަމަށެވެ.

ކެބިނެޓަށް ބަދަލުގެނައުމާ ގުޅޭގޮތުން ރައީސް ކޯލިޝަނުގެ ވެރިންނާ މަޝްވަރާ ކުރައްވަމުންދާކަމަށް ތަރުޖަމާނު މި ވިދާޅުވީ، ބައެއް ވަޒީރުން އެހެން ވުޒާރާތަކަށް ބަދަލުރައްވައި، އައު ވަޒީރުން ބައެއް ވުޒާރާތަށް ލައްވަވަން ސަރުކާރުން ނިންމެވިކަމާއި އެކަމުގެ ބައެއް ތަފްސީލްތައް މީޑިއާއަށް ތިލަވެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން  ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ ވަޙީދު ވަކިކުރައްވައި ރައީސް އޮފީހުގެ މިނިސްޓަރުކަމަށް ލައްވައި، ފިޝަރީޒް މިނިސްޓަރުކަން އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދަށް ދެއްވައި ރައީސް އޮފީހުގެ ޕޮލިސީ އޮފިސަރ އާމިނަތު ޝައުނާއަށް އެންވަރަޔަންމަންޓް މިނިސްޓަރުކަން ދެއްވަން ސަރުކާރުން ނިންމަވާފައިވާކަމަށް މީޑިއާގައި ދަނީ ޚަބަރު ފަތުރަމުންނެވެ. މީގެ އިތުރުން ހަޔަ އެޑިއުކޭޝަންގެ މަޤާމުން ޑރ.އިބްރާހީމް ޙަސަން ވަކިކުރައްވާނެކަމަށާ، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރުކަމަށް މަޙްމޫދު ރާޒީ ޢައްޔަންކުރައްވަން ނިންމަވާފައިވާކަމަށް ވަނީ ޚަބަރު ފެތުރިފައެވެ. އެހެންނަމަވެސް މިއިން އެއްވެސް ބޭފުޅަކާ ގުޅޭ ރަސްމީ މަޢުލޫމާތެއް ސަރުކާރުން އަދި ހާމައެއް ނުކުރައްވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.