އިސްރާއީލުގެ އުތުރުގައި ހަރުކަށި ޔަހޫދީން ބައިވެރިވެ ކުރިއަށް ގެންދިޔަ ދީނީ އެއްވުމެއްގައި ހިނގި ހާދިސާއެެއްގައި 44 މީހުން މަރުވެ 150 މީހުން ޒަޚަމްވެެއްޖެއެެވެ.
އިސްރާއީލުގެ އުތުރުގައި އޮންނަ ގެލީލީ (އަލްޖަލީލު) ގައި ހުންނަ މައުންޓު މެރޯން (ޖަބަލުލް ޖަރްމުޤް) ފަރުބަދައިގައި އޮންނަ މި ދީނީ އެއްވުމަކީ ކޮންމެ އަހަރަކު އެއް ފަހަރު އޮންނަ އެއްވުމެކެވެ. މީލާދީން ދެވަނަ ގަރުނުގައި އުޅުނު ޔަހޫދީ ރަބާއީ ޝިމޯން ބާރް ޔޮޗާއީގެ ގަބުރު ކައިރިއަށް އެެއްވެ ކުރާ އަަޅުކަމުގައި ހަރުކަށި ޔަހޫދީންގެ އެތައް ހާސް ބަޔަކު ބައިވެރިވެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި، މީހުން މަރުުވުމުގެ ހާދިސާ ހިނގާފައި ވަނީ ފަރުބަދަ މަތީގައި ހުންނަ ގަަބުރާ ހަމައަށް އަރައިގެންދާން ހަދާފައި ހުންނަ ހަނި ހަރުފަތްތަކުގެ މަތިން ބަޔަކު ކައްސާލުމުން ފަހަތުން އަރަމުން އައި އެތައް ހާސް މީހުން އެއްބަޔަކު އަނެއް ބައެެއްގެ މައްޗަށް ވެއްޓި، މީހުން ގައިދަށުވެ ފިތިގެންނެވެ.
އިސްރާއީލުގެ ބޮޑުވަޒީރު މި ހާދިސާ ސިފަކޮށްފައި ވަނީ "ބޮޑު ކާރިސާއެއް"ގެ ގޮތުގައެވެ.
އިސްރާއީލުގެ ހެލްތު މިނިސްްޓްރީން ހަދާފައިވާ އުސޫލުތަކުގެ ދަށުން އެ ގަބުރުގެ ކައިރިއަށް އެއްފަހަރާ އެއްވުމަށް ހުއްދަ ދީފައި ވަނީ ގިނަވެގެން 10 ހާސް މީހުންނަށެވެ. އެހެންނަމަވެސް، ކޮވިޑް-19 ގެ ސަބަބުން ފާއިތުވި އަހަރު މި އެއްވުން ބޭއްވިފައި ނުވުމާއެެކު ގިނަ އަދަދެއްގެ ބަޔަކު އެތަނަށް ޖަމާވިކަމަށް ވެެއެވެ. ބައެއް ޚަބަރުތައް ބުނާ ގޮތުގައި 650 ބަސް ކުއްޔަށް ހިފައިގެން އެތަނަށް 30 ހާހަށްވުރެ ގިނަ މީހުން ވަނީ އުފުލާފައެވެ.
'ލަގް ބައޮަމަރް' ގެ ނަމުގައި ކޮންމެ އަހަރަކުން ޔަހޫދީ ކަލަންޑަރުގެ އައްޔާރު މަހުން 18 ވަނަ ދުވަހު (މިއަހަރު ދިމާވީ އެޕްރީލް 29 އާ) ފާހަގަކުރާ އީދުގައި ގިނަ ޔަހޫދީން އެބަޔަކު ތިބި ތަނެއްގައި އަލިފާން ގަނޑެއް ރޯކޮށް އީދު ފާހަގަކުރަނީއެެވެ. ނަމަވެސް ހަރުކަށި ޔަހޫދީން އެ ދުވަސް ފާހަގަކުރަނީ މައުންޓު މެރޯން (ޖަބަލުލް ޖަރްމުޤް) ފަރުބަދައިގައި ހުންނަ ޔަހޫދީ ރަބާއީ ޝިމޯން ބާރް ޔޮޗާއީގެ ގަބުރު ކައިރިއަށް އެެއްވެ އަލިފާން ރޯކޮށްގެންނެވެ.