ފަޅިމޫނު - 81

(28 އޭޕްރީލް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެ ވަގުތު މަޣްރިބް ނަމާދަށް ގޮވައިފިއެވެ. ބާދްޝާ ހިނިތުންވެލިއެވެ. "ސައި ހަދާނީ ކިހިނެއް؟ ދެން ޖެހޭނީ ނަމާދު ކުރާކަށްނު؟"

"ކުޑައިރުކޮޅަކަށް ކެތްކޮށްލާ. މަޣްރިބު ނަމާދު ކުރާކަށް މާ ގިނަ އިރެއް ނުވާނެ."

"އާނ... ކެތް ކޮށްލާނަން. މިހާރު ރުޚްސާނާ ނަމާދު ކުރަންވެސް ފަށައިފި. އެއީ އަހަރެން ވަރަށް އުފާވީ ކަމެއް. އެހެންވީމާާ އިނާމެއް އޮންނާނެ. ތެދުވޭ."

އޭނާ ދަރިފުޅު ގޮވައިގެން ތެދުވެއްޖެއެވެ. ރުޚްސާނާވެސް ހިނިތުންވެލައިފައި އޭނާގެ ފަހަތުން ބަދިގެޔާ ދިމާއަށް ހިނގައިގެންފިއެވެ. "ކޮން އިނާމެއް؟"

"މިއަދު ސައި ހަދާނީ އަހަރެން. ރުޚްސާނާ ނަމާދުން ފައިބާން ވާއިރަށް ސައި ތައްޔާރު ކޮށްފައި ބަހައްޓާނަން."

ދެމީހުންމެ ތިބީ އުފަލުން ފޮޅިފައެވެ. ރުޚްސާނާ، ޖާނީގެ އަތުގައި އެލިގަނެގެން ކަހަލަ ގޮތަކަށް ގޮސް ބަދިގެއަށް ވަދެއްޖެއެވެ. އަދި އިސްކުރުން ބާލިދީއަކަށް ފެން އަޅައިގެން ބަދިގެއިން ބޭރަށް ނުކުމެވޭން ހުންނަ ދޮރުމައްޗަށް ނުކުމެ ވުޟޫ ކުރާން ފަށައިފިއެވެ. ވުޟޫ ކުރަމުން ދިޔައިރުވެސް އޭނާގެ ހިތަށް އަރައެވެ. އަހަންނަށް ލިބިފައި މިހިރީ ހާދަހާ ރަނގަޅު ފިރިއެކެވެ. އަހަރެން ދެކެ ނުލާހިކު ބޮޑަށް ލޯބިވާ ފިރިއެކެވެ. ބައިމޫނެއް ދެކެ މިވަރަށް ލޯބިވާ ކަމުގައި ވަނީވިއްޔާ މުޅިން ފުރިހަމަ ވީމާ ހާދަހައި ބޮޑަކަށް ލޯބިވާނެއެވެ.

ފުރިހަމަ މީހަކަށް ވުމުގެ ޚިޔާލު ކުރެވުމާއެކު ޖަމްޝީދުގެ ޚިޔާލު ކުރެވިއްޖެއެވެ. އެ ވަގުތު ހިތުގައި ބާވަތެއްގެ ހަމަނުޖެހުންގަނޑެއް ހިނގާން ފަށައިފިއެވެ. ބާދްޝާއަށް މަކަރެއް ހެދުމަކީ އޭނާ އެއް ގޮތަކަށްވެސް ކުރާން ބޭނުން ކަމެއް ނޫނެވެ. ދޮގެއް ހަދާކަށްވެސް ބޭނުމެއް ނުވެއެވެ. އެކަމަކު ހާލަތު މި އޮތީ ވަކި ގޮތަކަށް މަޖުބޫރު ކޮށްފައެވެ. ހާލަތަށްވުރެ ބޮޑަށް އޭނާގެ މަންމަގެ ބާރުއެޅުން މާ ބޮޑެވެ. މަންމަ ވިސްނައިދެނީ މަސްލަހަތަށް ބެލުމުގެ މުހިއްމުކަމެވެ. އޭނާގެ ބޮލަށް ވައްދައިދެނީ ޕްލާސްޓިކް ސާޖަރީފަދަ ބޮޑު ކަމަކަށް ޚަރަދު ކުރެވޭނޭ މީހަކީ ހަމައެކަނި ޖަމްޝީދު ކަމުގައެވެ. ޖަމްޝީދުގެ ކިބައިން ފައިދާ ލިބިގަތުމަށްޓަކައި ދުވަސްކޮޅެއް ވާންދެން ބާދްޝާއަށް ބައެއް ކަންތައް ސިއްރު ކުރުމަކީ ކޮންމެހެންވެސް ކުރާން ޖެހޭ ކަމެއް ކަމުގައެވެ. މަންމަ ވިސްނައިދޭ ގޮތުގައި ސިއްރު ކުރުމަކީ ފިރިމީހާގެ އިތުބާރަށް ލޮޅުން އަރާން ޖެހޭ ކަމެއް ނޫނެވެ. އެއީ މަކަރު ހެދުމެއްވެސް ނޫނެވެ. މަކަރު ހެދުމަކީ ފިރިމީހާ ދެކެ ތެދުވެރިކަމާއެކު ލޯބިނުވުމެވެ. ވަފާތެރި ނުވުމެވެ. އޭނާ އެހެރީ ފިރިމީހާއަށް އިންތިހާއަށް ވަފާތެރިވެގެންނެވެ. އޭނާގެ ހިތުން އެހެން މީހަކަށް ކުޑަވެސް ޖާގައެއް ދޭކަށް ބޭނުމެއް ނުވެއެވެ. އެހެންވީމާ ކުޑަކުޑަ ކަމެއް ދުވަސްކޮޅަކަށް ސިއްރު ކޮށްލުމުގައި އޮތީ ކޮން ގެއްލުމެއް ހެއްޔެވެ؟

ވުޟޫ ކުރެވުނީ ކިހިނެއް ކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. ޚިޔާލުގެ ތެރެއަށް ގެއްލިފައި ހުރެގެން އައިސް އޭނާ ކޮޓަރިއަށް ވަދެއްޖެއެވެ. އަދި މުސައްލަ ފަތުރައިލުމަށް ފަހު އަދަބުވެރިކަމާއެކު ގިޔާމުގައި ހުއްޓިއްޖެއެވެ. އިންސާނާއަކީ ވަރަށް ފަސޭހައިން އެ ވަގުތަކު އޭނާ ހުންނަ މާހައުލުގެ އަސީރަކަށް ވާ މީހެކެވެ. ނަމާދު ކުރާން ހުއްޓުނީމާ އޭނާގެ ވިސްނުން އެނބުރުނީ ނަމާދާ ދިމާއަށެވެ. އޭނާއަށް އަރަބި ބަސް އެނގޭނަމަ ނަމާދުގައި ކިޔާ އެއްޗެހީގެ މާނަ އޭނާއަށް އެނގުނީހެވެ. މާނަ އެނގޭނަމަ އޭނާގެ މުޅި ސަމާލުކަން ނަމާދުގެ މައްޗަށް ހުއްޓުނީހެވެ. إيّا ك نعبد و إيّا ك نستعين "އަޅަމެން އަޅުކަން ކުރަނީ އިބަ ﷲ އަށެވެ. އަދި މަދަދަށް އެދި ދަންނަވަނީވެސް އިބަ ﷲ އަށެވެ." އޭގެ ފަހުން ކިޔަމުއެވެ. إهدناالصراط المستقيم "އަޅަމެންނަށް ސީދާވެގެންވާ ތެދު މަގު ދައްކަވައިފާނދޭވެ." މިހެން ކިޔާއިރު މި ކިޔެނީ ކީކޭކަން އެނގޭނަމަ އެ ގޮތުގައި ދެމިހުރުމުގެ ތައުފީގުވެސް ލިބޭނެއެވެ. އެކަމަކު ރުޚްސާނާ ހަމައެކަނި ދުލުކޮޅުން އެ އާޔަތްތައް ކިޔަނީއެވެ. ކިޔެނީ ކީކޭ ކަމެއް ނޭނގެއެވެ. ﷲ ތަޢާލާއަށް އޭނާ ދަންނަވަނީ ތެދު މަގު ދައްކަވާށެވެ. ސީދާ މަގު ދައްކަވައި ދެއްވާތޯއެވެ. އޭނާގެ ކުރިމަތީގައި އޮތީ ދެ މަގެކެވެ. އެއް މަގުން ދެވެނީ ބާދްޝާ ޖާނީއާ ދިމާއަށެވެ. އަނެއް މަގުން ދެވެނީ ޖަމްޝީދު ޢަލީއާ ދިމާއަށެވެ. އެއް މަގު ކައްޗެވެ. އަނެއް މަގު ތެދެވެ. ﷲ އަށް ދުޢާ ދަންނަވަމުން ދާއިރުވެސް ތެދު މަގަކީ ކޮބައިކަމެއް އޭނާއަކަށް ނޭނގެއެވެ.

ނޭނގެނީ ކީއްވެގެން ހެއްޔެވެ؟ އަމިއްލަ ވާހަކަތައް ރަނގަޅުވެފައި އަމިއްލަ އެދުންތަކަށް އެންމެ ބޮޑު އަހުމިއްޔަތުކަމެއް ދެވޭނަމަ ހުރިހައި ތެދު މަގެއް ފެންނާނީ ފުސްކޮށެވެ. އިލާހީ ބަސްފުޅުތައްވެސް އެ ފުސްކަމުގެ ތެރެއަށް ވަދެ ގެއްލިދާނެއެވެ. އަހަރެމެންގެ ނަފްސިއްޔާތާއި ވިސްނުން މިހާރު ހުންނަ ގޮތަށް ބަލާނަމަ އެންމެ ފުރަތަމަ ބޭނުން ވަނީ ﷲ ލައްވައި ތިމާގެ އަމިއްލަ ބޭނުންތައް ފުއްދުވާށެވެ. ތެދު މަގުން ހިނގާން ބޭނުން ވަނީ އޭގެ ފަހުންނެވެ. އެންމެ ފުރަތަމަ ބޭނުންވަނީ ޖަމްޝީދު ލައްވައި އަމިއްލަ ބޭނުމެއް ފުއްދުވާށެވެ. އެނބުރި އައިސް ބާދްޝާއާ އެކީ ތެދުމަގުން ހިނގާނީއެވެ.

ނަމާދު ކުރެވުނީ ކިހިނެއް ކަމެއްވެސް ނޭނގުނެވެ. މިހާރު އޭނާ އެއިނީ އަމިއްލަ ގައުމާއި ލަންޑަނާ ދެމެދު ތާށިވެފައެވެ. ނަމާދުކޮށް ނިމިގެން ދުޢާ ކުރުމަށްޓަކައި ދެ އަތް އުފުލައިލިއެވެ. އެންމެ ފުރަތަމަވެސް ކުރި ކަމަކީ ﷲ ތަޢާލާއަށް ޝަރުތެއް ހުށަހެޅުމެވެ. މި އަޅާއާއި ޖާނީއާ ދެމީހުންގެ މަސައްކަތުން މި އަޅާގެ މޫނުގެ ސާޖަރީ ހެދޭނޭ ގޮތް މެދުވެރި ކޮށް ދެއްވައިފިނަމަ ވަރަށް ހެޔޮފުޅެވެ. އެ ގޮތް މެދުވެރި ނުކުރައްވައިފިނަމަ މިއަޅާ މަގުން ކައްސައިލާނެއެވެ. މި އަޅާގެ ކުރިމަތީގައި އިތުރު އެހެން މަގެއް ނޯންނާނެއެވެ. ޖަމްޝީދުގެ އެހީތެރިކަން ހޯދުން މަޖުބޫރު ވާނެއެވެ. އޭނާގެ އެހީތެރިކަން ހޯދުމަކީ ބާދްޝާ ގަބޫލު ކުރާނޭ ކަމެއް ނޫނެވެ. އެހެންވީމާ ބާދްޝާއަށް ސިއްރު ކުރުމަކީވެސް މަޖުބޫރު ކަމަކަށް ވެގެން ދާނެއެވެ. ބައެއް ފަހަރަށް މަންމަގެ ވާހަކަތައް ރަނގަޅޭވެސް ހިތަށް އަރައެވެ. އެ ވާހަކައިގައި އުނިކަން ހުރި ކަމުގައި ވިޔަސް މިއަޅާގެ މައްސަލަ ހައްލު ވެގެން ހިނގައިދާނެއެވެ. ޖާނީގެ ހަޔާތުގެ ބައިވެރިއަކަށް މިއަޅާ ވެފައި މިހިރީވެސް އޭނާއަށް މަކަރެއް ހަދައިގެންނެވެ. އޭގެ ގެއްލުން އެބަ ލިބެއެވެ. އެކަމަކުވެސް މިވަނީ ރަނގަޅު ހަޔާތެއް ލިބިފައެވެ. ދެވަނަ ފަހަރުވެސް މަންމަ މި އަޅާއަށް އެ ދައްކަނީ ހަމަ އެކަހަލަ މަގެކެވެ. އެ މަގުން ހިނގައިގަތީމާ މައްސަލަ ހައްލު ވާނެކަން އެނގެއެވެ. މިއަޅާ މި ދަންނަވަނީ ޖަމްޝީދުގެ ހުށަހެޅުން ގަބޫލު ކުރިޔަސް އެ ސިއްރު ޖާނީއަށް ބޭޒާރު ނުކުރައްވާތޯއެވެ. ޖާނީގެ އިތުބާރަށް ބުރޫއަރާ ކަހަލަ އެއްވެސް ކަމެއް ނުކުރާން ކަމަށް މި އަޅާ ވައުދުވަމެވެ. މިއަޅާގެ އިނގިއްޔެއްގައިވެސް ޖެހިލާނޭ ފުރުސަތު ޖަމްޝީދަކަށް ނުދޭނަމެވެ. މި އަޅާއަކީ އަބުރު ރައްކާތެރި ކުރާ މީހަކުކަން އިބަ ﷲ ދެނެވޮޑިގެންވާނެއެވެ. އިބަ ﷲ އަކީ އަޅުތަކުންގެ އަބުރު ރައްކާތެރި ކުރައްވާ ކަލާނގެއެވެ.

ދުޢާ ކުރަމުން ދަނިކޮށް އޭނާއަށް ފުރަގަހުން އިވުނީ ބާދްޝާގެ އަޑެވެ. "ވަރަށް އަވަހަށް ނަމާދު ކުރެވިދާނެއޭ ބުނީމެއްނު؟ މިހާރު ސައި އެހެރަގެން ހިހޫވަނީ."

އޭނާ ތެދުވެ މުސައްލަ އެއް ފަރާތް ކޮށްލިއެވެ.

ކޮޓަރީގައި ހުރި މޭޒުމަތީގައި ދެ ތަށި ސަޔާއި ބަދަން ތަށްޓެއް ހުއްޓެވެ. އޭނާ ހީނގެންފައި ބުންޏެވެ. "ހާދަހާ މޮޅޭ. އަހަރެން ލަދުގަންނަވައިފި. މިއަދު މިއީ ޖާނީ އަހަންނަށް ސައި ހަދައިދިން ފުރަތަމަ ދުވަސް."

"ދުޢާ ކުރީ ކޮން ކަމަކަށް އެދިތަ؟"

ސީދާ ބާދްޝާއާ ދިމާއަށް ނުބަލައި ވޭތޯ އޭނާ މަސައްކަތް ކުރިއެވެ. "އަހަރެންގެ މޫނު ރަނގަޅު ކޮށްދެއްވާތޯ ދުޢާ ދެންނެވީ. އަބުރުވެރިކަމާއެކު ކުރާ ކަމަކުން މޫނުގެ ސާޖަރީ ހެދޭގޮތް މެދުވެރިކޮށް ދެއްވާތޯ ދެންނެވީ."

"ރަނގަޅު. އެކަމަކު އަބުރުވެރިކަމާ އެކީގައޭ ތިޔަ ބުނީ ކީއްވެގެން ކަމެއް ނުވިސްނުނު. ރުޚްސާނާގެ މޫނު ރަނގަޅު ކުރުވާނީ ޑަކްޓަރަށް ފީ ދީފައެއްނު؟ އޭގައި އަބުރު ގެއްލޭނޭ ކަމެއް ނެތެއްނު؟"

"އަހަރެމެންގެ އަމިއްލަ ފައިސާއިން އެކަން ކުރުވިއްޖެއްޔާ ރަނގަޅު. މީހެއްގެ އެހީއަށް އެދެން ޖެހިއްޖެއްޔާ އަބުރަށް އުނިކަން އަންނާނެ."

ބާދްޝާ ބުންޏެވެ. "އެހެން މީހެއްގެ އެހީއަށް އެދެންވީ ކީއްވެގެން؟ އަހަރެންގެ ހަތަރެސްފައި މިހިރީ ސަލާމަތުން. ރުޚްސާނާއަކީވެސް ޑަކްޓަރެއް."

"ތިޔައީ ރަނގަޅު ވާހަކައެއް. އެކަމަކު ފައިސާ ޖަމާކުރަން އެތައް އަހަރެއް ހޭދަވާނެ. މަންމަ ބުނި ގޮތުގައި އަހަރެންގެ ދުރުތާ ބޮޑުބޭބެއެއް ލަންޑަނުގައި އުޅޭ. އޭނާ މީހަކު މެދުވެރިކޮށް އަންގާފައި އޮތީ ލަންޑަނުގައި އަހަރެންގެ މޫނުގެ ޕްލާސްޓިކް ސާޖަރީ ހެއްދިދާނެއޭ. އަހަރެން ލަންޑަނަށް ދިޔައީމާ އެ ނިމުނީ. ހުރިހައި ޚަރަދެއް ކުރާނީ އޭނާ. ދަތުރު ޚަރަދުވެސް ކުރާނީ އޭނާ."

ބާދްޝާ ބޯ ހޫރައިލިއެވެ. "ނޫނޭ... ނޫނޭ. ތިޔައީ ރަނގަޅު ގޮތެއް ނޫން. އަހަންނަށް އާމްދަނީ ލިބޭއިރު އަހަރެންގެ އަނބިމީހާ އެހެން މީހަކު ލައްވައި ޚަރަދު ކުރުވައިގެން ނުވާނެ. ބޭންކު އެކައުންޓުގައި މިހާރު ކިހައި ފައިސާއެއް އެބަހުރިތޯ ބަލައިލަބަލަ. ދެ ކާރުން އެއް ކާރު ވިއްކައިލީމާވެސް ފައިސާކޮޅެއް ލިބިދާނެ. އެވަރުން ނުވިއްޔާ މިހާރަށް ވުރެ ގިނަ ވަގުތު ކާރު ދުއްވާނީ. ރުޚްސާނާވެސް ބޭސްކުރަން ފަށްޓާ... ތިޔަ ބުނާ އެއްޗެއް ހައްދަން ބޭނުން ވަނީ ކިހައި ފައިސާއެއް؟"

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.