އިސްރާއީލުން ފަލަސްޠީނު މީހުންނާ ދެކޮޅަށް ހިންގަނީ ނަސްލީ ތަފާތުކުރުމުގެ ޖަރީމާއެއް: ހިއުމަން ރައިޓްސް ވޮޗް

އިސްރާއީލުން ހުޅަނގު އައްސޭރީގައި ބިނާކޮށްފައިވާ ފާރު

އިސްރާއީލުގެ ޔަހޫދީ ރައްޔިތުންނަށް ފަލަސްޠީނު މީހުންނާއި އިސްރާއީލުގެ އަރަބި ރައްޔިތުންގެ މައްޗަށް ފުރިހަމަ ބާރުވެރިކަން އޮންނަ ގޮތަށް ހެދުމަށްޓަކައި އިސްރާއީލުން ހިންގަނީ ނަސްލީ ތަފާތުކުރުގެ ޖަރީމާއެެއް ކަމުގައި ދުނިޔޭގައި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްއިއްޔާ، ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިޔު) އިން ނެރުނު ރިޕޯޓެއްގައި ބުނެފިއެެވެ. އިސްރާއީލުން ވަނީ ރިޕޯޓުގައިވާ އެއްޗެއް ގަބޫލުނުކުރާ ކަމަށް ބުނެފައެވެ.

ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް ބުނެ އިސްރާއީލާ ދެކޮޅަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ތަހުގީގެއް ފަށާފައިވާއިރު، އިސްރާއީލުން ވަނީ ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓަކީ "ތާކުންތާކު ނުޖެހޭ، ހަގީގަތާ ޚިލާފު ރިޕޯޓެއް ކަމަށް ބުނެ އެ ރިޕޯޓަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އިސްރާއީލުން ތުހުމަތުކުރާ ގޮތުގައި ނިއުޔޯކުގައި މައި މަރުކަޒު ހުންނާ ހިއުމަން ރައިޓްްސް ވޮޗަކީ "އިސްރާއީލާ ދެކޮޅަށް ޒަމާންވީ އެޖެންޑާއެއް ގެންގުޅޭ" ޖަމްއިއްޔާއެކެވެ.

އެޗްއާރްޑަބްލިޔުގެ 236 ސަފުހާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އުރްދުން ވާދީން ފެށިގެން މެޑިޓަރޭނިއަން ކަނޑާ ދެމެދުގައި އުޅޭ ފަލަސްޠީނު މީހުންގެ މައްޗަށް ޔަހޫދީންގެ ފުރިހަމަ ބާރުވެެރިކަން ދެމެހެއްޓުމަށް އިސްރާއީލުން އަބަދުވެސް ދަނީ މަސައްކަތްކުރަމުންނެވެ.

"އިސްރާއީލުން ބައިގަރުނެއްހާ ދުވަހުގެ މުއްދަތަށް ފަލަސްޠީނުގެ ބިންތައް ހިފާފައި އޮތުމަކީ އެތައް އަހަރެއް ވެފައިވާ 'ސުލްހައިގެ މަސައްކަތްތަކުން' ނިމުމަކަށް ގެނެވިދާނެ ވަގުތީ ހާލަތެއް ކަމުގައި ދުނިޔޭގެެ ގިނަ ބަޔަކު ދެކޭއިރު، އިސްރާއީލުން ފަލަސްޠީނު މީހުންނަށް ކުރާ އަނިޔާތައް ދާއިމީވެ، އެކަންތައްތަކަކީ ނަސްލީ ތަފާތުކުރުމާއި، އަޅުވެތިކުރުމުގެ ޖަރީމާތަކެއް ކަމުގައި ބެލެވޭ ހިސާބަަށް ވަނީ ގޮސްފައެވެ." ރިޕޯޓުގައި ހިއުމަން ރައިޓްސް ވޮޗްގެ އެކްޒެކަޓިވް ޑިރެކްޓަރު ކެނެތު ރޮތު ވިދާޅުވެފައި ވެއެވެ.

ހިއުމަން ރައިޓްސް ވޮޗުން ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ސަލާމަތީ ބައެއް ކަންކަން އިސްރާއީލު ސަރުކާރާއެކު ވިލަރެސް ކުރުން ހުއްޓާލުމަށް ފަލަސްޠީނު ސަރުކާރަށް ގޮވާލާފައެވެ. އެހެނީ، ރިޕޯޓުގައި ވާގޮތުން، އެ ހާލަތުގައި ފަލަސްޠީނު ސަރުކާރުވެސް ބެލެވޭނީ އިސްރާއީލުން ހިންގާ ނަސްލީ ތަފާތުކުރުމުގެ ޖަރީމާތަކުގެ ބައިވެރިއެއް ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.