ކޮވިޑް-19: ދުނިޔޭގައި ޖެހި ވެކްސިންގެ އަދަދު އެއް ބިލިއަނަށް

ދުނިޔޭގެ ކަންކޮޅުތަކުގައި ޖަހާފައިވާ ކޮވިޑް-19 އާއި ދެކޮޅަށް ބޭނުންކުރާ ވެކްސިންގެ އަދަދު އެއް ބިލިއަނަށް އަރައިފިއެވެ. މިއީ އިނގިރޭސިވިލާތުގެ އުުމުރުން 90 އަހަރުގެ މާގްރެޓް ކީނަން ގަޔަށް 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8 ވަނަ ދުވަހު ކޮވިޑް-19 ގެ ފުރަތަމަ ވެކްސިން ޖެހިފަހުން ހާސިލުކުރެވުނު މުހިއްމު ލަނޑުދަނޑިއެކެވެ.

މި ލަނޑުދަނޑި ހާސިލުކުރެވިފައި މިވަނީ ދުނިޔޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އެންމެ ގިނަވީ ދުވަހާ ދިމާކޮށެވެ. އިއްޔެ ދުނިޔޭގެ ކަންކޮޅުތަކުގައި 8 ލައްކަ 93 ހާސް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވެއެވެ.

ދުނިޔޭގެ ރަސްމީ ތަފާސް ހިސާބުތަކާ ހަވާލާދީ އޭއެފްޕީން ބުނެފައިވާ ގޮތުގައި ޖީއެމްޓީ ގަޑިން ހޮނިހިރު ދުވަހު ހަވީރު 5:45 (ދިވެހިރާއްޖޭ ގަޑިން ހޮނިހިރު ދުވަހުގެރޭ 10:45) ވީއިރު ދުނިޔޭގެ 207 ގައުމަކާ ސަރަަހައްދެެއްގައި ވެކްސިންގެ 1002938540 ޑޯޒް ވަނީ ޖަހައިފައެވެ.

އެހެންނަމަވެސް، މި ވެކްސިންގެ %58 ޖަހާފައި ވަނީ ތިން ގައުމެއްގައި ކަން ފާހަގަކޮށްލަން ޖެހެއެވެ. އެއީ، އެމެރިކާގައި 225.6 މިލިއަން ޑޯޒް، ޗައިނާގައި 216.1 މިލިއަން ޑޯޒް އަދި އިންޑިޔާގައި 138.4 މިލިއަން ޑޯޒެވެ.

އެހެންނަމަވެސް، އާބާދީގެ ނިސްބަތުން އެންމެ ގިނަ ބަޔަކަށް ވެކްސިން ޖަހާފައި ވަނީ އިސްރާއީލުގައެވެ. އެގައުމުގެ އާބާދީގެ 60% އަށް ވަަނީ ވެކްސިންގެ ދެ ޑޯޒް ޖަހާފައެެވެ.

އެހެން ވެކްސިންތަކުން މަދުން ނޫނީ ނުފެންނަ ފަދަ ސައިޑްއިފެކްޓްތަކާއި، ވެކްސިން ލިބުމުގައި ހުރި ދަތިތަކާ، ގައުމުތަކަށް ސަޕްލައިކުރުމުގައި ހުރި ތަފާތުގެ ބޮޑުކަމާއެކުވެސް، ދުނިޔޭގެ މިހާތަނަށް ހިންގާ ވެކްސިން ޖެހުމުގެ އެންމެ ބޮޑު ކެމްޕޭން ވެފައި ވަނީ ކޮވިޑް-19 އިން ސަލާމަތްވުމަށް ދުނިޔެއަށް އޮތް އެންމެ ފަހި މަގެވެ.

2020 ވަނަ އަހަރުގެ ކުރީކޮޅު މުޅި ދުނިޔެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރިގަތް އިރު ގަބޫލުކުރެވިފައި އޮތީ ބައްޔާ ދެކޮޅަށް ވެކްސިނެއް އުފެއްދުން އެއީ އަވަހަކަށް ކުރެވޭނޭ ކަމެއް ނޫންކަމުގައެެވެ. އެހެންނަަވެސް. ސަރުކާރުތަކުން ހޭދަކުރި އެތައް ބިލިއަން ޑޮލަރުގެ އެހީއާއެކު ދުނިޔޭގެ ސައިންސުވެރިން ވަނީ ކުރުމުއްދަތެއްގެ ތެރޭގައި ގިނަ ވެކްސިންތަކެއް އުފައްދާފައެވެ.

"ވެކްސިނެއް އުފެއްދުމަށް 5 އަހަރާ 10 އަހަރާ ދެމެދުގެ މުއްދަތެއް އާއްމުކޮށް ހޭދަވާނެ." ޔޫރަޕިއަން ކޮމިޝަންގެ ރައީސު އުރްސުލާ ވޮން ޑަ ލެޔެން ވިދާޅުވިއެވެ.

"އަހަރުމެން މިވަނީ 10 މަސްދުވަހުގެ ތެރޭގައި އެކަން ކޮށްފައި. މިއީ ސައިންސުގެ ވަރަށް ބޮޑު ކާމިޔާބީއެއް." އޭނާ ވިދާޅުވިއެވެ.

އާބާދީގެ އެންމެ ބޮޑު ބަޔަކަށް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ އިސްރާއީލުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު ޖަނަވަރީ މަހު އާބާދީގެ ލައްކައަކުން 650 ގައި ހުރިއިރު، މިހާރު އެ އަދަދު ވަނީ 13 އަށް ތިިރިވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.