ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް އެންމެ ތިރީސް މިނިޓުގެ ތެރޭގައި ދެވޭނެ ގޮތަށް ރާއްޖޭގެ ސަރަހައްދު ތަކުގައި އެއާޕޯޓް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިރުޝާދު ދެއްވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ރަމީޒް ވިދާޅުވެއްޖެއެވެ.
ދ. ކުޑަހުވަދޫގައި މިއަދު ހުޅުވި ދާލު އެއާޕޯޓް ހުޅުވުމަށް އޮތް ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ރައީސް އިރުޝާދު ދެއްވި ގޮތަށް އެއާޕޯޓުތައް ރާއްޖޭގައި ބާއްވާނެ ކަމަށާއި އެހެންކަމުން ރައީސް ޔާމީންގެ މި ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖޭގައި ޖުމްލަ 21 އެއާޕޯޓު އޮންނާނެ ކަމަށެވެ.
ޒަމީރު ވިދާޅުވީ ރައީސް ޔާމީންގެ ތަރައްގީ ޓީމުގައި އޮތީ ވަރަށް ހީވާގި ޓީމެއް ކަމަށާއި، ރައީސްގެ އިރުޝާދާ އެއްގޮތަށް އެ ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުގެ މަތިން ރާއްޖޭގައި އެއާޕޯޓު ތަކެއް އޮތުން ލާޒިމު ކަމަށްވެސް ވިދާޅުވިއެވެ. ރާއްޖޭގައި މިހާރު ޖުމްލަ 11 އެއާޕޯޓު އޮތްއިރު އެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޕައިލެޓުންނާއި އެދާއިރާގެ ފަންނުވެރިން އެކަށީގެންވާ ވަރަށް ނުލިބުން ކަމަށްވެސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވިއެވެ.