ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންކުރުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އިން މާލޭގައި މިރޭ މުޒާހަރާކޮށްފިއެވެ.
މި ޙަރަކާތަކީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކުރުމަށް ގޮވާލައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްކަމަށާ، މާލޭގެ އިތުރުން ރާއްޖޭގެ އެހެން ރަށްރަށުގައިވެސް މިރޭ މިމުޒާހަރާ ކުރިއަށްގެންދިޔަކަމަށް ޕީޕީއެމްއިން ބުންޏެވެ.
ރައީސް ޔާމީނަށް ނުޙައްޤުން ޖަލުގައި އަނިޔާ ދެމުންދާކަމަށް ޕީޕީއެމްއިން ތުހުމަތުކުރެއެވެ. ދަށުކޯޓުތަކުން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޙުކުމަކީ ސަރުކާރުގެ ނުފޫޒުން އިއްވާފައިވާ ނުޙައްޤު ޙުކުމެއްކަމަށްވެސް އެޕާޓީން އަންނަނީ ތުހުމަތުކުރަމުންނެވެ.
މިރޭ މާލޭގައި ކުރި މުޒާހަރާގެ ބައިވެރިންގެތެރެއިން ބައެއް މީހުންތިބީ ރައީސް ޔާމީންގެ މޫނުފުޅުގެ ފޮޓޯއިން ހަދާފައިވާ މާސްކެއް އަޅައިގެންނެވެ. މުޅި މޫނު ނިވާވާވަރަށް ހަދާފައިވާ މިމާސްކް ބޭނުންނުކުރެވޭނެކަމަށާ، މިއީ އެޗްޕީއޭގެ އުސޫލާ ޚިލާފުކަމެއްކަމަށް މުޒާހަރާ ކޮންޓްރޯލްކުރުމަށް ނުކުރް ފުލުހުންވަނީ އަންގާފައެވެ.
ދިވެހި ދިދައާއި ޕީޕީއެމްގެ ދިދަ ހިފައިގެން މުޒާހަރާކުރި މީހުން ތިބީ ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި ލިޔެފައިވާ ލިޔުންތައް ހިމެނޭ ބޯޓުތަކާއި ސަރުކާރަށް ފާޑުކިޔައި ލިޔެފައިވާ ލިޔުންތައް ހިމެނޭ ބޯޑުތައް ހިފައިގެންނެވެ.
ޕީޕީއެމްއިން ބުނެފައިވަނީ ޑިމޮކްރަސީގެ ރީތި އުސޫލުތަކުގެ ތެރެއިން ރައީސް ޔާމީނަށް ލުޔެއް ދޭތޯވެސް އެތައް މަސައްކަތްތަކެއް ކުރެވިއްޖެކަމަށެވެ. އެގޮތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހަށް ޕީޕީއެމްއިން ގޮސް ރައީސް ޔާމީނަށް ލުޔެއް ލިބޭތޯ މަސައްކަތް ކުރެއްވި ކަމަށާ ނަމަވެސް މިއިންކަމަކަށް ސަރުކާރުން އެދެވޭ އިޖާބައެއް ނުދެއްވިކަމަށެވެ. އެހެންކަމުން އިންސާފު ހޯދުމަށް އަނެއްކާވެސް މަގުމައްޗަށް ނިކުންނަން ޕީޕީއެމްއާއި ޕީއެންސީން ނިންމީކަމަށްވެސް އެދެޕާޓީގެ ފަރާތުން ބުނެޏެވެ.
މީގެކުރިންވެސް ޕީޕީއެމްއާއި ޕީއެންސީން ސިލްސިލާކޮށް އިހުތިޖާޖުކުރަމުން އައެވެ. އެއިހުތިޖާޖުތައް ރޯދައަށް މަޑުޖައްސައިލިއެވެ.