އީޔޫގެ ވަފުދާ ރައީސް ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް، މެމްބަރސް އޮފް ދި ޔޫރަޕިއަން ޕާލިމަންޓްގެ ޗެއަރ އޮފް ޑެލިގޭޝަން ފޮރ ރިލޭޝަންސް ވިތް ދަ ކަންޓްރީސް ފޮރ ސައުތް އޭޝިޔާ، އޮނަރަބަލް ޖީން ލެންބަރޓް، މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މެޑަމް ޖީންއާއި، ޔޫރަޕިއަން ޔޫނިއަން ޕާލިމަންޓްގެ ވަފްދު ރާއްޖެއަށް ޒިޔާރަތްކުރެއްވިކަމަށްޓަކައި އެބޭފުޅުންނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ރާއްޖެއާއި، ޔޫރަޕިއަން ޔޫނިއަންއާ ދެމެދު ޤާއިމުކުރެވިފައިވާ އެކުވެރި ގުޅުމަށް 34 އަހަރު ވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫރަޕިއަން ޔޫނިއަންއަކީ ރާއްޖެއިން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ފަރާތެއްކަން ފާހަގަކުރައްވާ، ރާއްޖޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ޔޫރަޕިއަން ޔޫނިއަނުން ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ މިހާރުގެ ސިޔާސީ އަދި އިޤްތިޞާދީ ޙާލަތާއި ބެހޭގޮތުން ޔޫރަޕިއަން ޕާލިމަންޓުގެ މެންބަރުންގެ ވަފްދާ މަޢުލޫމާތު ހިއްޞާކުރައްވާ، ދެފަރާތުން ޝައުގުވެރިވާ އެކި އެކި ދާއިރާތަކުން މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން ދިވެހިރާއްޖޭގައި ޤާނޫނީ ވެރިކަން ދެމެހެއްޓުމާއި އަދުލްއިންސާފުގެ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމާއި އިންސާނީ ހައްޤުތައް ރައްކާތެރިކޮށް، ހެޔޮވެރިކަމުގެ ނިޒާމުތައް ދެމެހެއްޓުމާއެކު ބައިނަލްއަޤްވާމީ ފަރާތްތަކާއެކު އޮންނަ ގުޅުންތައް ދެމެހެއްޓުމަށް ގެންގުޅުއްވާ އަސާސްތަކުގެ މަތީގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، މިހާރު ރާއްޖެ ވޭތިކުރަމުންދަނީ ތަރައްޤީވަމުންދާ ޑިމޮކްރަސީގެ ޅަފަތުގެ ދައުރުގެ ދުވަސްތައްކަން ފާހަގަކުރައްވާ، މިމަރުޙަލާގެ ތެރޭގައި ދިމާވާ ގޮންޖެހުންތައް ނައްތާލާ ފުރިހަމަ ޑިމޮކްރެޓިކް ވެރިކަމެއް ހިންގުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ވަނީ ހިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންގެ ވަފްދުންވަނީ ދެފަރާތުގެ ޚިޔާލު އެއްގޮތްވާ އަދި ދެފަރާތުން ވެސް ޝައުގުވެރިވާ ކަންކަމުގައި އެކުގައި މަސައްކަތްކުރުމަށް ބާރުއަޅާނެކަން ތަކުރާރުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ލީގަލް އެފެއާޒް އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރާއި، އެޓާރނީ ޖެނެރަލް އަލްއުސްތާޛް މުޙައްމަދު އަނިލާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރުގެ އިތުރުން ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރު، މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.