ހަނގުރާމައިގެ މައިދާނުގައި ޒަޚަމްވެޑައިގެން، ޗާޑްގެ ރައީސު އަވަހާރަވެއްޖެ

ޗާޑުގެ އަވަހާރަވީ ރައީސު އިދްރީސް ދެބީ

ހަތިޔާރުއެޅި ބާޣީންނާ ހަނގުރާމަކުރަމުންދާ ސިފައިންނަށް ޒިޔާރަތްކުރައްވަން ހަނގުރާމައިގެ މައިދާނަށް ވަޑައިގެން އުޅުއްވަނިކޮށް ޒަޚަމްވެވަޑައިގެން ޗާޑްގެ ރައީސު އިދްރީސް ދެބީ އަވަހާރަވެއްޖެއެވެ. މިކަން އިއުލާންކޮށްފައިވަނީ ޗާޑްގެ އަސްކަރިއްޔާއިންނެވެ. އުމުރުފުޅުން 68 އަަހަރުގެރައީސު ދެބީ ހަވަނަ ދައުރަކަށް ހޮވިވަޑައިގެންފައިވާކަން އިއުލާންކުރީ އިއްޔެއެވެ.

1990 ވަނަ އަހަރު އިންގިލާބަކުން ވެރިކަން އަތުލެއްވި، ދެބީ ވަނީ ފަސް ދައުރުގައި ރައީސުކަން ކުރައްވާފައެވެ. އެޕްރީލް 11 ގައި އޮތް ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖީ އިއްޔެ އިއުލާންކުރިއިރު ދެބީ ވަނީ ވޯޓުގެ %79.3 ހޯއްދަވާފައެވެ.

ދެބީ ވަނީ ހަނގުރާމައިގެ މައިދާނުގައި ގައުމުގެ ސިޔާދަތު ދިފާއުކުރައްވަން ހުންނަވައި، އޭނާގެ ފަހު ނޭވާ ދޫކުރައްވާފައި." ސަރުކާރު ޓީވީން އިއްވި ބަޔާނުގައި ސިފައިންގެ ތަރުޖަމާނު ޖެނަރަލް އާޒިމް ބަރްމަންޑޯ އަގޫނާ ވިދާޅުވިއެެވެ. ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ވަގުތީ ގޮތުން ވެރިކަމާ ހަވާލުވާނީ އަވަހާރަވީ ރައީސު ދަރިކަލުން މަހްމަތު (މުޙައްމަދު) އިދްރީސް ދެބީ އިޓްނޯގެ ރިޔާސަތުގައި އެކުލަވާލާފައިވާ އަސްކަރީ ކައުންސިލަކުންނެެވެ. އުމުރުން 37 އަހަރުގެ ދެބީ އިޓްނޯއަކީ ހަތަރު ތަރީގެ ޖެނެރަލެެކެވެ.

އަސްކަރިއްޔާގެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި އިންތިގާލީ އަސްކަރީ މަޖިލީހުން 18 މަސް ދުވަހު ވެރިކަން ކުރާނެއެެެވެ. އަދި ވަރަށް އަވަހަށް ގާނޫނުހަދާ މަޖިލިސް އުވާލުމާ ގުޅޭގޮތުން ބަޔާނެއް ނެރޭެނެއެވެ.

ރައީސު ޑެބީގެ ކެމްޕޭން މެނޭޖަަރު ވިދާޅުވިިގޮތުގައި އިންތިޚާބުގައި ލިބުނު ކާމިޔާބީއާ ގުޅިގެން އޭނާއަށް ތާއީދުކުރާ މީހުންނާ މުޚާޠަބު ވާހަކަދެއްކެވުމުގެ ބަދަލުގައި ހަނގުރާމައިގެ މައިދާނަށް ޒިޔާރަތްކުއްވާށެވެ.

އުތުރުގައި ލިބީޔާގެ ސަރަަހައްދީ ރޮނގު ކައިރީގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވާ ބާޣީ ޖަމާއަތް ފްރަންޓް ފޯ ޗޭންޖް އެންޑް ކޮންކޯޑް އިން ޗާޑްއިން ވަނީ ސަރަހައްދީ ރޮނގުކައިރީގައި ހުރި ސިފައިންގެ މަރުކަޒަކަށް ހަމަލާދީ ސިފައިންގެ ގިނަ ބަޔަކު މަރާލުމަށް ފަހު ވެރިރަށް އިންޖާމީނާއާ ދިމާއަށް އެތައް ސަތޭކަ ކިލޯމީޓަރު ކުރިއަށް ޖެހިފައެވެ. އެެހެންނަމަވެސް، ހޮނިހިރު ދުވަހު ޗާޑްގެ ސިފައިން އިންޖާމީނާގެ އުތުރުން 300 ކިލޯމީޓަރު ދުރުގައި އޮންނަ ކާނެމް ޕްރޮވިންސުގައި ދިން ހަމަލާއެއްގައި ބާޣީ ހަނގުރާމަވެރިންގެ 300 މީހުން މަރާލައި 150 މީހުން ހައްޔަރުކުރުމާ ގުޅިގެން ބާޣީންގެ ކުރިއެރުން ވަނީ މަޑުޖެހިފައެވެ.

އިރު އުތުރު އެފްރިކާގައި ލީބިޔާ، ދެކުނު ސޫދާން، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ކެމަރޫން، ނައިޖީރިޔާ އަދި ނައިޖަރާއި އެއް އިން ވެގެން އޮންނަ ޗާޑަކީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. 1.28 މިލިއަން އަކަކިލޯމީޓަރުގެ މި ގައުމުގެ އާބާދީއަކީ 16.2 މިލިއަން މީހުންނެވެ. އާބާދީގެ %57 އަކީ މުސްލިމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.