ރައީސް އަބްދުﷲ ޔާމީންއަށް އާންމުން އެސްއެމްއެސް އެއް ކުރައްވާއިރު އެ މެސެޖުގެ ޖަވާބު ބޭނުންފުޅު ނަމަ ވީހާވެސް ކުރުކޮށް މެސެޖް ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ.
ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އިސްވެ ހުންނަވައި ބޭއްވި "ކަނބަލުންގެ މަހާސިންތާ" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިގޮތަށް އެދިވަޑައިގަތީ ބަޔެއް ފަރާތްތަކުން ވަރަށް ދިގު މެސެޖް ކުރައްވާތީ އެފަދަ ދިގު މެސެޖް ތަކަށް ވިދާޅުވާން އުދަނގޫފުޅުވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.
ރައީސް ވިދާޅުވީ ކޮންމެ ދުވަހަކު އެމަނިކުފާނުގެ ފޯނަށް ވަރަށްގިނަ މެސެޖް އަންނަ ކަމަށާއި އެހާދިގު މެސެޖް ކުރުމުން އެހުރިހާ މެސެޖް ވިދާޅުވާން ދަތިފުޅު ކަމަށެވެ.
"އަޅުގަނޑު އެ މެސެޖެއް ކިޔާފައި ޖަވާބެއް ތިޔަ ބޭފުޅުން ބޭނުންފުޅުވާ ނަމަ މެސެޖް ބޭނުންކުރައްވާ އެސްއެމްއެސްއެއްގެ ގޮތަށް އެ ސޯޓް މެސެޖެއް ފޮނުއްވާ، އަޅުގަނޑަކަށް ފޯނުގެ ދެ ސުކްރީން ފުރޭ ވަރަށް އެއްޗިހި ލިޔުއްވީމާ ނުވެސް ކިޔޭނެ އެއެއް، އެއީ އަޅުގަނޑަށް އަންނަ މެސެޖުތައް ގިނަ ވީމާ،" ރައީސް ވިދާޅުވިއެވެ.
ރައީސްއަށް އާންމު ފަރާތްތަކުން ފޮނުއްވާ އެސްއެމްއެސް ފަދަ މެސެޖް ކުރުކޮށް ލިޔުއްވާފައި ފޮނުވުމަށް އެދިވަޑައިގަތުމުގެ އިތުރުން ދައުލަތުގެ އޮފީސް ތަކުން އެމަނިކުފާނަށް ފޮނުވާ ލިޔުންތައްވެސް ވީހާ ކުރުކޮށް ފޮނުވުމަށް އެދިވަޑައިގަތެވެ. ސަމާސާފުޅު ގޮތަކަށް އެމަނިކުފާނު ވިދާޅުވީ އެހާދިގުކޮށް އެކި ކަންކަމުގައި އޮފީސް ތަކުން ލިޔުން ފޮނުވާއިރު ބަޔެއް މައްސަލަ ތަކުގައި "ވަރަށް ބޮޑެތި ފޮތް ފޮތް" ވެސް ފޮނުވާފައި އެބަހުރި ކަމަށެވެ. އެހެންވެ މިހާރު އެމަނިކުފާނަކީ "ޔުނިވާސިޓީގެ ކުއްޖެއް ނޫން" ކަމަށާއި އެހެންވެ "ފޮތް ކިޔާ ހިތެއް ނުވޭ" ކަމަށް ސަމާސާ ގޮތަކަށް ވިދާޅުވިއެވެ.
"އަޅުގަނޑަށް ބޭނޫން ވަނީ ވަރަށް ކުރުކޮށް ސަމަރައިޒްކޮށްފަ އަޅުގަނޑުގެ ޝައުގުވެރިކަން ނޫނީ އަޅުގަނޑު ކަމެއް ނިންމައިދިނުމަށް ޓަކައި ބޭނުންވާ އޮޕްޝަންތަކަކާއި އެކީ އެ މައްސަލައެއް އަންނަން،" ރައީސް ވިދާޅުވި އެވެ.