ފަޅިމޫނު - 70

(17 އޭޕްރީލް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޝަހުލާ ބުންޏެވެ. "މިއަދު ތިޔަ ބުރަ އުފުލާނެ ކަމެއް ނެތް. މި އުޅެނީ ވަރަށް އަވަދިނެތި. އަދި އެތައް ގެއަކަށް ދާން އެބަޖެހޭ. ސައި ބޯން އެހެން ދުވަހަކުން އަންނާނަން. އެއީ ދަރަންޏެއް ކަމަށް ބަލާ."

ތިން މީހުން ވާހަކަދައްކަމުން ބޭރަށް ނުކުމެއްޖެއެވެ. ޝަހުލާގެ ދެމަފިރިން ދިޔައީމާ ފަރުޒާނާ އަނެއްކާވެސް ވަނީ ކުލިނިކަށެވެ. ބަލިމީހުން ބަލައި ނިމުނީމާ ގޭތެރެއަށް ވަދެ ޖަމްޝީދު ޢަލީގެ ސިޓީގެ ވާހަކަ މަންމަ ގާތު ބުނެފިއެވެ.

މަންމަ އަހައިލިއެވެ. ޖަމްޝީދު ޢަލީ އަކީ ކާކު؟"

"އެއީ އެ ކުއްޖެއްގެ ސަބަބުން އަހަރެންގެ އަތުން އަލިފާންއާވި ފުޅި ވެއްޓުނު ކުއްޖާ. ރުޚްސާނާއަށް މެދުވެރިވީ ހާދީސާގެ ފެށުމަކީ ޖަމްޝީދު. އޭނާ ލަންޑަނަށް ފުރުމުގެ ކުރިން ބުނީ ތިމަން ޕްލާސްޓިކް ސާޖަރީގެ ދާއިރާއިން ޚާއްސަ ވުމަށް ފަހު ފުރަތަމަ ކަމަކަށް ކުރާނޭ ކަމަކީ ރުޚްސާނާގެ މޫނު ރަނގަޅު ކުރުމޭ. އޭގެ ފަހުން މިހާރު ދެ އަހަރު ފާއިތުވެގެން ހިނގައްޖެ. މިހައި ކުރު މުއްދަތެއްގެ ތެރޭގައި އޭނާއަކަށް ޕްލާސްޓިކް ސާޖަރީގެ މާހިރަކަށް ނުވެވޭނެ. ސާޖަރީއާ ބެހޭ ގޮތުން އޭނާ ދައްކާ ވާހަކައެއް އެނގޭނީ އޭނާ ރުޚްސާނާއަށް ފޮނުވި ސިޓީން."

"ދަރިފުޅު އެ ސިޓީ ރުޚްސާނާއަށް ރައްދު ކުރާނީ ކިހިނެއް؟"

"ޖާނީ ދުވަހަކުވެސް މަންމަ ނުދެކޭ. ސިޓީ ރައްދު ކުރަން އެގެއަށް ދާނީ މަންމަ."

މަންމަ ނުރުހިފައި ބުނެލިއެވެ. "ކޮންފަދަ ބޮޑު މުސީބާތެއް. ދަރިފުޅާއި ރުޚްސާނާއާ ދެމީހުން ވީހައިވެސް ދުރެއް ކުރާން ކުރާ ކޮންމެ މަސައްކަތެއް ދަނީ މި ކަހަލަ ގޮތަކަށް. މިކަހަލަ ކޮންމެވެސް ކަމެއް އެބަ ދިމާވޭ. މިހާރު މިއީ ކޮން ތަނަކުން ފާވި ސިޓީއެއް؟ އަހަންނަށް މި ޖެހެނީ އަނެއްކާވެސް އެމީހުންގެ ކުރިމައްޗަށް ނުކުންނަން."

"މަންމާ. މިހާރުވެސް ލައްކަ ހެޔޮ ކަންތައް ކުރެވިއްޖެ. އަދި އެއް ކަމެއް ކޮށްލަމާ ހިނގާ. ސިޓީ ރައްދު ކޮށް ދިނުމަކީ އަހަރެމެންނަށް އޮތް ވާޖިބެއް."

ރޭގަނޑު ކާން ތިބިއިރު ރޭޑިއޯ ހުރީ ހުޅުވައިފައެވެ. ރޭޑިއޯއިން އެ ވަގުތު ފޮނުވަނީ ދީނީ ޕްރޮގްރާމެކެވެ. ދެމައިން ތިބީ ކާށެވެ. ޕްރޮގްރާމަކަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އެވަގުތު މަވްލަވީއަކު ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސެއް ވިދާޅުވެ ދެއްވަނީއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސު ކުރެއްވިއެވެ. ދޮގު ހަދާ މީހާއަކީ ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހެއް ނޫނެވެ. އެފަދަ މީހަކު ވަނީ ތިމަންކަލޭގެފާނުގެ ޝަރީއަތުން ބޭރު ވެގެންނެވެ."

ފަރުޒާނާ ބުންޏެވެ. "މަންމަ އަޑު އަހާބަލަ. އެ ވާހަކަ ދައްކަނީ ދޮގު ހެދުމާ ބެހޭ ގޮތުން."

"އާނ. އަޑު އެބަ އިވެއޭ. ދީނީ ވާހަކައެއް ވިއްޔާ އަހަރެމެންނަށް ވާ ގޮތެއް ދަރިފުޅަށް އެނގޭތަ؟ އެ ވާހަކަތައް އެއް ކަންފަތުން ވަދެގެން އަނެއް ކަންފަތުން ނުކުމެގެން ހިނގައިދޭ. އެކަހަލަ ވާހަކައެއް ހަނދާން ވަނީ އެ ފަދަ ކަމަކާ ދިމާވީމާ. ބޮޑު މައްސަލައެއްގެ ތެރެއަށް ވެއްޓުނީމާ. އަމިއްލައަށް ތަޖުރިބާ ކުރަން ޖެހުނީމާ. ދޮގު ހެދުމުގެ ވާހަކަވެސް މިހާރު މޭގައި ސާދާ ރާތާ މަރުތޭލަކުން ޖެހީމާ ޖެހޭހައި ބާރަށް އެބަޖެހޭ. ދަރިފުޅު ބުނުމުގެ ކުރިންވެސް މަންމަގެ ހަނދާނަށް އައީ ރުޚްސާނާ."

"އެއީ ކީއްވެގެން؟"

"ދޮގު ހަދާ މީހާ ކީރިތި ރަސޫލާގެ ޝަރީއަތުން ބޭރުވާ ކަމުގައި ވަނީ ވިއްޔާ ބާދްޝާއާއި ރުޚްސާނާގެ ކާވެނި ޝަރުއީ ކާވެންޏަކަށް ނުވާނެ."

ފަރުޒާނާ ފިކުރު ބޮޑުވެފައި މަންމަޔާ ދިމާއަށް ބަލައިލިއެވެ. "މަންމާ. ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް؟ ރުޚްސާނާއާ ބާދްޝާއާ ދެމީހުން އެކަކު އަނެކަކު ގަބޫލުކޮށްފި. މިހާރު އެ ދެމަފިރިންނަށް ދަރިއަކުވެސް ލިބިއްޖެ. ކާވެންޏަށް އެތައް ދުވަހެއް ވެއްޖެ. ކާވެންޏަކީ ސައްހަ ކާވެންޏެއްތޯ ނޫންތޯ ބެލުމަކީ މިހާރު ބޭކާރު ކަމެއް. މިހާރު އެމީހުން އެ ގެންދަނީ އުފާވެރި، ރަނގަޅު ޒަވާޖީ ހަޔާތެއް ވޭތު ކުރަމުން."

ޖަވާބު ދިނުމުގެ ގޮތުން ވާހަކަ ދައްކާން އުޅެފައިމެ މަންމަ ހުއްޓައިލިއެވެ. ހިތަށް އެރިއެވެ. އެއީ ތެދެކެވެ. މިހާރު އެ ބަހުސު ހުއްޓައިލާން ވެއްޖެއެވެ. އެ ވާހަކަ ދައްކަމުން ގޮސް ރުޚްސާނާއާއި ބާދްޝާގެ ކާވެނި ސައްހަ ނޫންކަން ސާބިތު ވެއްޖެނަމަ ފަރުޒާނާގެ ހިތުގައި އަނެއްކާވެސް އުއްމީދުގެ ހުޅުކޮޅު ދިއްލޭ ގޮތް ވުން ރަނގަޅެއް ނުވާނެއެވެ. މަޑުމަޑުން ހިލަޔަށް ވަމުންދާ މީހާ އަނެއްކާވެސް އުށް ވިރޭހެން ވިރޭ ގޮތް ވުމަކީ ދެރަ ކަމަކަށް ވާނެއެވެ. އެހެންވީމާ ރަނގަޅު ވާނީ އިތުރު ވާހަކަ ނުދައްކައި ހިމޭނުން އިނިއްޔާއެވެ.

އެރޭ ނިދާން އޮށޯވެ އޮވެގެން ފަރުޒާނާ ވިސްނަމުން ގެންދިޔައެވެ. އެތައް ދުވަހަކަށް ފަހު އަނެއްކާވެސް އޭނާގެ ގާތަކަށް ނިންޖެއް ނާދެއެވެ. ހޭލައި އޮންނާން އޭނާއަށް މަޖުބޫރު ކުރަނީ ކޮން ކަމެއް ބާވައެވެ؟

މި ސުވާލުގެ ޖަވާބުގައި އޭނާގެ ހިތަށް އައީ މަންމަގެ ވާހަކައެވެ. ދޮގު ހަދާ މީހުންނަނީ ޝަރީއަތުން ބޭރުވެފައިވާ ބައެކެވެ. އެހެން އިބާރާތަކުން ބުނާ ނަމަ ރުޚްސާނާގެ ކާވެންޏަކީ ސައްހަ ކާވެންޏެއް ނޫނެވެ.

ފަރުޒާނާގެ ހިތް ތެޅޭން ފަށައިފިއެވެ. ދަކް... ދަކް... އަނތްބެއް ނޫން... ދަކް ދަކް... އެއީ ބާދްޝާގެ އަނތްބެއް ނޫން... އެއީ ބާދްޝާއާ ބެހޭ މީހެއް ނޫނެވެ. އެ ކާވެންޏަކީ ޑްރާމާއެކެވެ. މަންޒަރުތައް ކުޅެ ނިމުމާއެކު ޑްރާމާ ނިމުނީއެވެ. ރުޚްސާނާ ބާދްޝާއާއެކު ވޭތު ކުރި ޒަވާޖީ ހަޔާތަކީ ޑްރާމާއެއްކަން އެނގުނީ އެންމެ ފަހުގެ މަންޒަރު ނިމުނީމައެވެ. ދީނީ އަދި ގާނޫނީ ގޮތުން ބަލާއިރު ރުޚްސާނާއަކީ ބާދްޝާއާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫނެވެ.

އޭނާ ކުއްލިއަކަށް އަނެއް ފަރާތަށް ފުރޮޅިލިއެވެ. ބޭނުން ވަނީ އެ ޚިޔާލުތަކަށް ފުރަގަސް ދޭށެވެ. އެކަމަކުވެސް ހިތް ގޮވައިލިއެވެ. "ރުޚްސާނާއެވެ. ބާދްޝާ ޖާނީ އަކީ ރުޚްސާނާގެ މީހަކަށް ނުވިޔަސް އެކަމާ ކަލެއަކާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ބާދްޝާއާ ބެހޭ ގޮތުން އެއްވެސް އުއްމީދެއް ކުރަން ނުވަތަ ވިސްނާން ކަލޭ ތިޔައީ ކާކު ހެއްޔެވެ؟"

އޭނާއަށް ހިތުގެ އަޑިން ފުން ނޭވައެއް ލެވުނެވެ. ބާވަތެއްގެ އާހެއް ނުކުތީ ކަހަލައެވެ. އަހަންނަކާ އޭނާއަކާ އެއްވެސް ގުޅުމެއް ނެތެވެ. އަހަރެން ހަމައެކަނި ފީކޯތް ކުޅުނީއެވެ. އަހަންނާއި އޭނާޔާ ދެމެދު އޮތީ ފީކޯތް ކުޅުމުގެ ގުޅުމެވެ. އަހަރެން ފިލަނީއެވެ. އޭނާ އަހަރެން ހޯދަނީއެވެ. އަހަރެން އޭނާއަށް ފުރަގަސް ދީގެން އޮވެ ނިދަނީއެވެ. އޭނާ އަހަރެންގެ ލޮލުގައި ހޭލައި އެބައުޅެއެވެ. އަހަރެމެން ދެމީހުންނަކީ ދެ ބީރައްޓެހިންނެވެ. އެއްވެސް ގުޅުމެއް ނެތް ދެމީހުންނެވެ. އެކަމަކު އެންމެ ދެ ދުވަހުގެ ގާތް ކަމަކަށް ފަހު ގުދުރަތުން ވަނީ އަހަރެމެން ދެމީހުންގެ އާދަޔާ ޚިލާފު ވާހަކައެއް ލިޔާން ފަށައިފައެވެ. ލޯތްބަށް އޮށްގައު ނުއުކަނީ ކާކު ހެއްޔެވެ؟ އެއީ މުޅި ދުނިޔެ ކުރާ ކަމެކެވެ. އޮށްގައު އުކާނެއެވެ. ދުއްތުރާ ކުރާނެއެވެ. އޮށްގަލާއި ލޯތްބާ އޮތް ގުޅުން ނިކަން ދެކިބަލާށެވެ. އަހަންނާ އެއްވެސް ގުޅުމެއް ނެތް މީހާ އެހެރަ ގެންދަނީ އޮށްގަލުން ތަޅާން ވެގެން އަހަރެން ހޯދަމުންނެވެ. އެކަމަކުވެސް އަހަންނަކާ އެއްވެސް ގުޅުމެއް ނެތެވެ.

އޭނާ ނިދަމުން ހޭލަމުން ވިސްނަމުން ގެންދިޔައެވެ. ހެނދުނު ހޭލެވުނު އިރުވެސް ހުރީ ސުވާލުތަކެއްގެ ތެރޭގައެވެ. ޖަވާބެއް ނެތެވެ. ރޭ ހަތަރުދަމު ރުޚްސާނާއާއި ބާދްޝާއާ ދެމީހުން ތިބީ އޭނާގެ ސިކުނޑީގައެވެ. އެހެންވީމާ ނިދުނީ ވަރަށް ކުޑަ އިރުކޮޅަކުއެވެ.

ހެނދުނު ދިހައަކުން ފެށިގެން ބާރަ ޖަހާންދެން އޭނާ އިނީ ކުލިނިކުގައި ބަލިމީހުން ބަލާށެވެ. އެޔަށް ފަހު ކޮޓަރިއަށް ވަދެ ތައްޔާރުވާން ފަށައިފިއެވެ. ރުޚްސާނާގެ ސިޓީގެ ވާހަކަ ޝަހުލާ ނުބުނި ނަމަ އޭނާ ކޮންމެވެސް ބަހަނާއެއް ދެއްކީހެވެ. ބޭރަށް ނުކުންނާން މިހާރު އޭނާ ވަރަށް ބޮޑަށް ބިރުގަނެއެވެ. މޫނު ބުރުގާ އަޅައިގެން ހުރުމުގެ ސަބަބުން އެއްވެސް މީހަކަށް އޭނާއަކީ ކާކުކަން ނޭނގޭނޭކަން އެނގެއެވެ. އެކަމަކު އޭނާއަށް މީހުން ފެނެއެވެ. މީހުން ބަލާން ފެށީމާ ވަރަށް ގިނަ ފަހަރަށް ހީ ކުރެވެނީ ދަނެގެން ބަލަނީ ކަމުގައެވެ. އެހެންވީމާ އެ ބިރު އަބަދުވެސް ހިތުގައި އޮވެއެވެ.

ބުރުގާ އަޅައިގެން އޭނާ ނުކުންނާން ހިނގައިގަތީމާ މަންމަ ބުންޏެވެ. "ދަރިފުޅާ. ޝަހުލާގެ ބައްޕަ އެ އުޅެނީ ހައްޖަށް ދާން. ދާ މަގުމަތީގައި މަލުގެ ހާރެއް ގަނެގެން ގެންގޮސް ކަރުގައި އަޅުވާ. އޭރުން އުފާވާނެ."

އޭނާ ބޭރަށް ނުކުމެއްޖެއެވެ. ދާން ޖެހެނީ މުޙައްމަދު ޢަލީ ސޮސައިޓީއަށެވެ. ޝަހުލާ އުޅެނީ އެތާނގައި ހުރި ގެއެއްގައެވެ. އެ ހިސާބަށް ދާން ފުރަތަމަ ޖެހެނީ ޞަދަރާ ހަމައަށް ބަހެއްގައި ދާށެވެ. މުޙައްމަދު ޢަލީ ސޮސައިޓީއަށް ދާން ޖެހެނީ އެތަނުން އެހެން ބަހަކަށް އަރައިގެންނެވެ. ފުރަތަމަ އޭނާ ހިނގައިފައި ދިޔައީ ބަސް ހުއްޓާ ތަނަށެވެ. މާ ވިއްކާ ފިހާރައަކަށް ވަދެ ރީތި މަލުގެ ހާރެއް ގަނެގެން ފުރަތަމަ ހިތަށް އެރީ ކުލީކާރެއްގައި ދާށެވެ. އޭރުން ވަރަށް ގިނަ ވަގުތު ސަލާމަތް ކުރެވޭނެއެވެ. އެކަމަކު އެއީ ބިރުވެރިވެސް ކަމެކެވެ. އެންމެ ފަހުން ވަރަށް ވިސްނައިފައި ގޮސް ބަހަށް އަރައިފިއެވެ.

އެކަމަކު ބަހުގައި މާ ދުރަކަށް ނުދެވުނެވެ. ކޮންމެވެސް މައްސަލައެއް ޖެހިގެން ބަސް ހުއްޓިއްޖެއެވެ. ނަސީބަކުން ހުއްޓުނީ ބަސް ހުއްޓާ ތަނެއްގެ ކައިރިއަށެވެ. ހުރިހައި ފަސިންޖަރުން ފައިބައި އެހެން ބަހަކަށް އިންތިޒާރު ކުރާން ފަށައިފިއެވެ. އެތައް އިރެއް ވީއިރުވެސް ބަހެއްގެ ޚަބަރެއް ނުވިއެވެ. އޭނާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. އެޔަށް ފަހު ކައިރީގައި ހުރި ކުލީކާރު މަޑުކުރާ ތަނަކާ ދިމާއަށް ބަލައިލިއެވެ. އެތާނގައި ދެ ކާރު އޮތެވެ. އޭނާ އެމީހަކު ދެކެ ބިރުން އުޅޭ މީހާ އެ ދެ ކާރުންކުރެ ކާރެއްގައި ނެތްކަން އޭނާއަށް ޔަގީނެވެ.

ވިއްސަކަށް މިނިޓު ވާންދެން އިންތިޒާރުކޮށްފައި އޭނާ ގޮސް އެތަނުން ކާރަކަށް އަރައިފިއެވެ. "މުޙައްމަދު ޢަލީ ސޮސައިޓީއަށް ހިނގާ."

ކާރު ދުއްވާލައިފިއެވެ. ފަރުޒާނާ އިނީ ބޭރަށް ބަލަހައްޓާއިގެންނެވެ. އެހެން އިނދެފައި އެއްލި ކަޅިއަކުން އޭނާއަށް ފެނުނީ ކާރުގެ ޑޭޝްބޯޑުގައި ތަތްކޮށްފައި ހުރި ކަރުދާސްގަނޑެކެވެ. އެ ކަރުދާސްގަނޑުގައި ޅެންބައިތެއް ލިޔެފައި އޮތެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.