މޯލްޑިވިއަންގެ ވަޒީފާއިން ވަކިކުރި މުއައްޒަފަކަށް ވަޒީފާއާއެކު ދެލައްކައަށްވުރެގިނަ ރުފިޔާ!

މޯލްޑިވިއަންގެ ވަޒީފާގައި ހުރި އަންހެން މުއައްޒަފަކު ވަޒީފާއިން ވަކި ކުރުމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އޭނާ ވަކިކުރިއިރު ހުރި ވަޒީފާ ދިނުމަށް ފަހު ދެލައްކައަށްވުރެގިނަ ރުފިޔާވެސް އޭނާއަށް ދިނުމަށް މޯލްޑިވިއަންގެ މައްޗަށް ސިވިލް ކޯޓުން ޙުކުމް ކޮށްފިއެވެ.

ސުޕަވައިޒަރެއްގެ މަގާމުގައި ހުރި އަންހެން މުއައްޒަފު މޯލްޑިވިއަންއިން އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ތައިލެންޑްގެ ވެރިރަށް ބެންކޮކަށް ކުރި ދަތުރެއްގައި ފްލައިޓަށް ދިމާވި މައްސަލައަކާއި ގުޅިގެން ފްލައިޓް ޑިލޭ ކުރުމަށް މައްސަލަތައް ޙައްލުކޮށް އަލުން ފުރަން ބެލިއިރު އެ މުއައްޒަފު ހޮޓަލުން ބޭރަށް ގޮސް، ފޯނަށްވެސް ޖަވާބުދާރީ ނުވުމުން ފްލައިޓް ޑިލޭވި މައްސަލައިގައެވެ.

ނަމަވެސް ވަޒީފާއިން ވަކިކޮށްފައިވާ މުއައްޒަފު ބުނެފައި ވަނީ ފްލައިޓަށް މައްސަލަޖެހި ޑިލޭވުމާއި ގުޅިގެން އޭނާ ހޮޓަލުން ބޭރަށް ދިޔައީ ހުއްދަ ލިބިގެން ކަމަށާއި ފްލައިޓް ފުރަން ބުނި ގަޑިއަށް އައި ކަމަށެވެ.

ޑިލޭކުރި ފްލައިޓްގެ މައްސަލަ ޙައްލުވެ ފްލައިޓް ފުރަން ލަފާކުރި ގަޑިއަށްވުރެ އަވަހަށް މައްސަލަ ޙައްލުވުމުން ފުރަން ބެލިއިރު މުއައްޒަފު ހޮޓަލުގައި ނެތުމާއި، އަލުން ފޯނަށް ޖަވާބުދާރީ ނުވެވުމުން އޭނާ ވަކި ކުރި ނަމަވެސް ސިވިލް ކޯޓުގެ ޙުކުމުގައި ބުނެފައި ވަނީ މުއައްޒަފު ވަޒީފާއިން ވަކިކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ. އަދި ފްލައިޓަށް ނުފުރުމުގައި މުއައްޒަފުގެ އެއްވެސް އިހުމާލެއް އޮތްކަމަށް ބެލެވެން ނެތް ކަމަށެވެ.

ސަބަބެއް ކަމަށް ޙުކުމުގައި ބުނެފައި ވަނީ ހޮޓަލުން ބޭރަށް އެ މުވައްޒަފު ދިޔައީ ޕައިލެޓްގެ ހުއްދަ ލިބިގެން ކަމަށްވާއިރު ފްލައިޓް މަރާމާތު ކޮށްގެން ފުރޭނެ ކަމަށް އޭނާއަށް އަންގާފައިވާ ވަގުތަށް އޭނާ އެނބުރި އައިސްފައިވާ ކަމެވެ. އަދި ފޯނަށް ޖަވާބުދާރީ ވުމަކީ ލާޒިމް ކަމެއް ނޫން ކަމަށާއި ސަބަބަކީ އެފަދަ ދަތުރު ތަކުގައި އެގޮތަށް އަމަލު ކުރަންޖެހޭނެ ކަމަށް ކުރިން އަންގާފައި ނެތުން ކަމަށްވެސް ޙުކުމުގައި ބުނެފައިވެއެވެ.

އެހެންވެ ކޯޓުން ޙުކުމް ކޮށްފައި ވަނީ އޭނާ ކުރިން ހުރި ވަޒީފާ ދިނުމަށް ފަހު އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި މޯލްޑިވިއަން އިން އޭނާއަށް 259،000 ރުފިޔާ ދިނުމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.