2015 ވަނަ އަަހަރު އީރާނާ ދުނިޔޭގެ ބޮޑެތި ބާރުތަކާ މެދު ސޮއިކޮށްފައިވާ ނިއުކުލިޔާ އެއްބަސްވުމަށް އެމެރިކާ އަނބުރާ ގެނައުމާ ގުޅޭގޮތުން އޮސްޓްރިޔާގެ ވެރިރަށް ވިއެނާގައި ކުރިއަށް ދިޔައީ "ބިނާކުރަނިވި" މަޝްވަރާތަކެއް ކަމުގައި އީރާނުން ބުނެފިއެވެ. އޮސްޓްރިޔާއިން މަސައްކަތްކުރަމުން ދަނީ ރައީސު ޑޮނާލްޑް ޓްރަމްޕްގެ ދައުރުގައި އެއްބަސްވުމުން ވަކިވި އެމެރިކާ އަލުން މުއާހަދާގައި ބައިވެރިކުރެވޭތޯއެވެ.
ވިއެނާގައި ކުރިއަށް ދިޔަ މަޝްވަރާތަަކުގައި އީރާނާއެކު ބައިވެރިވެފައި ވަނީ ޗައިނާ، ރަޝިޔާ، ޖަނުމަނު، ފްރާންސް އަދި އިނގިރޭސިވިލާތެވެ.
އެމެރިކާއާއެކުގައި އެއްބަސްވުން ކުރިއަށް ގެންދަން އީރާނުން ދަނީ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ޝަރުޠުކުރަމުންނެވެ. އަދި އެމެރިކާއިން ދަނީ އީރާނުން ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ހުއްޓާލުން ޝަރުޠުކުރަމުންނެވެ. އިއްޔެގެ މަޝްވަރާތަކުގައި ވަނީ އެމެރިކާއިން އުވާލާނީ ދަތިކުރުމުގެ ފިޔަވަޅުތަކެއްތޯއާއި، އީރާނުން ހުއްޓާލާނީ ނިއުކުލިޔާ ކޮން ހަރަކާތެއްތޯ ކަނޑައެޅުމަށް މަސައްކަތު ގްރޫޕުތަކެއް އެކުލަވާލުމަށް އެއްބަސްވެފައެވެ.
"ވިއެނާގައި ކުރިއަށް ދިޔައީ ބިނާކުރަނިވި ވާހަކަތަކެއް" އީރާނުގެ ޓީވީގައި ވާހަކަފުޅުދައްކަވަމުން ނިއުކުލިޔާ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ އީރާނުގެ އިސް މަންދޫބު ޢައްވާސް އަރަގްޗީ ވިދާޅުވިއެވެ.
އެމެރިކާއިން މަޝްވަރާ ގޮތުގައި ސީދާގޮތުން ބައިވެރިވެފައި ނުވެއެވެ. މަޝްވަރާތަކުގައި ބައިވެރިވެވަަޑައިގެންނެވި އެހެން ގައުމުތަކުގެ ޑިޕްލޮމޭޓުން ވަނީ މަޝްވަރާތަކުގެ ތަފްސީލު އެމެރިކާގެ ވަފުދަށް ދީފައެވެ.
"ޖޮއިންޓް ކޮމިޝަން (ނިއުކުލިޔާ އެއްބަސްވުމުގެ ކަންކަން ބެލުމަށް އުފައްދާފައިވާ ކޮމިޝަން) ގެ ބިނާކުރަނިވި ބައްދަލުވުމެއް. ގުޅިފައިވާ ޑިޕްލޮމެޓިކް ހައްލަކާމެދު އުއްމީދާއި އެއްބައިވަންތަކަން އެބައޮތް. ނައުކުލިޔާ ކަންކަން ތަންފީޒުކުރާނެ ގޮތާއި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެެ ގޮތް ބެލުމަށް ތަޖުރިބާކާރުންގެ ދެ ގްރޫޕަކުން ދަނީ މަސައްކަތްކުރަމުން." ވިއެނާގެ މަޝްވަރާތަކަ ގުޅޭގޮތުން މަޝްވަރާތަކުގައި ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ފަރާތުން ބައިވެރިވަޑައިގަންނަވާ އިސް މަންދޫބު އެންރީކޭ މޯރާ ވިދާޅުވިއެވެ.
އެމެރިކާއިން ވެސް ވަނީ މަޝްވަރާތަކުގައި ލިބިފައިވާ ކުރިއެރުމަށް މަރުހަބާކިޔާފައެވެ.
"މިއީ މަރުހަބާ ކިޔަންޖެހޭ ފިޔަވަޅެއް. މިއީ ބިނާކުރަނިވި ފިޔަަވަޅެއް. މިއީ ބޭނުންތެރި ފިޔަވަޅަކަށް ވުމުގެ ފުރުސަތު ބޮޑު." މަޝްވަރާތަކުގައި ލިބުނު ކުރިއުމާ ގުޅޭގޮތުން އެެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓް (ޚާރިޖީ ވުޒާރާ) ގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވިއެވެ.