ފިކުރީ ނަޒަރަކުން، ދިވެހިރައްޔިތެއްކަން ދޫކޮށްލުމުގެ ޤަވާޢިދަށް ބަލައިލުމެއް

25 މާރޗް 2021 ވަނަދުވަހު ، ގެޒެޓްކުރެވުނު ، ދިވެހިރައްޔިތުކަން ދޫކޮށްލުމާބެހޭ ޤަވާޢިދަކީ ، ގިނަބަޔެއްގެ ހިތުގައި ސުއާލު އުފެދި ، އެޤަވާޢިދާބެހޭގޮތުން ބަހުސް ކުރެވެމުންދާ ޤަވާޢިދެކެވެ. އެ ޤަވާޢިދުގެ 3 ވަނަ މާއްދާގެ (ނ) ގައިވާގޮތުން ، ދިވެހިރައްޔިތުކަން ދޫކޮށްލުމުގެ ޝަރުތުތަކުގެތެރޭގައި ، އެހެން ޤައުމެއްގެ ރައްޔިތުކަން ލިބިފައިވުން ، ނުވަތަ އެހެން ޤައުމެއްގެ ރައްޔިތުކަން ލިބޭނެކަމުގެ ޔަޤީންކަން ލިބިފައިވާ ފަރާތަކަށް ވުން ލާޒިމް ކުރެއެވެ. މިއީ ، ސުއާލު އުފެދޭ އެންމެ އޮޅުން އަރާ ، އެއް މާއްދާއެވެ.

ޤަވާޢިދުގެ 11 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގައި ، ދިވެހިރައްޔިތުކަން ދޫކޮށްލުމުގެ ލިޔުން ދޫކުރާ ތާރީޚުން ފެށިގެން ، އެމީހަކީ ދިވެހިރައްޔިތެއްކަމުގައެއް ނުބަލާނެއެވެ. އެހެންނަމަވެސް ، މިމާއްދާގައި މިހެން ބުނިނަމަވެސް ، 12 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ، 6 މަސްދުވަހުގެ ތެރޭގައި އެހެން ޤައުމެއްގެ ރައްޔިތުކަން ނުލިބިއްޖެނަމަ ، އެލިޔުން ބާތިލުވާނެ ކަމުގައެވެ. އަދި އޭނާއަކީ ދިވެހިރައްޔިތުކަން ގެއްލިފައިވާ މީހެއްކަމުގައެއް ނުބެލެވޭނެއެވެ. އޭގެ މާނަޔަކީ ، ދިވެހިރައްޔިތެއްކަން ދޫކޮށްލާފައި 6 މަސްވާއިރު ، އެހެން ޤައުމެއްގެ ރައްޔިތަކަށް ނުވެވިއްޖެނަމަ ، އަނބުރާ ދިވެހިރައްޔިތަކަށް ، އެމީހަކު އޮޓޮމެޓިކުން ބަދަލު ވުމެވެ. މިހާތަނުން ، ޤާނޫނީ ގޮތުންނާއި ޝަރުޢީގޮތުން އުފެދޭނެ އެތައް މައްސަލަތަކެއް އެބަ ހުއްޓެވެ. ދިވެހިރައްޔިތުކަން ދޫކޮށްލުމާބެހޭ ޤަވާޢިދު އެކުލަވައި ލެވިފައިވަނީ ، އެއިން އެއްވެސް މައްސަލަޔަކަށް ، ޙައްލެއް ހޯދައިދެވޭގޮތަކަށް ނޫނެވެ.

ޤަވާޢިދު ބުނާގޮތުން ، ދިވެހިރައްޔިތެއްކަމަށް ނުބަލާ ކުއްލި ޙާލަތެއް އުފަންވެ ، ހަމަ އެހިސާބުން ފެށިގެން ، ރައްޔިތެއްކަމަށް ބަލާނެ ، 6 މަސްދުވަހުގެ މުއްދަތެއްވެސް އެބަ އުފަން ވެއެވެ. ޤަވާޢިދުގެ ރޫޙު ގެއްލިދާ ހިސާބަކީ މިއީއެވެ. ޤަވާޢިދުގެ 18 ވަނަ މާއްދާ ބަޔާންކުރާ ގޮތުގައި ، ޤަވާޢިދުގެ އެކިއެކި މާއްދާތައް ތަންފީޒުކުރުމުގައްޔާއި ، ތަރުޖަމާކުރުމުގައި އެންމެ އިސް މަޞްލަޙަތެއް އޮންނާނީ ، ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ކުރުމުގެ މައްޗަށެވެ. އެހެން ނަމަވެސް ، ރައްޔިތެއްކަމަށް ނުބަލާނެ ކުއްލި ޙާލަތަކާއެކު ، ދެން ބަދަލުވާ ޙާލަތާއެކު ، ރައްޔިތެއްކަމަށް ބަލާނެ 6 މަސްދުވަހުގެ މުއްދަތެއް އުފަންވާތީ ، އެދެމެދުގައި ހިނގާ މުޢަމަލާތުގެ ތެރޭގައި ، ރައްޔިތުންގެ ޙައްޤު ޙިމާޔަތް ކޮށްދެވޭގޮތަށް ، ޤަވާޢިދު ތަރުތީބު ކުރެވިފައިވާ ކަމަކަށް ނުފެނެއެވެ.

މިއީ ދިވެހިރައްޔިތުން ކަންބޮޑު ނުވާންވީ ކަމެއްނޫނެވެ. ވާހަކަ ނުދައްކަންވީ ސަބަބެއްވެސް ނެތެވެ. މިއީ ، ޢަޞްލަށް ވާސިލުވެ ، ޙަޤީޤަތާހަމަޔަށް ، ދަތުރު ކުރުމަށްޓަކައި ، ވިސްނައި ފިކުރުކުރަން މަޖުބޫރުވާފަދަ  ޙާލަތެކެވެ.

ދިވެހިރައްޔިތުކަން ދޫކޮށްލުމުގެ ލިޔުން ދޫކުރުމަށް ޝަރުތުތަކެއް ކަނޑައެޅިފައި ވެއެވެ. ޤަވާޢިދުގެ 15 ވަނަ މާއްދާގެ (ށ) ބުނާގޮތުގައި ، ދިވެހިރައްޔިތެއްކަން ދޫކޮށްލާ މީހާ ، ރައްޔިތެއްކަން ދޫކޮށްލާއިރު ، ރާއްޖޭގައި އޭނާގެ މިލްކުގައި ބިމެއް އޮތްނަމަ ، ޤާނޫނު ނަންބަރު 2002/1 ( ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ) އާ އެއްގޮތްވާ ގޮތުގެ މަތިން ، އެބިމެއް ، އެހެން ފަރާތަކަށް ހިބައިން ދިނުމަށް ، ނުވަތަ ވިއްކައިލުމަށް އެއްބަސްވެ ، އިޤްރާރުވާން ޖެހެއެވެ. މިހިނދު ، އެއުފަންވަނީ ، ޤާނޫނަކުން ބާރުލިބިގެންނަމަވެސް ، ހެދޭ ޤަވާޢިދަކުން ، ޝަރުޢީ ޙުކުމެއް ބާތިލުވެ ، ޝަރުޢީގޮތުން އޭނާއަށް ލިބިގެންވާ މިލްކުވެރިކަމެއް ބީވެދާ ޙާލަތެކެވެ. އަދި 6 މަސް ފަހުން އެބިމެއް އޭނާއަށް ބޭނުންވާ ޟަރޫރީ ޙާލަތެކެވެ.

އެންމެ އޮޅުންބޮޑު ޙާލަތަކީ ، 15 ވަނަ މާއްދާގެ (ށ) ގައި ބުނާގޮތަށް ، މިލްކުގައިވާ ބިމެއް ދޫކޮށްލުމަށްފަހު ، އެދޫކޮށްލާ ބިން އެހެން ފަރާތަކަށް ލިބޭނީ ، އެބިން ދޫކޮށްލާފަރާތަށް ، އެހެން ޤައުމެއްގެ ރައްޔިތުކަން ލިބުމަށްފަހު ، ޝަރީޢަތްމެދުވެރިކޮށް ، އެބިމުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުކުރުމުންނެވެ. ހަމަ މިމާއްދާގެ (ނ) ގައިބުނާގޮތުން ، ރައްޔިތުކަން ނުލިބިއްޖެނަމަ ، ބިން ދޫކޮށްލި ދޫކޮށްލުން ބާތިލުވާނެއެވެ. އަދި ބިން ލިބޭނެކަމަށް ، ބިން ދޫކޮށްލުމުގެ އިޤްރާރުގައި ބަޔާންކޮށްފައިވާ ފަރާތަށް ، އެބިމާގުޅޭ ޙައްޤެއް ނުލިބޭނެއެވެ. މިއީވެސް އޮޅުންބޮޅުންބޮޑު ޙާލަތެކެވެ. ޤާނޫނީ ހަމަތަކުން ހަމައެއް އަޅަން އުނދަގޫވާނެ ޙާލަތެކެވެ.

ގޯއްޗެއް ނުވަތަ ބިމެއް ގަންނަ ނަމަ ، ބިމާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ، ގޯތިގަނެވޭނީ އަގުދައްކައި ނިމުމަށްފަހުގައެވެ. އެކި ފަހަރުމަތިން ދެއްކި ނަމަވެސް އަދި އެއްފަހަރާ ދެއްކިނަމަވެސް ، އެބިމެއް ގަނެވުންކަމަށް ޤާނޫނު މާނަކުރަނީ އެބިމަކަށް ކަނޑައެޅޭ އަގު އެއްކޮށް ދައްކާ ނިމުމުންނެވެ. މީގެ އިތުރަށް ، ބިންވިއްކާ ފަރާތުން 15 އިންސައްތައިގެ ޓެކްހެއް ، ދައުލަތަށް ދައްކަން ޖެހެއެވެ. އަދި ހަމައެފަދައިން ، ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމުގެ ޤާނޫނު ބުނާގޮތުން ، ގޯތި ވިއްކުމުގެ އެންމެހައި މުޢާމަލާތެއް ކުރަން ޖެހޭނީ ޝަރީޢަތް މެދުވެރި ކޮށެވެ. މިޙާލަތުގައި ރައްޔިތުކަން ދޫކޮށްލާމީހާއަށް އެހެން ޤައުމަކުން ރައްޔިތުކަން ނުލިބިއްޖެނަމަ ، ގޯތި ގަންނަ މީހާއާއި ވިއްކާ މީހާއަށް ޤާނޫނީގޮތުންނާއި ޝަރުޢީގޮތުން އެތައް ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. ގޯތި ވިއްކާމީހާ ސަރުކާރަށް ޓެކްސް ދައްކާނެއެވެ. ގަންނަ މީހާ ގޯތީގެ އަގު ، ގޯތީގެ ވެރިފަރާތަށް ދައްކާނެއެވެ.

ރައްޔިތުކަން ދޫކޮށްލި މީހާ ، އެހެން ޤައުމެއްގެ ރައްޔިތުކަން ނުލިބިގެން އެނބުރި ރާއްޖެއައިސް ، ގޯތި ވިއްކި ފައިސާ އަނބުރާ ދައްކަންޖެހިއްޖެ ޙާލަތެއްގައި،  މާލީގޮތުން އެތައް ގޮންޖެހުން ތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. ގޯތި ގަތް ފަރާތުން ، ގޯތީގައި ޢިމާރާތެއް ހަދައިފާ ހުރިނަމަ އެއީވެސް ގޯތިވިއްކި މީހާއަށް މާލީގޮތުން ކުރިމަތިވާ އިތުރު ތަކުލީފެކެވެ. ގޯތި ގަތްމީހާއަށް މާލީގޮތުން އަގުނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެއެވެ. ގޯތި އަމިއްލަ ކުރުމާއި ގަނެވިއްކުމާބެހޭ ޤަވާޢިދު ބުނާގޮތުން ، އެކިފަހަރުމަތިން އަގު ދައްކާ އުޞޫލުން ، އަމިއްލަކުރުމަށް ހުށަހަޅާ ގޯއްޗެއްގެ އަގުގެ ގޮތުގައި ދައްކާ ފައިސާއަކީ ، އަނބުރާ ލިބޭނެ އެއްޗެއްނޫނެވެ. މިއީވެސް ، މާލީގޮތުންވެސް ، ޝަރުޢީގޮތުންނާއި ޤާނޫނީގޮތުން ، އުނދަގޫ އެތައް މައްސަލަތަކެއް ކުރިމަތިވާނެ ޙާލަތެކެވެ. އެހެންކަމުން ،  ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް އެންމެ ފުރިހަމަގޮތުގައި ، އެންމެ އިސް މަސްލަޙަތެއް ، މިޤަވާޢިދަކުން ކަށަވަރުކޮށެއް ނުދެއެވެ. މިކަމުގައި ޝާމިލްވާ ދެފަރާތުންކުރެ އެއްފަރާތެއްގެ މަޞްލަޙަތުވެސް މިޤަވާޢިދުގައި ޙިމާޔަތްކޮށްދެވިފައެއް ނުވެއެވެ.

ފަހަރެއްގައި ، ދިވެހިރައްޔިތުކަން ދޫކޮށްލާ މީހާ ، އެހެން ޤައުމެއްގެ ރައްޔިތުކަން ހޯދުމުގައި ދެވަނަ ފަހަރަށް ، ދިވެހިރައްޔިތަކަށް ނުވެވިދާނެ ޙާލަތެއްވެސް ކުރިމަތިވެދާނެއެވެ. އެއީ ، އޭނާގެ ދީން ބަދަލު ކުރުމެވެ. ދިވެހިރައްޔިތެއްކަން ދޫކޮށްލާފަ ، އެހެން ޤައުމެއްގެ ރައްޔިތެއްކަން ނުލިބި ، 6 މަސް ވީމައި ، ރައްޔިތުކަން ދޫކޮށްލުމުގެ ލިޔުން ބާތިލުވާއިރު ، އެނބުރި ދިވެހިރައްޔިތަކަށް އޭނާ ބަދަލުވާ އިރު ، މުސްލިމަކަށް ނުވެ ހިނގައިދާނެއެވެ. އެހިސާބުން އޭނާއަކީ ޣައިރު މުސްލިމެކެވެ. އެކަމަކުވެސް ދިވެހިރައްޔިތެކެވެ. މިކަން ހިނގާނީ އޮޓޮމެޓިކުންނެވެ. އެހެން ޤައުމެއްގެ ރައްޔިތުކަން ނުލިބި 6 މަސްވާ ތަނުންނެވެ. މިޙާލަތުގައި  ، ހެދިފައި އޮންނަ ޤަވާޢިދަކުން ، ޤާނޫނު އަސާސީއާ ޚިލާފަށް ކަމެއްކުރުމަށް ، މަގުފަހިވެގެން ދާނެއެވެ. ސައްތައިން ސައްތަ ، މުސްލިމް ޤައުމެއްގެ ގޮތުގައި ، ދިވެހި ޤައުމު އޮތުމަށް ހުރަސް އެޅި ،  ދީނީގޮތުންނާއި ވަޠަނީގޮތުން ، އަދި ޝަރުޢީގޮތުންވެސް ، ޖަވާބު ނުދެވޭފަދަ ޤާނޫނީ ސުއާލުތަކެއްގެ ނުރައްކާ ކުރިމަތިވާނެއެވެ. ޤައުމުގެ މުސްތަޤްބަލް ، އަނދިރިފަރާތާ ކައިރިޔަށް ދަތުރުކުރާނެއެވެ. މިކަން ހިނގާފައިވަނީ މިބީދައިންކަން ، ދުނިޔޭގެ ތާރީޚަށް ބަލައިލީމާ ފެންނަން އެބަހުއްޓެވެ.

ހުޅަނގުގެ ޤައުމުތަކަށް ބަލާއިރު ، އެމެރިކާގެ ރައްޔިތެއްކަން ދޫކޮށްލުމަށްފަހު ، ޢާންމުގޮތެއްގައި އަލުން ، އެޤައުމުގެ ރައްޔިތަކަށް ނުވެވެއެވެ. އެމެރިކާގެ ރައްޔިތެއްކަން ދޫކޮށްލުމަށް ، އެހެން ޤައުމެއްގެ ރައްޔިތެއްކަމަށްވާން އެދިއްޖެނަމަވެސް ، އެމެރިކާގެ ރައްޔިތެއްކަން ގެއްލެއެވެ. އެމެރިކާގެ ރައްޔިތެއްކަން ދޫކޮށްލުމަށްފަހު ، އަނބުރާ އެމެރިކާގެ ރައްޔިތަކަށް ބަދަލުވުމަކީ ، ނާދިރުކަމެކެވެ. އެހެންނަމަވެސް ، އެއީ ނުވާނެ ކަމެއްވެސް ނޫނެވެ. ވެޓިކަން އަކީ ދުނިޔޭޣެ އެންމެ ކުދި ޤައުމުތަކުން އެއްޤައުމެވެ. އެޤައުމުގެ އާބާދީއަކީ 450 އެވެ. އިމިގްރޭޝަން ޤާނޫނު އެންމެ ހަރުކަށި އެއްޤައުމެވެ. އެޤައުމުގެ އާބާދީ އެހައި ކުޑަވުމުގެ އަޞްލަކީ އެއީ ކަމަށް ވެދާނެއެވެ. ސެން މެރިނޯއަކީ ، 33 ހާސްމީހުންގެ އާބާދީއެއް އޮންނަ ޤައުމެކެވެ. އެޤައުމުގެ ރައްޔިތަކަށް ވެވޭނީ ވަރަށް އުނދަގުލުންނެވެ. އެޤައުމުގައި 30 އަހަރު ދިރިއުޅުމުންނޫނީ ރައްޔިތަކަށް ނުވެއެވެ. އެހެން ނަމަވެސް ، އެޤައުމުގެ މީހަކާ ކައިވެނިކޮށްފިނަމަ ، އެމުއްދަތު 15 އަހަރު ދުވަހަށް ކުރުވެއެވެ.

އެހެން ޤައުމެއްގެ މީހަކަށް ، އެޤައުމުގެ ރައްޔިތެއްކަން ނުދޭ 28 ޤައުމެއް ދުނިޔޭގައި އެބައޮތެވެ. އަދި ރައްޔިތެއްކަމުގެ ޙައްޤުދޭ 61 ޤައުމެއް އެބައޮތެވެ. ރައްޔިތެއްކަން ނުދޭ ޤައުމުތަކުގެ ތެރޭގައި ، އިންޑިއާ ، ޖަޕާން ، ޗައިނާ ، އަފްޣާނިސްތާން ، ސުޢޫދީ ޢަރަބިއްޔާ އަދި ޔޫއޭއީއާއި މެލޭޝިއާ ހިމެނެއެވެ. މިޤައުމުތަކުގެ ތެރެއިން ، ބައެއް ޤައުމުން ވަރަށް އުނދަގޫ ޙާލަތެއްގައި ، މަދުފަހަރަކު ، ޚާއްޞާ ޙާލަތެއްގައި ރައްޔިތެއްކަން ދީފައި ހުރެދާނެއެވެ. އެހެން ޤައުމެއްގެ ރައްޔިތަކަށް ، އަނެއް ޤައުމެއްގެ ރައްޔިތުކަން ޢާންމުގޮތެއްގައި ދޭނީ ، ސީދާކޮންނާއި ނުސީދާކޮށް ، އިޤްތިޞާދީ އަދި މާލީ ފައިދާތަކެއްލިބޭ މީހަކަށެވެ. 30 އަހަރާއި 5 އަހަރާދެމެދުގެ އަހަރުތަކަކަށް ، އެޤައުމެއްގައި ދިރިއުޅުމުންނެވެ. އެކި ޤައުމުތަކުގައި މިދުވަސްތައް ގުނަނީ އެކި ޢަދަދަށެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.