ސުވޭސް ކެނަލް އަލުން ހުޅުވާލައި، ދަތުރުތައް ފަށައިފި

ސުވޭސް ކެނަލަށް ހުރަސްވެފައި ހުރި އާގުބޯޓު 'އެވަރ ގިވެން' ޓަގުބޯޓުފަހަރުގެ އެހީގައި އަނބުރާލައި ކެނަލަށް ސީދާކުރަނީ

ފާއިތުވި އަންގާރަ ދުވަހުއްސުރެ، ސުވޭސް ކެނަލަށް ހުރަސްވެ، ބީހީފައި ހުރި ބިޔަ އާގުބޯޓު ފުންކުރުމާއެކު ސުވޭސް ކެނެލް ދަތުރުތަކަށް ހުޅުވާލައިފިއެވެ.

ދެފަރާތުން ޓަގުބޯޓު ކަފުޖަހައިގެން ބިޔަ ކޮންޓޭނާ ބޯޓު 'އެވަރގިވެން' ސުވޭސް ކެނެލު ދައި މަޑު ދުވެއްޔެއްގައި ދަތުރުކޮށްފައި ދާތަން އޚަބަރުފަތުރާ ބައެއެް ވަސީލަތްތަކުން އާއްމުކުރި ބައެއް ވީޑިއޯތަކުން ފެނެއެވެ. 'އެކްސްޓްރާ ނިއުސް' ޓީވީން ބުނި ގޮތުގައި ބޯޓު ދަތުރުކުރަމުން ދިޔައީ ގަޑިއަކު 2.8 ކިލޯމީޓަރުގެ ބާރުމިނުގައެވެ.

ސުވޭސް ކެނަލުގައި އިއްޔެ ދިޔަަވަރު ބޮޑުވި ވަގުތާ ދިމާކޮށް ގިނަ ޓަގު ބޯޓުތަކެއް ބޭނުންކޮށްގެން ކުރި މަސައްކަތުން ކެނަލުގެ އެއް އަރިމަަތީ ކިސަޑުގަނޑުގެ ތެރޭގައި ތާށިވަފައި ހުރި ބޯޓު ދިރުނބާ ވަނީ ފުންކުރެވިފައެވެ.

"ސުވޭސް ކެނަލް އޮތޯރިޓީން ކާމިޔާބު ކަމާއެކު ޕެނަމާގެ ބިޔަ ކޮންޓޭނާ ބޯޓު 'އެވަރ ގިވެން' ސަލާމަތްކޮށް، ފުންކުރުމަށްފަހު، ސުވޭސް ކެނަލްގައި ކަނޑު ދަތުރުފަތުރު ފެށިފައިވާކަން މި އޮތޯރިޓީގެ ޗެއާމަން އުސާމާ ރަބީޢު އިޢުލާންކުރައްވާ." ސުވޭސް ކެނަލް އޮތޯރިޓީން އިއްޔެ ނެރުުނު ބަޔާނެއްގައި ވެއެވެ.

ބޯޓުން ފުންކޮށް ސުވޭސްކެނަލުގެ މެދަަށް ސީދާކުރުމަށް ފަހު، ޓަގުބޯޓު ކަފުޖަހައިގެން 2 ލައްކަ 24 ހާސް ޓަނުގެ ބޯޓު ގެންގޮސްފައި ވަނީ ސުވޭސް ކެނަލުގެ މެދެއްހާ ހިސާބުގައި އޮންނަ ގްރޭޓް ބިޓާ ލޭކަށެވެ. ސުވޭސް ކެނަލް އޮތޯރިޓީން ބުނި ގޮތުގައި އެތަނުގައި ބޯޓު ބާއްވައިގެން އޭގެ ޓެކްނިކަލް އިންސްޕެކްޝަނެއް ހަދާނެއެވެ.

ދުނިޔޭގެ އެންމެ ބިޔަ އާގުބޯޓުފަހަރުގެ ތެރޭގައި ހިމެނޭ، 400 މީޓަރު (1312 ފޫޓު) ދިގު، 59 މީޓަރު (192 ފޫޓު) ފުޅާ، އެއްފަހަރާ 20 ފޫޓު 20 ހާސް ކޮންޓޭނާ އުފުލާ އެވަރ ގިވަން އަކީ ޓައިވާނުގެ އެވަރގްރީން މެރިން ކޯޕަރޭޝަނުން ދުއްވާ ބޯޓެކެވެ.

ފާއިތުވި އަންގާރަ  ދުވަހުގެ ވަގުތެއްގައި އައި ބާރުގަދަ ވެލީގެ ޠޫފާނެއްގެ ތެރޭގައި ކޮންޓުރޯލުނުކުރެވި ސުވޭސް ކެނަލަށް ބޯޓު ހުރަސްވެ، ބީހުނު އިރު، އެ ބޯޓު ދަތުރުކުރަމުން ދިޔައީ ޗައިނާއިން ނެދަލޭންޑްސްގެ ރޮޓަޑާމްއަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.