ތިކީގެ ބަޙުސްގެ މޯހިރުން ...

ފޭސްބުކްގައި އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން ކުރައްވާފައިވާ ޕޯސްޓެއް

ތިކިޖެހި ތާނަ ނުވަތަ ތާނަ އަކުރުގައި ތިކި ޖަހައިގެން އުފައްދާފައިވާ އަކުރުތަކާ މެދު އުފެދިފައިވާ ބަހުސް މިވަނީ ވަރަށް ފޯރިގަދަވެ ވައިގައި ހިފާފައެވެ. ކޮންމެއަކަސް ތާނައަކު ސެޓުގައި ހިމެނޭ ތިކިޖެހި އަކުރުތައް ދަމަހައްޓާނީތޯ؟ ނުވަތަ އުވާލާނީތޯ؟ މިއީ އިއްޔެއަކު މިއަދު ފެށިގެން އުޅޭ ބަހުސެއް ނޫނެވެ. މިއީ ލައްކަ ޒަމާންވެއްޖެ ބަހުސެކެވެ.

މިފަހުން އަނެއްކާ މިބަހުސެއް ސޯޝަލް މީޑިއާގައި ފޯރިގަދަވެގެން މިއުޅެނީ ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާގައި ނުފޫޒުގަދަ "ބަހުގެ މީހުން" މިވާހަކަ ބަހުސަކަށްހަދައި ދޫކޮށްލުމުންނެވެ. މިބަހުސްގެތެރެއިން ޢިލްމީ އެތައް ވާހަކަތަކާއި ތާކުންތާކު ނުޖެހޭ "ހޮޅި" އެތައް ވާހަކައެއްވެސް ދެކެވެއެވެ.

އެއްބަޔަކަށް ތާނައަކުރުގައި ތިކި ޖަހާފައިވާ ކޮންމެ އަކުރެއް މިމައްސަލާގައި ނުހިމެނެއެވެ. އެބުނާ "ތިކިޖެހި ތާނަ"އަކީ ހިޖުރައިން 1376ވަނަ އަހަރުގެފަހުން އުފެދުނު ތިޖެހި އަކުރުތައް ކަމަށް ބައެއް މީހުން ދެކެއެވެ. އަނެއްބަޔަކު ދެކެނީ ތިއްކެއް ޖަހާފައިވާނަމަ ކޮންމެ އަކުރަކީވެސް ތިކިޖެހި ތާނައިގެ އަކުރެއްކަމަށެވެ. ކޮންމެ އަކަސް އަޅުގަނޑު މިއުޅެނީ މިބަޙުސްގެ ތެރެއަށް ވަންނާކަށް ނޫނެވެ.

ދަންނަވަން މިއުޅެނީ މި ބަޙުސްގެ މޯހިރުގައި އެކި މީހުން އެކި މަންފާނަގައި ތިކި އަކުރުތަކުގެ މޯހިރުން ދަތުރުކުރާ ވާހަކައެވެ. ތިކި ބަޙުސް ފޯރިގަދަވެފައި އެތައްބަޔަކު އެއަށް ޝައުޤުވެރިވާތީ، ތިމާމެން ހާމަކުރަންބޭނުންވާ ބައެއް ވާތަކައް ތިކީގެ ބަޙުސްގެ ފަހަތުން ބުނެލީމަ އެއަށް މީހުންގެ ސަމާލުކަން ލިބޭލެއްވެސް ބޮޑުވެއެވެ. މިކަމުގެ ފައިދާ ނެގެންއޮތް މިންވަރަށް އެންމެންވެސް މިދަނީ ނަގަމުންނެވެ.

އެއްބަޔަކު އެމީހުންގެ ވިޔަފާރި ޕްރޮމޯޓުކުރުމަށްވެސް ތިކީގެ ބަހުސް ބޭނުންކުރަމުން ދެއެވެ. ތިރީގައި މިވަނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި އެއްގަމު އުޅަނދުގެ ވިޔަފާރި ކުރާ ކުންފުޏަކުން ކޮށްފައިވާ އިސްތިހާރެކެވެ.

މި ސައިކަލުގެ ނަމަކީ ދިވެހި ބަހެއް ނޫނެވެ. އެހެންނަމަވެސް ތާނައިން ލިޔާނަމަ ލިޔަންޖެހެނީ "ޕީސީއެކްސް"އެވެ. އިސްތިހާރުގައި ފާހަގަކޮށްފައިވަނީ ހުރިހާ ތިއްކެއް އުވާލައިފިއްޔާ ތާނައިން ލިޔަންޖެހޭނީ "ފީސީއެކްސް"ކަމަށެވެ. އޭރު ސައިކަލް ފީވީކަމަށް ނުވާނެބާއެވެ.

ދެން މިއޮތީ ރީބްރޯޑްކާސްޓުކުރާ މަޝްހޫރު ކުންފުންޏަކުން ކޮށްފައިވާ އިސްތިހާރެކެވެ. ބޭރުގެ ކުޅިވަރު ކްލަބްތަކާއި މީސްމީހުންގެ ނަންނަމާއި، ޤައުމުތަކާއި ތަންތަނުގެ ނަންނަންވެސް ތިކިޖެހި އަކުރުތަކާ ނުލައި ތާނައިން ލިޔުމަކީ ވާނެކަމެއްނޫންކަން މިއީ މި އިސްތިހާރުގައި ބުނެދީފައިވާ މެސެޖެވެ.

މިބަހުސްގެ ފަހަތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ބައެއް ކެމްޕެއިން ޕޯސްޓަރުތަކާއި ބައެއް ކެމްޕެއިން މެސެޖުތައްވެސް ފެނެއެވެ. ކޮންމެއަކަސް ތިކީގެ ބަހުސް މިވީ ތަފާތު ބަހުސަކަށެވެ.

2 ޚިޔާލު

  1. ހިތަމައަކީ މިހާރު ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު ސުޕްރީމް ކޯޓުގެ ނިންމުންތަކުންވެސް ތިކިޖެހި ތާނައަށް އިހުމާލުވެފައި ހުއްޓާ ފެނުމެވެ. އެކޯޓުން ނިންމާފައިވާ މައްސަލައެއްގެ ރިޕޯޓުގައި "މައުޟޫޢީ" މި ލަފުޒުގެ ބަދަލުގައި ލިޔެފައިވަނީ "މައުލޫއީ" މިގޮތަށެވެ. ރިޕޯޓުގެ އެތައްތަނެއްގައި މިގޮތަށް ލިޔެފައި އޮތުމުން ދޭހަވަނީ ލިއުމުގެ ކުށަކުން އޮޅިގެން ކުރެވިފައި އޮތް ކަމެއްނޫންކަމެވެ. އެހެންކަމުން، ތިކަމަކީ ޒިންމާދާރު މަޤާމުތަކުގައި މަސައްކަތްކުރާ މީހުންވެސް ގަޞްދުގައި އިހުމާލުވާ ކަމެއްކަން އެނގެއެވެ.

  2. މިއީ ޤައުމުގައި ހިނގާ ނޭނދެވޭ ކަންކަމުންނާއި ލޯކަލް އިންތިޚާބުގެ ކެންޕޭނުން ރައްޔިތުންގެ ފޯކަސް ބަދަލުކޮށްލުމަށް ޓަކައި "ބަޔަކު" ރާވައިގެން ހިންގާ ސިޔާސީ ކުޅިގަނޑކެވެ. އެހެންނޫންނަމަ، މިއަދު ބަހުސްކުރާން މިއީ ކޮން ތާކުންތާޚު ނުޖެހޭ މައްސަލައެއް ހެއްޔެވެ؟ ދިވެހީން ހޭއަރާނީ ފަހެ ކޮން އިރަކުތޯއެވެ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.