އެމެރިކާގެ ރައްޔިތުންގެ ވީހާ ގިނަ ބަޔަކަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ރައީސު ޖޯ ބައިޑަންގެ ސަރުކާރުން މަސައްކަތްކުރަމުން ދާއިރު، އެކަމާ އެންމެ ބޮޑަށް ދެކޮޅު ހަދަމުން ދަނީ ކުރީގެ ރައީސު ޑޮނާލްްޑް ޓްރަމްޕަށް ތާއީދުކުރާ މީހުންނެވެެ. ރައީސު ޓްރަމްޕް މިހާރު މިވަނީ އެކަން ހުއްޓާލުމަށް ގޮަވައިލައްވާފައެވެ.
"އެކަން ކުރަން (ވެކްސިން ޖަހަން) ބޭނުންނުވާ ގިނަ ބައެެއްގެ ކައިރީގައި، އަދި އަހަންނަށް ވޯޓުދިން ގިނަ ބައެއްގެ ކައިރީގައި އެކަން ކުރާށޭ (ވެކްސިން ޖަހާށޭ) ބުނަން އަހަރެން ބޭނުން." ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސު ޓްރަމްޕް ވިދާޅުވިއެވެ.
"އެއީ ވަރަަށް ރަނގަޅު ވެކްސިނެއް. އެއީ ރައްކާތެރި ވެކްސިނެއް. އަދި އެއީ އޭގެ ފައިދާ ފެންނަ ވެކްސިނެއް." ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.
މިއީ ޖަނަވަރީ މަހު ރައީސުކަމުން ވަކިވެވަޑައިގަތް ފަހުން، އެމެރިކާގެ ގައުމީ ވެކްސިން ޕްރޮގްރާމްގެ މަސައްކަތަށް ތާއީދުކުރައްވާކަން ޓްރަމްޕް މިހާ ފާޅުކަން ބޮޑު ގޮތެއްގައި ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.
ދުނިޔޭގައި މީހާރު ތިއްބެވި އެމެރިކާގެ ކުރީގެ ރައީސުން ކަމުގައިވާ ޖިމީ ކާޓަރ، ބިލް ކްލިންޓަން، ޖޯޖް ޑަބްލިޔު ބުޝް އަދި ބަރަކް އޮބާމާ ވަނީ ވެކްސިން ޖެހުމަށް ހިތްވަރުދެއްވައި މީގެ ކުރިން ވާހަކަފުޅުދައްކަވާފައެވެ. އެހެންނަަމަވެސް، މިހުރިހާ ދުވަހު ޓްރަމްޕް އިޚްތިޔާރުކުރެއްވީ ވެކްސިންގެ މައްސަލައިގައި ހަނުހުންނެވުމަށެވެ.
ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާގޮތުގައި އެމެރިކާގައި ވެކްސިން ޖެހުމާ އެންމެ ބޮޑަށް ދެކޮޅުހަދަނީ ރައީސު ޓްރަމްޕްގެ 'މޭކް އެމެރިކާ ގްރޭޓް އެގެއިން' ހަރަކާތަށް ތާއީދުކުރާ މީހުންނެވެ.
ފާއިތުވި ހަފުތާގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ކޮވިޑް-19 ގެ ކަންކަމުގައި ރައީސު ބައިޑަންއަށް ލަފާއަރުވާ އެޑްވައިޒަރު އެންތަނީ ފައުޗީ ވަނީ ވެކްސިން ޖެހުމަށް އޭނާއަށް ތާއީދުކުރާ މީހުންނަށް ގޮވައިލެއްވުމަށް ރައީސު ޓްރަމްޕަށް އިލްތިމާސްކުރައްވާފައެވެ. ފައުޗީ ވިދާޅުވި ގޮތުގައި ޓްރަމްޕަކީ މިހާރުވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ބޮޑު ބޭފުޅެކެވެ.
ރައީސު ޓްރަމްޕް އޭނާއަށް ތާއީދުކުރާ މީހުންނަށް ވެކްސިން ޖެހުމަށް ގޮވާލައްވާފައި މިވަނީ އޭނާއަށް "ކަނޑާ ނަގާފައިވާ ދައުވަތެއް" ލިބެންދެން އިންތިޒާރުނުކުރައްވައި، ވެކްސިން ޖެހުމަށް ހިތްވަރު ދިނުމަށް ހިންގާ ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް އޭނާއަށް ވައިޓް ހައުސްއިން ގޮވާލި ދުވަހުގެ ފަހު ދުވަހުއެވެ.
"އާއްމުންނަށް ހިންގާ ކެމްޕޭނުގައި ދުނިޔޭގައި ތިއްބެވި އެހެން ހުރިހާ ރައީސުން ވަނީ ބައިވެރިވެވަަޑައިގެންފައި. އެކަން ކުރައްވަން އެބޭފުުންނަށް ކަނޑާނަގައި ލިޔެފައިވާ ދައުވަތެއް ބޭނުމެއް ނުވި. އެހެންކަމުން އޭނާ (ޓްރަމްޕ) އަށް ވެސް އެކަންކުރަައްވަން ނިންމެވިދާނެ. އެކަން ކުރައްވައިފިއްޔާ އެއީ ވަރަށް ރަނގަޅު ކަމެއް." ރައީސު ބައިޑަންގެ ޕްރެސް ސެކްރެޓަރީ ޖެން ސާކީ ވިދާޅުވިއެވެ.
އެމެރިކާގެ ގައުމީ ވެކްސިން ޕްރޮގްރާމުގައި މިހާތަނަށް 109 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ވެކްސިން ޖަހާފައި ވެއެވެ. އެއީ އެމެރިކާގެ އާބާދީގެ %21.4 އެވެ. އަދި ދުވަހަކު 2.4 މިލިއަން މީހުންނަށް ދަނީ ވެކްސިން ޖަަހަމުންނެވެ.