"ޔޫޓީއެފް އެއްބަސްވުމުގައި ނުރައްކަލެއް ނެތްނަމަ އެއްބަސްވުން ހާމަކުރުމުން އޮތީ ކޮން ނުރައްކަލެއް؟"

އުތުރު ތިލަފަޅު އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް އެއްވެސް ނުރައްކަލެއް ނެތްނަމަ އެ އެއްބަސްވުން ސިއްރުކުރަންޖެހޭ ސަބަބަކީ ކޮބައިތޯ ސުވާލު އުފެދޭކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ މައްސަލަ ހޫނުވެފައިވާ މިދަނޑިވަޅުގައި ސިފައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ޢުމަރުވަނީ ފާޑުވިދާޅުވެފައެވެ. ސަންގު ޓީވީގައި ވާހަކަފުޅުދައްކަވަމުން ޢުމަރު ވިދާޅުވީ މިމައްސަލާގައި ޑިފެންސް މިނިސްޓަރ ބައިވެރިވެވަޑައި ނުގެން ސިފައިން ވަކިން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަކީ ހަގީގަތް އޮޅުވާލުމަށް ކުރިކަމެއްކަމަށެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުމަކީ އަސްކަރީ އެއްބަސްވުމެއް ނޫންކަމަށް މިހާތަނަށްވެސް މިސަރުކާރުން ވިދާޅުނުވާކަމަށާ ސަރުކާރުން ދައްކަވާ ވާހަކަ ދެކޮޅު ނުޖެހޭކަމަށެވެ. އެގޮތުން އެއްބަސްވުމުގައި ޤައުމީ ސަލާމަތަށް ނުރައްކާ ވާފަދަ އެއްވެސްކަމެއް ނެތްއިރު، އެއްބަސްވުން ހާމަކޮށްގެން ޤައުމީ ސަލާމަތަށް އޮތީ ކޮން ނުރައްކަލެއްތޯ ސުވާލު އުފެދޭކަމަށް ޢުމަރު ވިދާޅުވިއެވެ.

" ޤައުމީ ސަލާމަތަށް ނުރައްކާވާކަމެއްނެތްކަމަށް ބުނޭ. ހަމައެއާއެކީ އެއްބަސްވުން ދައްްކައިފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާވާކަމަށް އެބަބުނޭ. މިލިޓަރީ އެއްބަސްވުމެއްނަމަ މިއެއްބަސްވުން މަޖިލީހަށް ދާންޖެހޭނެ. ސިވިލް އެއްބަސްވުމެއްނަމަ އާންމު ރައްޔިތުންނަށް ހާމަވާންޖެހޭނެ."  ސަންގު ޓީވީގައި އުމަރު ވިދާޅުވިއެވެ.

އިންޑިއާގެ ސަބަބުން ރާއްޖެ މިނިވަންކަމާއި އިސްތިޤުލާލަށް ނުރައްކާވެފައިވާކަމަށް ތުހުމަތުކުރައްވައި އުމަރު ވިދާޅުވީ އިންޑިޔާއިން ރާއްޖޭގައި ހަރަކާތްތެރިވަމުންދަނީ ވަރަށްބޮޑަށް ރޭވިގެންކަމަށެވެ. މިޙާރުވެސް ރާއްޖޭގެ އެކި ސަރަަހައްދުތަކުގައި އިންޑިޔާގެ ސިފައިން ޤާއިމުވެގެން އެބަތިބިކަމަށާ، އެމީހުންގެ މަޤްސަދާއި އެމީހުން މިޤައުމުގައި ކުރަނީ ކޮންކަމެއްކަން ދިވެހިރައްޔިތުނަނަށް ސާފުނުވާކަމަށް ޢުމަރު ވިދާޅުވިއެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ސްކޭން ކޮޕީއެއްކަމަށް ބުނާ ލިއުމެއް ޢުމަރު ނަސީރުވަނީ ލީކުކޮށްލާފައެވެ. މިލިއުމުގައި ވާގޮތުން އުތުރު ތިލަފަޅުގައި އިންޑިއާގެ ސިފައިން ހަތިޔާރާއެކު ދިގުމުއްދަތަކަށް ޤާއިމުވެ ތިބެންވަނީ ހަމަޖެހިފައެވެ. އަދި އެމުއްދަތުގައި އިންޑިއާގެ ހުއްދައެއްނެތި އެހެންޤައުމަކަށްވެސް އަދި ރާއްޖޭގެ އިދާރާއަކަށްވެސް އެސަރަޙައްދަކަށް ބާރެއް ނުހިންގެއެވެ.

ޢުމަރު ލީކުކޮށްލި ލިއުމާގުޅިގެން މަސްރަޙުވަނީ ހޫނުވެފައެވެ. އުތުރު ތިލަފަޅު އެއްބަސްވުން ހާމަކުރުމަށް އެދި އެތައްބަޔަކުދަނީ ޝުޢޫރު ފާޅުކުރަމުންނެވެ. އެހެންނަމަވެސް ސަރުކާން ވިދާޅުވަނީ އެއްބަސްވުން ހާމަކުފެވެން ނެތްކަމަށެވެ. އަދި އެއިން ޤައުމީ ސަލާމަތަށް ނުރައްކަލެއްވެސް ނެތްކަމަށެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކޯސްޑްގާޑްގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްޤީކުރުމާ ބެހޭ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާގެ ސަރުކާރާ ދެމެދު  ސޮއިކުރީ މިދިޔަ ފެބުރުއަރީމަހުގެ 21ވަނަ ދުވަހުއެވެ.

މިމިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙުމަދު ދީދީއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ  އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.ސުބްރަމަނިއަމް ޖައިޝަންކަރެވެ.

މިބަނދަރާއި ޑޮކްޔާޑް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މާލެއަތޮޅު އުތުރު ތުލަފަޅުގައެވެ. އިންޑިއާ ސަރުކާރުން އެއްބަސްވެފައި ވާގޮތުގައި ބަނދަރާއި ޑޮކް ޔާޑް ތަރައްޤީކުރުމައެކު އެތަނަށް ބޭނުންވާ އެންމެހައި ޢުމްރާނީ ވަސީލަތްތަކާއި އިންސާނީ ވަޞީޅަތް ތަރައްޤީކުރުމުގައި އެޤައުމުން އެހީތެތރިވާނެއެވެ.

އެގޮތުން އެބަނދަރުގައި ރާޑަރު ސިސްޓަމް ހަރުކުރުމާއި އެކަމުގެ ޚިދުމަތްތައް ތަރައްޤީ ކުރުމާއި ދިވެހި މުވައްޒަފުން ތަމްރީނު ކުރުންވެސް ހިމެނެއެވެ. އަދި 15 އަހަރުދުވަހުގެ މުއްދަތަކަށް ޑޮކްޔާޑާއި ބަނދަރު މަރާމާތުކޮށް ބެލެހެއްޓުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

ކޯސްޓްގާޑް ބަނދަރަކާއި ޑޯކްޔާޑް ތަރައްޤީކުރުމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ފަށާފައިވާ މަޝްރޫޢެއްކަމަށް މިހާރުގެ ސަރުކާރުން ވިދާޅުވެއެވެ. މިއީ 2016ވަނަ އަހަރުގެ އެޕްރީލްމަހު، ރައީސް ޢަބްދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި "ޑިފެންސް އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން"ގެ ދަށުން ކުރިއަށްދާ މަޝްރޫޢެއްކަމަށް މިސަރުކާރުން ވިދާޅުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.