އުތުރު ތިލަފަޅުގައި ކޯސްޑްގާޑްގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްޤީކުރުމަށް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް ކުރިމަތިވެދާނެފަދަ އެއްވެސްކަމެއް ނެތްކަމަށް އަނެއްކާވެސް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
މިއެއްބަސްވުމާމެދު މިހާރު މުޖުތަމަޢުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ދެކެވޭ ވާހަކަތަކާ ގުޅިގެން އެމްއެންޑީއެފުން ބޭއްބި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، މި އެއްބަސްވުމަކީ ރާއްޖެއަށް އެތައް ގޮތަކުން ފައިދާ ކުރާނެ އެއްބަސްވުމެއް ކަމަށެވެ. އަދި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ގެއްލުންހުރި ކަމަކަށް ދިވެހި އަސްކަރިއްޔާއިން ދުވަހަކުވެސް ޖާގަ ނުދޭނެކަމަށެވެ.
މިއެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ނެތްކަމަށާ، މިހާރު ލީކުވެފައިވާކަމަށްބުނެ ފަތުރަމުންދާ ލިއުމަކީ މިއެއްބަސްވުމެއްވެސް އަދި އޭގެ ޑްރާފްޓެއްވެސް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އެއްވެސް ގޮތަކުން އުތުރު ތިލަފަޅުގެ އެއްބަސްވުމާ ގުޅުންހުރި ލިއުމެއް ނޫންކަމުގައި ޝަމާލް ވިދާޅުވިއެވެ.
" ރާއްޖޭގެ ތާރީޚަށް ބެއްލިޔަސް ދިވެހި ރާއްޖޭގެ އަސްކަރިއްޔާއަކީ އަބަދުވެސް ދިވެހި ރާއްޖޭގެ މިނިވަންކަމައި ސިޔާދަތާއި އިސްތިޤުލާލު ދެމެހެއްޓުމުގައި އެންމެ ކުރީސަފުގައި އެންމެ ވަރުގަދަޔަށް ގުރުބާނީތަކެއް ވެފައިވަ މުއައްސަސާ. ދިވެހި ރާއްޖޭގެ ސަލާމާތާއި މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމެއް މިމުއައްސަސާއިން ނުކުރާނެ." ޝަމާލް ވިދާޅުވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ބްރިގޭޑިއާޖެނަރަލް ޒަކަރިއްޔާ މަންސޫރުވެސް ވަނީ އުތުރު ތިލަފަޅު އެއްބަސްވުން ދިފާޢުކުރައްވައި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ރާއްޖޭގެ ރާއްޖޭގެ މިނިވަންކަން ގެއްލޭނެފަދަ އެއްބަސްވުމަކަށް ދިވެހި އަސްކަރިއްޔާއިން ދުވަހަކުވެސް ޖާގަނުދޭނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ސިފައިންނާ ގުޅޭގޮތުން އަސްލެއްނެތް ދޮގު ވާހަކަތައް ނުފެތުރުމަށް އޭނާވަނީ ގޮވާލައްވާފައެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކޯސްޑްގާޑްގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްޤީކުރުމާ ބެހޭ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާގެ ސަރުކާރާ ދެމެދު ސޮއިކުރީ މިދިޔަ ފެބުރުއަރީމަހުގެ 21ވަނަ ދުވަހުއެވެ.
މިމިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙުމަދު ދީދީއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.ސުބްރަމަނިއަމް ޖައިޝަންކަރެވެ.
މިބަނދަރާއި ޑޮކްޔާޑް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މާލެއަތޮޅު އުތުރު ތުލަފަޅުގައެވެ. އިންޑިއާ ސަރުކާރުން އެއްބަސްވެފައި ވާގޮތުގައި ބަނދަރާއި ޑޮކް ޔާޑް ތަރައްޤީކުރުމައެކު އެތަނަށް ބޭނުންވާ އެންމެހައި ޢުމްރާނީ ވަސީލަތްތަކާއި އިންސާނީ ވަޞީޅަތް ތަރައްޤީކުރުމުގައި އެޤައުމުން އެހީތެތރިވާނެއެވެ.
އެގޮތުން އެބަނދަރުގައި ރާޑަރު ސިސްޓަމް ހަރުކުރުމާއި އެކަމުގެ ޚިދުމަތްތައް ތަރައްޤީ ކުރުމާއި ދިވެހި މުވައްޒަފުން ތަމްރީނު ކުރުންވެސް ހިމެނެއެވެ. އަދި 15 އަހަރުދުވަހުގެ މުއްދަތަކަށް ޑޮކްޔާޑާއި ބަނދަރު މަރާމާތުކޮށް ބެލެހެއްޓުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
ކޯސްޓްގާޑް ބަނދަރަކާއި ޑޯކްޔާޑް ތަރައްޤީކުރުމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ފަށާފައިވާ މަޝްރޫޢެއްކަމަށް މިހާރުގެ ސަރުކާރުން ވިދާޅުވެއެވެ. މިއީ 2016ވަނަ އަހަރުގެ އެޕްރީލްމަހު، ރައީސް ޢަބްދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި "ޑިފެންސް އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން"ގެ ދަށުން ކުރިއަށްދާ މަޝްރޫޢެއްކަމަށް މިސަރުކާރުން ވިދާޅުވެއެވެ.