ޕީޕީއެމް/ޕީއެންސީގެ ކެމްޕެއިން ޖަލްސާގައި ކުރީގެ މިނިސްޓަރ މަލީޙް

ދާދިފަހުން ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމަށް ފާސްކޮށް މަޤާމުން ވަކިކުރި، މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙަންމަދު މަޖިލީޙް ޖަމާލު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެމްޕެއިން ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންފިއެވެ.

މިރޭ ފުވައްމުލަކުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި މަލީޙް ބައިވެރިވެވަޑައިގަންނަވާ މަންޒަރު ފެންނަ ފޮޓޯއެއް ޕީޕީއެމްއިން ވަނީ ޢާއްމުކުރައްވާފައެވެ. މިޖަލްސާގައި މަލީޙު އިންނެވީ އޭނާގެ ބޭބޭފުޅު ކުރީގެ ނައިބުރައީސް އަދި ރައީސް ޔާމީންގެ ޤާނޫނީ ވަކީލް ޑރ.މުޙަންމަދު ޖަމީލް އަޙްމަދުގެ އަރިހުގައެވެ.

މަލީޙް ޖަމާލުގެ އިތުބާރު ނެތްކަމަށް ނިންމައި އޭނާ މަގާމުން ވަކިކުރިތާ މިވީ ބަރާބަރު ހަފްތާއެކެެވެ. އޭނާ މަޤާމުން ވަކިކުރީ މިމަހުގެ ފުރަތަމަ ދުވަހުއެވެ.

މަލީޙް މަގާމުން ވަކިކުރަން ފެންނަ ކަމަށް ވޯޓު ދެއްވައިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އެދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންނެވެ. ނުފެންނަ ކަމަށް 1 މެންބަރަކު ވޯޓު ދެއްވިއެވެ. ވަކި އަތަކަށް ނުޖެހޭ ކަމަށް ވޯޓު ދެއްވީ 4 މެންބަރުންނެވެ.

މަލީޙަށް މަޖިލީހުން އެރުވި އެންމެ ފަހުގެ ފުރުސަތުގައި އެމަނިކުފާނު ވިދާޅުވީ ހަދާފައިވާ ގަވާއިދެއް ނުހަދާ ކަމަށް ވިދާޅުވެ މެންބަރުން އިތުރުފުޅު ހައްދަވައިގެން އޭނާ މަގާމުން ވަކި ކުރައްވަން އުޅުއްވާ ކަމަށެވެ. މަލީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުއްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވި ގޮތުގައި ކޮމިއުނިކޭޝަން އޮތޯރިޓީގެ ގަވާއިދު ހަދާފައި ވަނީ މަލީހްގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ފަހުން ތެޅިގަނެގެން ކުއްލިއަކަށް ކުރި މަސައްކަތެއްގެ ގޮތުގައެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި އެހައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އެހައި އަވަހަށް ކުރެވެން އޮތް ކަމެއް ނުކޮށް ދިގު ުއްދަތެއް ވާންދެން ތިބިތިބުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ގަވާއިދު ހަދާފައި ވަނިކޮށް ދޮގު ހައްދަވައިގެން މައްސަލަ ހުށަހެޅުއްވީ ކަމަށް މަލީޙް ވިދާޅުވީމާ ގަވާއިދު ހެދީ ކޮން ތާރީޚެއްގައިތޯ މީކާއީލް ސުވާލު ކުރެއްވިއެވެ. އަދި އޮޅުވައިލައްވާން އެމަނިކުފާނު އުޅުއްވާ މައްސަލަ ބަލަން ވާނޭ ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.

މި ވާހަކަފުޅުތަކާ ގުޅިގެން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މަލީހް ދެއްކެވި ވާހަކަފުޅު މަޖިލީހުން ތަހުގީު ކުރައްވާނޭ ކަމުގައެވެ. މަޖިލީހުގައި އިތުރުފުޅު ހެއްދެވި ކަމަށް ސާބިތު ވެއްޖެނަމަ ދައުވާ ކުރަން ޕީޖީއަށް ފޮނުއްވާނޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.