އާއްމު ތަންތަނުގައި މޫނުބުރުގާ އެޅުން މަނާކުރަން ސްވިސް މީހުން ތާއީދުކޮށްފި

އާއްމު ތަންތަނުގައި މޫނުބުރުގާ އެޅުމާމެދު ރައްޔިތުގެ ޚިޔާލު ހޯދުމަށް ސްވިޒަލޭންޑުގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި އެކަން މަނާކުރުމަށް އެގައުމުގެ ރައްޔިތުން ތާއީދުކޮށްފިއެވެ.

ސްވިޒަލޭންޑުގެ މިސްކިތްތަކުގައި މުންނާރު ބިނާކުރުން މަނާކުރަން ޚިޔާލު ހޯދުމުގެ ވޯޓަކަށް 2009 ވަނަ އަހަރު ހުށަހަޅައި އެކަން ކާމިޔާބުކުރި ކަނާތު ފިޔައިގެ ހަރުކަށި މީހުންގެ ހުށަހެޅުމަކަށް މިއަދު އޮތް ވޯޓުލުމުގެ ރަސްމީ ނަތީޖާ ދައްކާގޮތުން ސްވިސް މީހުންެގެ %51.2 މީހުން ވަނީ މޫނު ބުރުގާ އެޅުން މަނާކުރުމަށް ތާއީދުކޮށްފައެވެ.

މި ނަތީޖާގެ މާނައަކީ ސްވިޒަލޭންޑުގައި އާއްމުތަންތަނަށް ނުކުމެ އުޅޭއިރު މޫނު ނިވާކޮށްގެން އުޅުމަކީ މަނާކަމަކަށް ވުމެވެ. ކޮވިޑް-19 އިން ދިފާއުވުމަށް އަޅާ މާސްކު އެޅުން މިކަމުން އިސްތިސްނާވާނެއެވެ.

ސްވިޒަލޭންޑުގެ 'ޑައިރެކްޓް ޑިމޮކްރަސީ' ސިސްޓަމްގައި ގާނޫނީ މުހިއްމު ކަންކަން ނިންމުމުގައި ސްވިޒަލޭންޑުގެ 18 އަހަރުން މަތީގެ މީހުންގެ ޚިޔާލު ހޯދައެވެ. މިފަދަ ޚިޔާލު ހޯދުމުގެ ވޯޓު އަހަރަކު ތިންހަތަރު ފަަހަރު ބާއްވައެވެ.

މިއަދު ޚިޔާލު ހޯދުމުގެ ވޯޓުގައި މުސްލިމް އަންހެނުންގެ ވާހަކަ އައިސްފައި ނުވިނަމަވެސް، މިއަދުގެ ވޯޓުގެ ނަތީޖާއަކީ މުސްލިމުން އަންހެނުނަށް މޫނުބުރުގާ އަޅައިގެން އާއްމު ތަންތަނުގައި އުޅުން މަނާވުމެވެ. ދީނީ މުއައްސަސާތަކުގައްޔާއި، ސަގާފީ ކާނިވަލް ފަދަ ތަންތަަނުގައި މޫނުބުރުގާ އެޅުމާއި، ސިއްހީ ސަބަބަކަށްޓަކައި މޫނު ނިވާކުރުން މިކަމުން އިސްތިސްނާ ވާނެއެވެ.

މިއަދުގެ ވޯޓުގެ ނަތީޖާގައިވާ ގޮތަށް ބުރުގާ މަނާކުރުމާ ބެހޭ ތަފްސީލީ ގާނޫނު ހެދުމަށް ސްވިސް ސަރުކާރަށް ދެ އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

މޫނުބުރުގާ އެޅުން މަނާކުރުމާ ސްވިޒަލޭންޑް ސަަރުކާރުން ދެކޮޅެވެ. ފާއިތު ޖަނަވަރީ މަހުގެ މެދުތެރޭގައިވެސް ސްވިސް ސަރުކާރުން ވަނީ އެކަން މަނާކުރުމަށް ތާއީދު ނުކުރުމަށެވެ. މިފަދަ ގާނޫނެއް ފާސްކޮށް އަމަލުކުރަން ފަށައިފިނަމަ މޫނުބުރުގާ އަޅާ އަންހެނުން ގިނަ އަރަބި ގަލްފުގެ ގައުމުތަކުން ސްވިޒަލޭންޑަށް އަންނަ ފަތުރުވެރިން ވަރަށް ބޮޑަށް މަދުވެ ފަތުރުވެރިކަން ހީނަރުވާނެކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުން އިތުރަށް ބުނެފައިވާ ގޮތުގައި ސްވިޒަލޭންޑުގައި އުޅޭ މުސްލިމުންގެ ތެރޭގައި މޫނުބުރުގާ އަޅާ މީހުން ވަރަށް މަދެވެ. އެހެންކަމުން ބުރުގާ މަނާކުރުމަކީ އަމަލީގޮތުން ބަލާއިރު، ބޭނުންތެރި ކަމެއްވެސް ނޫނެެވެ.

ޔޫރަޕްގެ އެެހެން ގަމުއުތަކަށް ބަލާއިރު ފްރާންސާއި ޑެންމާކުންވެސް ވަނީ އާއްމު ތަންތަނުގައި މޫނުބުރުގާ އަޅައިގެން އުޅުން މަނާކޮށްފައެވެ.

ސްވިޒަލޭންޑުގެ 8.6 މިލިއަން މީހުންގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ %5 އެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.