ކޮވިޑް-19 ގެ ސަބަބުން ގެއްލުންވެފައިވާ މީހުންނަށް އެހީވުމަށް އެމެރިކާގެ ރައީސު ޖޯ ބައިޑަން ހުށަހުޅުއްވި، 1.9 ޓްރިލިއަން އެމެރިކާ ޑޮަލަރުގެ އެހީގެ ޕެކޭޖް އެމެރިކާގެ ސެެނެޓުގެ ހަނި އަޣުލަބިއްޔަތަކުން ފާސްކޮށްފިއެވެ. އެއްކޮޅަށް 50 ސެނެޓަރުން އަދި ދެކޮޅަށް 49 ސެނެޓަރުން ވޯޓު ދެއްވި މި ބިލް ފާސްކުރުމަަށް އެބޭފުޅުން ވޯޓުދެއްވާފައި ވަނީ ޕާޓީ ފިކުރާ އެއްގޮތަށެވެ.
އެމެރިކާގެ އިގްތިސާދުގެ ދިހަބައިކުޅަ އެެއްބައި ވަރުގެ ބިޔަ ޕެކޭޖް ފާސްވީ ސެނެޓުގައި ކުރިއަށް ދިޔަ އުނދަގޫ، ދިގު ބަހުސުތަކަކަށް ފަހުގައެވެ. އަދި އިދިކޮޅު ރިޕަބްލިކަން ޕާޓީން ހުށަހެޅި 36 އިސްލާހެއް ފާސްނުވެ ދިއުމަށް ފަހުގައެވެ.
މި ޕެކޭޖްގެ ތެރެއިން 400 ބިލިއަން ޑޮލަރު ހޭދަކުރުމަށް ހަމަޖެހިފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ބޮޑެތި އިގްތިސާދީ ދަތިތަކެއް ތަހައްމަލްކުރަމުންދާ އެމެރިކާ އާއިލާތަކަށް އެހީވުމަށެވެ. މިފަދަ އާއިލާތަކުގެ ކޮންމެ މީހަކަށް 1400 ޑޮލަރު ދެވޭނެއެެެވެ.
ކޮވިޑް-19 ގެ ސަބަބުން ވަަޒީފާ ގެއްލިފަައިވާ 9.5 މިލިއަން އެމެރިކާ މީހުންނަށް މާލީ އެހީ ދިނުމަށް ވެސް މި ބިލުގައި ހިމަނާފައި ވެއެވެ. މިފަދަ މީހުންނަށް ހަފުތާއަކު 300 ޑޮލަރުގެ އެލަވަންސެއް ދެވޭނެއެވެ. އަދި ކޮވިޑް-19 ގެ ސަބަބުން އިގްތާދީ ދަތިތައް ކުރިމަތިވެފައިވާ ސްޓޭޓްތަކަށް އެހީވުމަށް މި ޕެކޭޖުގައި 350 ބިލިއަން ޑޮލަރު ކަނޑައަޅާފައި ވެއެެވެ.
މި ޕެކޭޖަކީ ރައީސު ބައިޑަންގެ ރިޔާސީ ވައުދެކެވެ. އަދި އަހަރެއްހާ ދުވަހަށް ދެމިގެން ގޮސްފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާއި، އެކަމުގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ބައިޑަން އެކުލަވާލެއްވި ޕްލޭނެވެ.
"ގައުމު މިވަނީ މާ ދިގު މުއްދަތަކަށް މާ ބޮޑަށް ވޭން އުފުލާފައި.... އަދި މި ބިލުގައިވާ ކޮންެމެ ކަމެއް ފަރުމާކުރެވިފައި ވަނީ މި ވޭނުން އަރައިގަނެ، ގައުމަށް އެެންމެ އަވަހަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށް." ވައިޓް ހައުސްގައި ވާހަަކަފުޅުދައްކަވަމުން ރައީސު ބައިޑަން ވިދާޅުވިއެވެ.
"45 ދުވަސްކުރި އަހަރުމެން ވެރިކަމާ ހަވާލުވީއިރު އެމެރިކާ ރައްޔިތުން ގާތު ބުނެފައި ވާނެ އެހީ ވަނީ އައުމުގެ މަގުމަތީގައޭ. މިއަދު އަަހަރެންނަށް ބުނެވިދާނެ އެއެއީ ފޯރުކޮށްދިނުމަށްޓަކައި އަހަރުމެން މިވަނީ ބޮޑު ފިޔަވަޅެއް ކުރިއަށް އަޅާފައޭ." ރައީސު ބައިޑަން ވިދާޅުވިއެވެ.
ދުނިޔޭގައި ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް ގައުމު ކަމަށްވާ އެމެރިކާގައި މިހާތަނަށް 28.9 މިލިއަން މީހުން މި ބައްޔަަށް ޕޮޒިޓިވްވެފައި ވާއިރު، 5 ލައްކައަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.