ރާއްޖެއިން އިތުރު 98 މީހުން ކޮވިޑް-19އަށް ޕޮޒިޓިވެއްޖެއެވެ. މިއީ ފެބްރުއަރީ 2ވަނަ ދުވަހުގެ ފަހުން 100އިން ދަށަށް ޕޮޒިޓިވް ޢަދަދު ތިރިވި ފުރަތަމަ ދުވަހެވެ. ފެބްރުއަރީ ދެވަނަ ދުވަހު ޕޮޒިޓިވްވީ 99 މީހުންނެވެ.
ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިހާރުވަނީ 20,663 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ 18:00އިން މިއަދުގެ 18:00އަށް ރާއްޖެއިން އަލަށް ޕޮޒިޓިވްވި 118 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 78 މީހަކާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 6 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 14 މީހެކެވެ.
މިއަދު މިބަލިން ރަނގަޅުވީ 143 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 17,979 މީހުން ވަނީ ރަނގަޅުވެފައެވެ. މިހާރު ކޮވިޑް-19ގެ ބަލިމީހުންގެ ގޮތުގައި ފަރުވާދެމުންދަނީ 2,613 މީހުންނަށެވެ. މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 161 މީހުންނަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 4,318 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް ޖުމްލަ 548,499 ސާމްޕަލްވަނީ ނަގާފައެވެ.
ކޮވިޑް-19ގައި ރާއްޖެއިން ނިޔާވެފައިވަނީ 64 މީހުންނެވެ. އެއީ 56 ދިވެހިންނާއި، 8 ބިދޭސީންނެވެ.