ޕާކިސްތާނުގެ ގާނޫނުހަދާ މަޖިލީީހުގެ މަތީގެ، ސެނެޓަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި، އެ ގައުމުގައި ވެރިކަންކުރާ ޕާކިސްތާން ތަހްރީކެ އިންސާފް (ޕީޓީއައި) ގެ މުހިއްމު ކެންޑިޑޭޓަކު ބަލިވުމާ ގުޅިގެން، ގާނޫނުހަދާ މަޖިލީހުގައި އިތުބާރު އޮތްކަމުގެ ވޯޓެއް ނަންގަވަން ބޮޑުވަޒީރު އިމްރާން ޚާޏް ނިންމަވައިފިއެވެ.
ސެނެޓުގެ 86 ގޮނޑީގެ ތެރެއިން 48 ގޮނޑިއަށް މެންބަރުން ހޮވުމަށް ވޯޓުލުން ކުރިއަށް ދިޔައީ އިއްޔެވެ. ޕާކިސްތާނުގެ ސެނެޓަށް މެންބަރުން އިންތިޚާބު ކުރަނީ 6 އަހަރުގެ ދައުރަކަށެވެ. ކޮންމެ 3 އަހަރަކުން ދެބައިކުޅަ އެއްބައި ގޮނޑިއަށް ވޯޓުލާ ގޮތަށެެވެ. ސެނެޓުގެ މެންބަރުން ހޮވުމަށް ވޯޓުލަނީ ޕްރޮވިންޝަލް އެސެންބްލީތަކާއީ، ނޭޝަނަލް އެސެންބްލީ (ގާނޫނުހަދާ މަޖިލީހުގެ ދަށުގެ) ގެ މެންބަރުންެނެވެ.
ޕީޓީއައިއިން އިންތިޚާބުގައި ބޮޑު ކުރިއެރުމެއް ހޯދައި، ސެނެޓުގައި އެޕާޓީގެ ގޮނޑި 14 ިއން 26 އަށް އިތުރުކުރިނަމަވެސް އެޕާޓީއަށް ވަނީ ސެނެޓުގެ މުހިއްމު ގޮނޑިއެެއް ގެއްލިފައެވެ. ސެެނެޓުގައި އިސްލާމްއާބާދު ތަމްސީލުކުރައްވާ މެންބަރު އަދި ޕާކިސްތާނުގެ ފިނޭންްސް މިނިސްޓަރު ޢަބްދުލް ޙަފީޒު ޝޭޚް ބަލިކުރައްވައި އެ ގޮނޑި ކާމިޔާބުކުރެއްވީ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) ގެ ކެންޑިޑޭޓް އަދި ކުރީގެ ބޮޑުވަޒީ ޔޫސުފު ރަޒާ ގީލާނީއެވެ.
މި ނާކާމިޔާބީއަކު ބޮޑުވަޒީރު އިމްރާން ޚާން ނިންމަވާފައި ވަނީ ގާނޫނުހަދާ މަޖިލީހުގައި އޭނާއަށް އިތުބާރުއޮތް ކަމުގެ ވޯޓެއް ނެގުމަށެވެ. އިދިކޮޅު ޕާޓީތަކުން ވަނީ މިވޯޓުގައި އިމްރާން ޚާން ބަލިކޮށް އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށާފައެވެ.
53 ގޮނިޑިއާއެކު އިދިކޮޅު ޕާޓީތަކުން ސެނެޓް ކޮންޓުރޯލުކުރި ނަމަވެސް ނޭޝަނަލް އެސެންބްލީގަައި އަޣުލަބިއްޔަތު އޮތީ ބޮޑުވަޒީރު އިމްރާން ޚާން ޕީޓީއައި އަށެވެ. 342 ގޮނޑީގެ މަޖިލީހުގައި ޕީޓީއަައިގެ 178 މެންބަރުން ތިއްބަވައެވެ. އަދި ކުދި ބައެއް ޕާޓީތަކުގެ ތާއީދުވެސް އެޕާޓީއަށް އޮެވެއެވެ.
ފިނޭންސް މިނިސްޓަރުގެ ގޮނޑި ގެއްލުމާއެކު އޭނާ ވަޒީރުކަމުން ވަކިވާނެއެވެ. އިހްތިރާމު ލިބިވަޑައިގެން ހުންނެވި އިކޮނޮމިސްޓެއް އަދި ވާލްޑް ބޭންކުގެ ކުރީގެ އޮފިޝަލެއް ކަމުގައިވާ ޢަބްދުލް ޙަފީޒް ޝޭޚް މިނިސްޓަރުކަމުން ވަކިވުމުން ޕާކިސްތާނުގެ ވިޔަފާރިވެރިން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޕާކިސްތާނުގެ އިގްތިސާދާމެދު ދުނިޔޭގެ އިތުބާރުގެއްލި، އިގްތިސާދީ ހާލަތު އިތުރަށް ގޯސްވެދާނެތީއެވެ.