ރާއްޖެއިން މިރޭ އިތުރު 186 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ 18:00އިން މިއަދުގެ 18:00އަށް ރާއްޖެއިން އަލަށް ޕޮޒިޓިވްވި 186 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 152 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން 23 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 10 މީހަކާއި ސަފާރީތަކުން ޕޮޒިޓިވްވި މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދަކީ 19,979 އެވެ.
މިއަދު މިބަލިން ރަނގަޅުވީ 94 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 17,343 މީހުން ވަނީ ރަނގަޅުވެފައެވެ. މިހާރު ކޮވިޑް-19ގެ ބަލިމީހުންގެ ގޮތުގައި ފަރުވާދެމުންދަނީ 2,567 މީހުންނަށެވެ. މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 181 މީހުންނަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 4,247 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް ޖުމްލަ 527,850 ސާމްޕަލްވަނީ ނަގާފައެވެ.
ކޮވިޑް-19ގައި ރާއްޖެއިން ނިޔާވެފައިވަނީ 62 މީހުންނެވެ. އެއީ 54 ދިވެހިންނާއި، 8 ބިދޭސީންނެވެ.