ފާއިތުވި އަހަރުތަކުގައި އީރާނުގެ އިގުތިސާދަށް ކުރިމަތިވެފައިވާ އިގުތިސާދީ ތަރައްގީ ސުމަކަށް ވުރެ ދަށުގައި ހުރުމާއި، އިންފްލޭޝަން މަތިވުމާއި، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް ފަދަ ކަންކަމުގެ އިތުރަށް، މާ ބޮޑު މައްސަލައެއް ކުރިމަތިވެފައިވާކަން ހާމަވެއްޖެއެވެ.
އެއީ ގިނަ އަދަދެއްގެ ފައިސާ އީރާނުގެ އިގުތިސާދުން ބޭރުވެ އަވަށްޓެރި ގައުމުތަކުގެ އިންވެސްޓްމަންޓްތަކަށް ދިއުމެވެ.
މިކަން ހާމަކުރެއްވީ ތެހެރާނުގެ ޗެމްބާ އޮފް ކޮމާސްގެ ރަައީސު މަސްޢޫދު ޚާންސާރީއެވެ. އޭނާ ވިދާޅުވީ ކަށަވަރުވެފައިވާ ހިސާބުތަކުން ދައްކާގޮތުގައި ފާއިތިވި ނުވަ އަހަރުދުވަހުގެ ތެރޭގައި އީރާނު މީހުންގެ ވިޔަފާރީގެ ރައުސުމާލު (ކެޕިޓަލް) ގެ ތެރެއިން 100 ބިލިއަން ޑޮލަރު ގައުމުން ބޭރުވެރިވާ ކަމުގައެވެ. މީގެތެރޭން ބޮޑު ބައެއް ގޮސްފައި ވަނީ އަވަށްޓެރި ގައުމުތަކުގައި ބޯހިޔާވަހިކަމުގެ ދާއިރާގައި އިންެވެސްޓުކުރުމަށެވެ.
އީރާނުން ބޭރުވި ގިނަ އަދަދެއްގެ އިސްވެސްޓްމަންޓުގެ ފައިދާ އަވަށްޓެރި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށާއި، ޖޯޖިޔާއަށް ކޮށްްފައިވާއިރު، އެންމެ ބޮޑު ފައިދާއެއް ކޮށްފައިވަނީ އަވަށްޓެރި ތުރުކީގެ ފަތުރުވެރިކަމާއި، ބޯހިޔާވަހިކަމުގެ ދާއިރާއަށެވެ.
ތުރުކީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2109 ވަނަ އަހަރު އީރާނުގެ 2.1 މިލިއަން ފަތުރުވެރިން ތުރުކީއަށް ޒިޔާރަތްކޮށްްފައި ވެއެެވެ. އަދި އެމީހުން ބޮލަކަށް 693 ޑޮަލަރުގެ ނިސްބަތުން ޚަރަދުކޮށްފައި ވެއެވެ. މީގެ އިތުރަށް ތުރުކީން ގެދޮރު ގަންނަ، އެގައުމުގައި އެދާއިރާގައި އިންވެސްޓްކުރާ ބޭރު މީހުންގެ ތެރޭގައި އެންމެ ކުރީގައި ތިބީ އީރާނު މީހުންނެވެ.
ތުރުކީގެ ތަފާސް ހިސާބުތަކާ ބެހޭ އިދާރާ، ޓާކީ ސްޓެޓިސްޓިކަލް އިންސްޓިޓިއުޓް (ތުރްކުސްޓެޓް) ގެ ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 2020 ވަނަ އަހަރު އީރާނު މީހުން ތުރުކީން 7198 ގެ ނުވަތަ އެޕާޓްމަންޓް ގަނެފައި ވެއެވެ. އެހެންކަމުން، ތުރުކީން ގެ ގަތް ބޭރުމީހުންގެ ލިސްޓުގެ އެންމެ ކުރީގައި ވަނީ އީރާނު މީހުންނެވެ.
އިގުތިސާދީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި އީރާނުގެ އިގުތިސާދުން ފައިސާ ބޭރުވެގެން ދިއުން ހުއްޓި، އީރާނުގައި ފައިސާ ހިފެހެއްޓޭނީ އެމެރިކާއިން އެ ގައުމާ ދެކޮޅަށް އަޅާފައިވާ އިގުތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިގެންނެވެ.